ދައުލަތުގެ މާލީ ހިސާބުތަކުގެ ރީކޮންސިލިއޭޝަން މަސައްކަތް ނިންމުމަށް ފަހު ޖުލައިގެ ފަހު ހަފުތާގެ ތެރޭގައި އާންމުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމަށް ފަހު އެ ތާރީހަށް ވެސް ހިސާބުތަކެއް އާންމެއް ނުކުރިއެވެ.
ފިނޭންސުން އެންމެ ފަހުން ދައުލަތުގެ މާލީ ހިސާބުތަކުގެ އަދާހަމަކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެއް އާންމުކުރީ ޖޫން 20, ގަ އެވެ. އެއީ މީގެ 50 ދުވަސް ކުރިންނެވެ. އެ ފަހުން ދައުލަތަށް ލިބުނު އާމްދަނީއެއް ކުރި ހަރަދެއް އަދި ބަޖެޓުގައި ބާކީ ހުރި ވަރެއް އެނގޭނެ ގޮތެއް އަދި ނެތެވެ.
މާލީ ހިސާބުތައް އާންމުނުކުރާ މައްސަލައިގައި ހަނު ތިބުމަށް ފަހު، މީޑިއާތަކާއި އާންމުންނާއި އިދޮކޮޅު ސިޔާސީ ޕާޓީތަކުން ޕްރެޝަރުކުރަން ފެށުމުން ފިނޭންސުން ބުނީ އެ ހިސާބުތައް އާންމުނުކުރެވިގެން އުޅެނީ ރީކޮންސިލިއޭޝަން މަސައްކަތް ކުރާތީ ކަމަށެވެ.
މި މަސައްކަތް ނިންމުމަށް ފަހު ޖުލައިގެ ހަތަރު ވަނަ ހަފުތާގެ ތެރޭގައި ހިސާބުތައް އާންމުކުރާނެ ކަމަށް ފިނޭންސުގެ ވެބްސައިޓުގައި ނޯޓިސްއެއް ޖަހާފައިވެ އެވެ. ނަމަވެސް މި ތާރީހު ފަހަނައަޅައި ގޮސް ހަފުތާއެއް ހިނގިއިރު، އަދިވެސް އެއްވެސް ހިސާބެއް ފިނޭންސުގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ނެތެވެ.
މާލީ ހިސާބުތައް އާންމު ނުކުރުމުގެ އިތުރުން، މިފަހުން ފިނޭންސް މިނިސްޓްރީން ކަންކަން ކުރަމުން އަންނަނީ މާލީ ހާމަކަމުގެ އަސާސާ ދިމާ އިދިކޮޅަށެވެ. އޭގެ އެއް މިސާލަކީ މެދު ރާސްތާގެ ފިސްކަލް އިސްތިރާޖު (ސްޓްރެޓަޖީ) ބަޔާނާއި ދަރަނީ އިސްތިރާޖު ބަޔާން ސިއްރިއްޔާތުގައި މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގައި އެދުމެވެ.
ފިނޭންސުން އެދިގެން، މި ބަޔާންތައް މަޝްވަރާކުރަން ބާއްވާ ކޮމިޓީ ސިއްރުކުރަން މާލިއްޔަތު ކޮމިޓީން ވަނީ ރުހުންދީފަ އެވެ. އެކަމަކު މިއީ 2018 އިން ފެށިގެން ގަވާއިދުން ފިނޭންސުގެ ވެބްސައިޓުގައި އެންމެނަށް ފެންނާނެހެން އާންމުކުރަމުން އައި ރިޕޯޓުތަކެކެވެ.
މި މައްސަލައިގައި އިދިކޮޅު ސިޔާސީ މީހުންނާއި އާންމުންގެ ކަންބޮޑުވުން ހުރި ނަމަވެސް މިއަދާ ހަމައަށް ސަރުކާރުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިކަމުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, މުދަލާއި ޚިދުމަތުގެ އަގުތައް އުފުލި, އާންމު ރައްޔިތުންގެ އިސްތިސާދީ ތަނަވަސްކަން ދަށްވަމުންދާއިރު, ސަރުކާރުން ސިޔާސީ މަގާމްތައް އިތުރުކޮށް, ދައުލަތުގެ ވެރީންގެ ދަތުރުފަތުރަށާއި އަދި އެނޫސްވެސް ގޮތްގޮތުން ކުރަމުންދާ ހޭދަތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.