ޚަބަރު

މަޖިލީސް ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް

ދިޔަވަރު
މަޖިލީސް ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ މިއަދު ބޭއްވެން އޮއްވާ މަޖިލީހުގެ އަމީން އާންމު ޖަލްސާ ގަވާއިދާއި ޚިލާފުވެ، މަޖިލީސް ޖަލްސާ ނުބޭއްވުމުން، ހައްލެއް ހޯދަން އެ މައްސަލަ ސުޕްރީމް ކޯޓަށް އެމްޑީޕީއިން ހުށަހަޅައިފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ސުޕްރީމްކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެމްޑީޕީން އެދުނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން މިއަދުގެ ޖަލްސާ ކެންސަލް ކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ވެސް ވަޑައިނުގެންނެވޭ ހާލަތްތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި އޮވެ އެވެ. މިހާރު ދިމާވެގެން އުޅޭ މައްސަަލައަކީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް އޮންނަ އޮތުމަށް އެކަނި ރިއާޔަތްކޮށްގެން ޖަލްސާ ނުބޭއްވުމުގެ މައްސަލަ އެވެ.

އެމްޑީޕީން އެދުނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށެވެ.

މިއަދުގެ ޖަލްސާ ކެންސަލް ކުރުމުން، އެހެން މީހަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ހަމަޖައްސައިގެން ނަމަވެސް ޖަލްސާ ކުރިއަށް ގެންދިޔުމަށް އެމްޑީޕީން މަޖިލީހުގެ އިދާރާއަށް ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މަޖިލީސް ޖަލްސާ ނުބޭއްވުމަށް ނިންމެވިއެވެ.

މަޖިލީސް އަމީން އާންމު ފާތިމަތު ނިއުޝާ ރައީސް ޔާމީނުގެ ދަޢުރުގައިވެސް މަޖިލީހުގައި ރައްޔިތުންގެ ހައްގު ގެއްލޭހެން ނިންމުންތައް ނިންމާފައިވެއެވެ. ނިއުޝާއަކީ މަޖިލީސް ރައީސް ނަޝީދާއިވެސް ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބުނަނީ، ނަޝީދުގެ ވަކި ކުރުމުގެ ޖަލްސާ ނުބާއްވާ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އޭގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމަށް ބާއްވާ ޖަލްސާ ވެސް ހިމެނޭނެ ކަމަށެވެ. އިންތިހާބީ ރައީސް ހުވާ ކުރައްވަން ޖެހެނީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.