އިސްރާއީލުގެ ގާތިލުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ހުށަހެޅުއްވި ބިލު 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ މިއަދަށް 60 ދުވަސް ފާއިތުވެއްޖެއެވެ.
މި ބިލު ކޮމިޓީގައި އޮންނަތާ 60 ދުވަސް ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން އެޖެންޑާވެސް ނުކުރާ ސަބަބު ސާފުކޮށްދެއްވުމަށް މީކާއީލް ނަސީމްވ މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.
އެ ސިޓީގައި އޭނާ އެދިވަޑައިގެންފައިވަނީ މި ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާ ސަބަބު ސާފުކޮށްދެއްވުމަށެވެ. މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި މީކާއީލް ފާހަގަކުރައްވާފައިވަނީ، މި ބިލް 29 މެއި 2024 ގައި މަޖިލީހަށް ހުށަހެޅި، އަދި 10 ޖޫން 2024 ވަނަ ދުވަހު މި ބިލް ބަލައިގަތުމަށް ފާސްވެސްކޮށް, ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައެވެ.
މީކާއިލް އިސްލާހު ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށެވެ.
އެހެންނަމަވެސް މީކާއިލްގެ ސިޓީއަށް މަޖިލިސް ރައީސްވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އިސްރާއީލުގެ ގާތިލުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާއިރު, ގާނޫނަށް އިސްލާހު ގެނެސް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުންވެސް ވަނީ ފާއިތުވި ޖޫންމަހުގެ ދެވަނަ ދުވަހު ނިންމާފައެވެ. އެ ދުވަހު ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރަން ވަޒީރުންގެ މަޖިލީހުގައި ޚާއްސަ ކޮމިޓީއެއް ވެސް އުފައްދައިފައެވެ. އެހެންނަމަވެސް އަމިއްލަފުޅު ކެބިނެޓުން ނިންމު އެނިންމުންވެސް މުއިއްޒުވަނީ ތަންފީޒު ނުކޮށް ޕާކު ކޮށްފައެވެ.
ކެބިނެޓްގެ ނިންމުން ތަންފީޒު ކުރުމަށް ހޮވި ކޮމިޓީގައި ހިމެނެނީ:
- ދާޚިލީ ވަޒީރު އަލީ އިހުސާން
- އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ބަންޑާރަނައިބު އަހުމަދު އުޝާމް
- އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު
- ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
- ޚާރިޖީ ވަޒީރު މޫސާ ޒަމީރު
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާގެ 38,000 ރައްޔިތުން ޝަހީދުވެގެންދިޔަ އިރުވެސް މިސަރުކާރުން ތަކުރާރު ކުރަމުންދަނީ ހަމަ އެއް ލަވައެކެވެ.
ރާއްޖޭގައި މިހާރުވެސް ދަނީ އިސްރާއީލުގެ ވިޔަފާރިތައް ހިންގަމުންނެވެ. އިސްރާއީލުގެ ފުޑްޗެއިން ކަމުގައިވާ ކޭއެފްސީއާއި ޕިއްޒާ ހަޓުވެސް ދަނީ ރާއްޖޭގައި އެއްވެސް ހުރަހެއްނެތި ވިޔަފާރި ކުރަމުންނެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށާއި, އިސްރާއީލާއި ގުޅުންހުރި ވިޔަފާރިތައް ހުއްޓުވުމަށް މެދު ނުކެނޑި ރައްޔިތުން އަޑުއުފުލަމުންދާއިރުވެސް މުއިއްޒު ގެންދަވަނީ އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. އެމައްސަލާގައި ރައްޔިތުން އެދެމުންދާ އެދުންތަކަށް ދެމުންދަނީ ބީރު ކަންފަތެކެވެ. އަދި މުއިއްޒު ކުރައްވަމުން ގެންދަވާހާކަމަކީވެސް, ބަޔާންތައް ނެރުމާއި ޓުވީޓުކޮށް, ބަޔާންތަކާއި ޓުވީޓުތަކުގެ ނިވަލުގައި ފޮރުވިގެން ހުރުމެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު, ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކާމިޔާބު ވަރުގަދަ ހަމަލާތަކަށްފަހު, އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް އަރާ, ފަލަސްތީނުގެ އެތައްހާސް ރައްޔިތުންނެއް ޝަހީދުކޮށްލުމަށްފަހު, އެމީހުންގެ އުދާސްތައް ފިލުވާލުމަށް, ރާއްޖޭގެ ގޮނޑުދޮށްތަކާއި ރަށްތަކަށް އަންނަމުންދާއިރުވެސް, މި އަނިޔާވެރިން ރާއްޖެއަށް އެތެރެވަމުން ދިއުން މަނާކުރުމަށް ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ހަމައެއާއެކު އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް އަންގާ ރައްޔިތުންގެ މަޖިލީހުން މުއިއްޒުއަށް ސިޓީ ފޮނުވިތާ 9 މަސްވެގެންދާއިރުވެސް އެ ސިޓީއަށްވެސް މުއިއްޒު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލުމަމުންދާ އަޑުތަކަށް މުއިއްޒު ދަނީ ބީރުކަންފަތެއް ދެމުންނެވެ.
ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.
ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗައިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.