ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދަމުންދާއިރު، ސަރުކާރުން އަނެއްކާވެސް ބޮޑު ޚަރަދެއް ހިނގާނެ މަޝްރޫޢެއް ފަށަން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ހެލިކޮޕްޓަރު މެދުވެރިކޮށް އެއަރ އެމްބިއުލަންސްގެ ޚިދުމަތާއި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށް ރޭވިފައިވެއެވެ. އަދި ހަމައެހެންމެ، ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރީގެ އުސޫލުން ފަސިންޖަރުން އުފުލުމަށްވެސް މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.
ނަމަވެސް، މިހާރުވެސް ރާއްޖޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑުގެ ވައިގެ ޓެކްސީގެ (ސީޕްލޭން) ޚިދުމަތް ދެމުންދާއިރު، އަދި އިތުރު ހެލިކޮޕްޓަރު ޚިދުމަތެއް ތަޢާރަފުކުރުމުގެ ބޭނުމަކީ ކޮބައިތޯ އެތައް ބަޔަކު ސުވާލު އުފައްދަމުންދެއެވެ. ޚާއްޞަކޮށް ރަށްރަށުގެ 95 އިންސައްތަ ޕްރޮޖެކްޓްތައް ހުއްޓާލައި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ސަރުކާރަށް ދަތިވަމުންދާ މި ދަނޑިވަޅުގައި މިފަދަ ބޮޑު ޚަރަދެއް ކުރުމަކީ އެކަށީގެންވާ ކަމެއްތޯ ސުވާލު އުފެދެއެވެ.
މިހާރު ރައީސް މުޢިއްޒު އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއަރ މަތިންދާބޯޓު ރެސްކިއު އަދި މެޑިކަލް އޮޕަރޭޝަންތަކަށް ބޭނުންކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ. މި ހާލަތުގައި ޚަރަދުކޮށް ހެލިކޮޕްޓަރު ޚިދުމަތެއް މެޑިކަލް ބޭނުމަށް ތަޢާރަފުކުރަން އުޅުމަކީ ޗައިނާގެ ނުފޫޒުގެ ދަށުން ކުރެވޭ ކަމެއްކަމަށް ބެލެވެއެވެ. ޗައިނާގެ ކުންފުންޏަކަށް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއްވެސް ޚުދޫދެއް ނެތި ދަތުރުކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއްކަމަށް ބެލެވެއެވެ.
ޤައުމަށް މިކަމުން ޖެހިފައިވާ ބޭނުމެއް ނެތި، މިހާ ބޮޑު ޚަރަދެއް ކުރަން ޖެހިގެން ދިޔުމަކީ ރައްޔިތުންނަށް ދޭން ހުރި ޚިދުމަތްތައް ނިކަމެތިވެގެންދާނެ ކަމެކެވެ. މިހާރުވެސް އާސަންދަ ޚިދުމަތް ބައެއް އިންޑިޔާގެ ހޮސްޕިޓަލް ތަކުން ވަނީ ކަނޑާލާފައެވެ.
އީއޯއައި ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީހަކީ މި މަހުގެ 19 ވަނަ ދުވަސް ކަމުން، މިހާ ކުޑަ މުއްދަތެއް ދީފައި މިވަނީ ސަރުކާރުގެ ކޮރަޕްޓް ބަޔަކު ބޭނުންވާ ކުންފުންޏެއް މިކަމަށް ހޯދައި އިތުރު ބަޔަކަށް މިއަށް ނުވަދެވޭ ގޮތް ހެދުމަށް ކަމަށް ބެލެވެއެވެ. މިއީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކުރެވޭ ކަމެއްކަމުގެ ޝައްކު އުފެދެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވަމުންދާއިރު، އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މިފަދަ ބޮޑު ޚަރަދެއް ކުރުމަކީ ޤައުމުގެ މާލީ ހާލަތަށް އިތުރު ބުރައެއް ލިބޭނެ ކަމެކެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، ސަރުކާރުން މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް މިފަދަ ނާޒުކު އިޤްތިޞާދީ ދަނޑިވަޅެއްގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ދެފުށް ފެންނަ ގޮތަށް މަޢުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ، މި މަޝްރޫޢުގެ ފަހަތުގައި އޮތް ސިޔާސީ މަޤްޞަދު ސާފުކޮށް ބަޔާންކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.