ޚަބަރު

ދަރަންޏާއި، މާލީ ސިޔާސަތާއި ބެހޭ ގޮތުން މަޝްވަރާކުރާ ކޮމިޓީ މުއިއްޒު އަންގައިގެން ސިއްރުކޮށްފި! ރާއްޖެ ބަނގުރޫޓު ވަމުން ދާކަން ދަނީ ސިއްރު ކުރަމުން!

ދިޔަވަރު
ދަރަންޏާއި، މާލީ ސިޔާސަތާއި ބެހޭ ގޮތުން މަޝްވަރާކުރާ ކޮމިޓީ މުއިއްޒު އަންގައިގެން ސިއްރުކޮށްފި! ރާއްޖެ ބަނގުރޫޓު ވަމުން ދާކަން ދަނީ ސިއްރު ކުރަމުން!

މެދު ރާސްތާގެ މާލީ އަދި ދަރަނީގެ ސިޔާސަތު އަންގައިދޭ ބަޔާން މަޝްވަރާކުރަން ބާއްވާ ކޮމިޓީ ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވެރިން ހާޒިރުކޮށްގެން ބާއްވާ މި ކޮމިޓީ ސިއްރުކުރަން މާލިއްޔަތު ކޮމިޓީން ނިންމީ ފިނޭންސް މިނިސްޓްރީއިން އެގޮތަށް އެދިގެންނެވެ. އަދި ފިނޭންސް އިން މި ގޮތަށް އެދިފައިވަނީ ރާއްޖެ ބަނގުރޫޓު ވުމާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަން ސިއްރުކޮށް، މިސަރުކާރުން އެކަމާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނެތި ހާސްވެފައިވާލެއް ބޮޑު ކަމުންނެވެ.

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ވޯޓަށް އަހާފަ އެވެ.

"މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގަންނަވަނީ އެ ދެ މައްސަލައިގައި ސިއްރުކޮށް ކޮމިޓީ ބާއްވައިގެން ގެންގޮސް ދިނުމަށް" އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި ވޯޓަށް ހުޅުވާލުމުން ފިނޭންސުން އެދުނު ގޮތަށް ކޮމިޓީ ސިއްރުކޮށްފައި ބާއްވަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

މި ހުށަހެޅުން ފާސްވީ ދެ ފަހަރު މަތިން ވޯޓަށް އަހައިގެން ފަސް މެމްބަރުންގެ ތާއީދާއެކީގަ އެވެ.

ފިސްކަލް ސްޓްރެޓަޖީ އާއި ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާން މަޝްވަރާކުރާ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ފިނޭންސުން ހުށަހެޅިއިރު، ކުރިން މި މަޝްވަރާތައް ކުރަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި 2018 އިން ފެށިގެން މި ބަޔާންތައް ގަވާއިދުން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި އެބަހުއްޓެވެ.