މި ސަރުކާރުން އިންޑިޔާއާއި އެކު، ރައީސް ސޯލިހްގެ ސަރުކާރުގައި އޮތް ހުރިހާ ގުޅުން ތަކެއް އިއާދަ ކުރުމުން، އިންޑިޔާ އާއި ގުޅުވައި އަޒާން އިސްކޮށް ހުރެގެން ހެދީ ހުސް ދޮގު ކަން އިތުރަށް ރައްޔިތުންނަށް ހާމަވުމުން، އެތައް ހާސް ރައްޔިތުންގެ ނަފްރަތާއި ނުރުހުން އަޒާން އަށް އަމާޒު ވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި އަޒާން އާއި ދިމާލަށް މަލާމާތް ކޮށް ހީ، ސާރކާސްޓިކް ކޮމެންޓްސް ކުރާ މީހުން އިތުރު ވެފައި ވާއިރު، އާންމުންގެ މެދުގައި އެމީހުންނަށް އިންޑިޔާއާއި ގުޅުވައި ދޮގު މައުލޫމާތު ދީ، އިންޑިޔާއާއި، އެ ގައުމުގެ ރައްޔިތުންނާއި މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދާފައި ވާތީ، އެކަމުގެ ހިތް ހަމަ ނުޖެހުމާއި، ރުޅިވެރިކަން އަޒާން އާއި މެދު ވަނީ އުފެދިފައެވެ.
އެއްވެސް އިރެއްގައި އިންޑިޔާއިން ރާއްޖޭގެ މިނިވަން ކަމުގެ މައްޗަށް އަތް ގަދަ ކުރުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. އެފަދަ މަސައްކަތެއް އޭރުގެ ސަރުކާރު މެދުވެރި ވެގެން، އެއްވެސް ވަރަކަށް ކޮށްފައި ވާނަމަ އެކަން މި ސަރުކާރުން ބަލައި، އެމީހުންނަކީ ޤައްދާރުން ކަމަށް ނިންމައި، ޤާނޫނުން ފިޔަވަޅު އެޅުމަށް، ތައްޔާރުވެގެން އައި މުއިއްޒުގެ ސަރުކާރުން އެއިން އެއްވެސް ކަމެއް ކޮށްފައި ނުވަނީ އިންޑިޔާ ކިޔައިގެން އާންމުގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ގަސްތުގައި ބޮޑެތި ދޮގުތައް ހަދާފައި ވާތީއެވެ. އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ އަޒާން އެވެ. އޭގެ މައްޗަށް ބިނާކޮށް ކެމްޕެއިން ކުރީ މުއިއްޒުއެވެ.
އެތައް ފަހަރެއްގެ މަތިން އައްޑޫ ޓްރެއިނިންގ ފެސިލިޓީއަކީ އިންޑިޔާ ސިފައިން ތިބެން ހަދާ ތަނެއް ކަމަށް ބުނެ ދޮގު ހެދިއެވެ. އެތައް ހާސް ސިފައިންނެއް ޔޫޓީއެފް ގައި ތިބިކަމަށް ބުނެ ދޮގު ހެދިއެވެ. ޔޫޓީ އެފް އަކީ އިންޑިޔާގެ މިލިޓަރީ ބޭހެއް ކަމަށް ބުނެ ދޮގު ހެދި އެވެ. ޔޫޓީ އެފް ނުވަތަ އުތުރު ތިލަފަޅަށް އެރޭނީ އިންޑިޔާގެ ހުއްދަ ލިބިގެން ކަމަށް ބުނެ ދޮގު ފެތުރިއެވެ. ރާއްޖޭގައި ތިބި ޕައިލެޓުން ތަކަކީ، އިންޑިޔާ މިލިޓަރީ ހަތިޔާރު އެޅި ސިފައިން ކަމަށް ބުނެ ދޮގު ހެދިއެވެ. ނަމަވެސް މި ހުރިހާ ކަމެއްގައި އޮތީ އިންޑިޔާއާއި ދެކޮޅަށް ޗައިނާއިން ފައިސާ ނަގައިގެން އަޒާން ހިންގި އަސްލެއް ނެތް ޕްރޮޕެގެންޑާއެކެވެ.