ރާއްޖޭގެ އިމިގްރޭޝަން އޮފިސަރުންނަށް ޗައިނާ ބަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައި، އެ ޕްރޮގްރާމް ނިމުމަކާ ހަމައަށް އައުމުން، އެ އޮފިސަރުން ލައްވައި ޗައިނާގެ އެމްބަސަޑަރަށް ލަވަ ކިޔައި ދީ، ސްޓޭޗް މަތީ ޝޯއެއް ދިނުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދުނު މައްސަލައެކެވެ.
ބޭރު ބަހެއް ދަސްކުރުމަކީ ހަމަ ޔަޤީނުންވެސް ބޭނުންތެރި އަދި މުހިންމު ކަމެކެވެ. ޚާއްޞަކޮށް، އިމިގްރޭޝަން އޮފިސަރުންނަށް އެކި ބަސްބަހުން މުޢާމަލާތްކުރަން އެނގުމަކީ އެ ބޭފުޅުންގެ މަސައްކަތަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެކެވެ. އެހެންނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުން އޮތީ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވުނު ޙަފްލާގެ ބާވަތާ މެދުގައެވެ.
ދައުލަތުގެ މުވައްޒަފުން، ޚާއްޞަކޮށް ޔުނިފޯމް އަޅައިގެން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ތިބޭ އިމިގްރޭޝަން އޮފިސަރުން ލައްވައި ބޭރު ޤައުމެއްގެ އެމްބަސަޑަރަށް ޝޯއެއް ދިނުމަކީ އެ މުވައްޒަފުންގެ ޤަދަރާއި ޝަރަފަށް އުނިކަން އަންނަ ކަމެކެވެ. މީގެ އިތުރުން، މިފަދަ ޙަރަކާތްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުސީދާ ގޮތެއްގައި އަސަރު ކުރާނެ ކަންކަމެވެ. އަދި އެހެން ޤައުމު ތަކުން ދިވެހިންގެ މިނިވަންކަމާއި މެދު ދެކޭ ގޮތް ބަދަލުވެގެން ދާނެ ކަމެކެވެ. މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެއްވެސް ބަޔަކު ކުރާ ކަހަލަ ކަންކަމެއް ނޫނެވެ.
އިމިގްރޭޝަންގެ އޮފިސަރުންނަކީ ބޭރުގެ އެމްބަސަޑަރުންނަށް ޕާފޯމަންސްކޮށްދޭ ބައެއް ނޫނެވެ. އެއީ ހައިބަތު ހުރި، ދިވެހިންގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް، ކޮންމެ ކޮންމެ މީހަކަށް ރާއްޖެ ނުވަދެވޭނެ ކަން އަންގައި، އެ ޤައުމީ ވާޖިބުގައި ތިބޭ މަތިވެރި ބައެކެވެ. އެމީހުންގެ އިއްޒަތާއި އަބުރާއި ކަރާމާތް އެއީ ޤައުމިއްޔަތުގެ ބައެކެވެ. އެމީހުންނަކީ ބޭރުގެ ބަސްބަހުން ލަވަ ކިޔައި، ބޭރުގެ ޤައުމުތަކުގެ މީހުން ހިތް ރުއްސަން، ނާޗަރަންގީ ކުޅެދޭން ޖެހޭ ބައެއް ނޫނެވެ. އެމީހުންގެ ގަދަރު ކުޑަކޮށް، ކުޑަ ބޮއްތަކެއްގެ ދަރަޖަ ދިނުމަކީ ގައުމަށް ވެވޭ ގައްދާރު ކަމެކެވެ.
އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ ތިބުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެހެންކަމުން، މިފަދަ ޙަރަކާތްތައް ރޭވުމުގައި އަޅުގަނޑުމެންގެ ޤައުމީ ހުރުމަތާއި މިނިވަންކަން ހިފެހެއްޓުމަށް ގެންގުޅޭ ހަމަތައް އިސްކުރުމަށް ސަމާލުކަން ދޭންޖެހެއެވެ. ދިވެހިރާއްޖެއަށް ޤައުމިއްޔަތު ގެނައުމުގެ ބަދަލުގައި މުއިއްޒު ގެންނަމުން ގެންދަނީ ޗައިނިއްޔަތެވެ.