އިސްލާމިކް މިނިސްޓަރު ޝަހީމު ކަމަށް ބެލެވޭ މީހަކު ބަދު އަހުލާގީ އަމަލު ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިޔާގައި ލީކުވެއްޖެއެވެ. މި ވީޑިއޯތައް ލީކުކޮށްލާފައިވަނީ ހަސަން ކުރުސީ ކިޔާ އެކައުންޓުންނެވެ. ފުރަތަމަ ވީޑިޔޯގައި ފެންނަނީ ޝަހީމު ކަމަށް ބެލެވޭ މި މީހާ އަންހެނެއްގެ ހެދުން ބާލުވާތަނެވެ. އަދި ދެވަނަ ވީޑިޔޯގައި ފެންނަނީ އެ އަންހެން މީހާ އާއި ގައިގޯޅިވާ މަންޒަރެވެ. ހަސަން ކުރުސީ އެކައުންޓުން ހާމަކޮށްފައިވާގޮތުގައި މިއީ ޝަހީމު 2012 ވަނަ އަހަރު މެލޭޝީޔާގައި ނަގާފައިވާ ވީޑިޔޯއެކެވެ. އަދި ވީޑިޔޯ އަޕްލޯޑް ކުރުމުގެ ކުރިން ކޮށްފައިވާ ޕޯސްޓެއްގައި ކުރުސީ ބުނެފައިވަނީ މި ފަދަ މީހުން ފޯނުން މިކަހަލަ މަންޒަރު ފިލްމުކޮށްފައި، ގެލެރީގައި ބަހައްޓަނީ އެމީހުން މޮޔަކަމުން ކަމަށެވެ. އެހެން ކަމުން ބެލެވެނީ ޝަހީމުގެ ކުރިން ގެންގުޅުނު ފޯނަކުން ލީކުވެގެން އުޅޭ ވީޑިޔޯތަކެއް ކަމަށެވެ.
ނަމަވެސް މިއީ އަސްލު ވީޑިޔޯއެއް ކަމެއް ނުވަތަ އެޑިޓް ކޮށްފައިވާ ވީޑިޔޯއެއް ކަމެއް ދިޔަވަރު ނޫހަށް ސާފުވެފައެއް ނުވެއެވެ. މި ވީޑިޔޯގައި ހުރީ މީހަކީ ސީދާ ޝަހީމު ކަމެއް ދިޔަވަރު ނޫހަށް ޔަގީން ކުރެވިފައި ނުވެއެވެ.
2013 ވަނަ އަހަރުވެސް ވަނީ ޝަހީމުގެ ވީޑިޔޯއެއް ލީކުވެފައެވެ. އޭގައި ފެންނަނީ އަންހެން ކުއްޖަކާއެކު އެޕާޓްމަންޓެއްގައި ބޮނަކުއާ ފެންބޯން އިންނަތަނެވެ. ދެން އެ އަންހެން ކުއްޖާގެ އަތުގައި ހިފައިގެން، އިރުކޮޅަކަށް އަތް މޮޑެލާފަ، އަތުގައި ހިފައިގެން ކޮޓަރިއަށްވަދެ ދޮރު ތަޅުލާތަނެވެ. މި ވީޑިޔޯއާއި ގުޅިގެން ޝަހީމަށް ވަރަށް ފާޑުކިޔުން އަމާޒުވިއެވެ. ޝަހީމް މި ވީޑިޔޯއަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. މިއީ އިސްލާމީ ގައުމެއްގެ އިސްލާމިކް މިނިސްޓަރެއްގެ ކިބައިން ފެންނަން ޖެހޭ ބާވަތުގެ ކަންކަމެއް ނޫނެވެ. ޝަހީމުގެ ވީޑިޔޯތައް މިއަދު ލީކުވެފައި މިވަނީ ޝަހީމު ފޭކު ޕީއެޗްޑީއެއް ހެދިކަމަށް ތުހުމަތުކުރެވެމުން، އެކަމާ ރައްޔިތުންގެ ފާޑުކިޔުން އިންތިހާއަށް އަމާޒުވެފައިވާ ދަޑިވަޅެއްގައެވެ. ޝަހީމުގެ ސްކޭންޑަލްތައް ގިނަ ކަމުން މުއިއްޒުގެ ސަރުކާރަށް ދަނީ ވަރަށް ގިނަ ފާޑުކިޔުން އަމާޒުވަމުންނެވެ.