މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. "އިންޑިޔާ އައުޓް" ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވީ އިންޑިޔާއާ ދެކޮޅު ސިޔާސަތެކެވެ. މިގޮތުން، ރާއްޖޭގެ މިނިވަންކަމަށް، އިންޑިޔާގެ ނުފޫޒު އޮތް ކަމަށް ބުނެ ދޮގު ހަދައިގެން ވެރިކަމަށް އައި ކެމްޕެއިން، އެ ގޮތުގައި ގެންދެވޭތޯ 8 މަސް ވަންދެން ބެލިއެވެ. "ބުލީ ނުކުރެވޭނެ ކަމަށް ބުނެ" ވެރިއަކު ދުވަހަކުވެސް، ޑިޕްލޮމެޓިކް ގުޅުން އޮތް ނުވަތަ ހަނގުރާމައެއް ގައި ނެތް ގައުމަކާއި މެދު ދުވަހަކުވެސް ބޭނުން ނުކުރާ ބަސްތައް އިންޑިޔާއާއި މެދު ބޭނުންކުރައްވައި، ދެ ގައުމުގެ ގުޅުމަށް ހީނަރުކަން ގެނެސްފައިވެއެވެ.
ނަމަވެސް، މިކަހަލަ ދެކޮޅުވެރި، ޚާރިޖީ ސިޔާސަތެއް މުއިއްޒު އިސްކޮށް އިންޑިޔާގެ ގަދަރާއި އިއްޒަތަށް ކުޑާމީސްކޮށް، އިންޑިޔާއާއި މެދު ދޮގު އިލްޒާމު މުއިއްޒު އާއި އޭނާގެ ޓީމުން އަޅުވަމުން ދިޔައިރުވެސް، އިންޑިޔާއިން ގެންގުޅުނީ ވަރަށް މަޑުމައިތިރި އަދި ވިސްނުންތެރި ސިޔާސަތެކެވެ. އިންޑިޔާއިން އިސް ކުރީ، ސަރަހައްދީ ހަމަޖެހުމެވެ. "ވަށައިގެންވާ ގައުމުތަކަށް އިސްކަންދިނުމުގެ" (ނެއިބަރހުޑް ފަސްޓް) ސިޔާސަތެވެ. އިންޑިޔާއިން ބެލީ އެތައް ހާސް އަހަރެއް ވަންދެން އޮތް ދެގައުމުގެ އެކުވެރި ކަމަށެވެ. އިންޑިޔާއިން ދިއްކޮށްލީ ހެޔޮ ކަމާއި، މަދަދުގެ އަތެވެ. 8 މަސްދުވަހުގެ ތެރޭގައި ރައީސް މުޢިއްޒުގެ ފަރާތުން އިންޑިޔާއާ ދެކޮޅަށް ކުރެއްވި ކަންތައްތަކާއި، ދެއްކި ދުޝްމިން ކަމާއި، އެމަނިކުފާނުގެ ސަރުކާރުން އިންޑިޔާއަށް ނިސްބަތްކޮށް ދެއްކެވި ހަޑިހުތުރު ވާހަކަތަކަށް، ދެއްވީ ކެތްތެރި އަދި އެކުވެރި ކަމުގެ އިހްލާސްތެރި ރައްދެކެވެ.
އިންޑިޔާއާ ދެކޮޅަށް ކުރެވުނު ކަންތައްތަކާއި ދެއްކެވި ވާހަކަފުޅުތައް
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ "އިންޑިޔާ އައުޓް" ކެމްޕޭނެވެ. މިއީ އިންޑިޔާއިން ރާއްޖޭގެ މިނިވަންކަމަށް އަރާގަންނަ ކަމަށް ބުނެ، ދޮގު ހަދައިގެން އަދި ޚާއްޞަކޮށް ރާއްޖޭ ގައި އިންޑިޔާގެ އެތައް ހާސް ސިފައިން ތިބި ކަމަށް ބުނެ ދޮގުހަދައިގެން ހިންގުނު ކެމްޕޭނެކެވެ. މި ކެމްޕޭން ފެށުނީ ވެރިކަމުގެ ދަހިވެތި ކަމުގައި ވިއަސް، މުޢިއްޒު ވެރިކަމާ ހަވާލުވުމަށްފަހުވެސް މި ކެމްޕެއިން ކުރިއަށް ގެންދިޔައެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މުޢިއްޒުގެ ސަރުކާރުން ވަނީ އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ނޭދެވޭ އަސަރުކުރާނެ އެތައް ކަމެއް ކުރައްވާފައެވެ. މިގޮތުން، އިންޑިޔާއާ ދުރަށް ޖެހި، ޗައިނާއާ ގާތްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ހަމައެހެންމެ، މުޢިއްޒުގެ ބައެއް މިނިސްޓަރުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބެހޭގޮތުން ރަނގަޅުނޫން ވާހަކަތަކެއް ދައްކައި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އެއްކޮށް ހީނަރުކޮށް، ރާއްޖޭގެ ޓުއަރިޒަމަށް 3،8 ބިލިއަން ރުފިޔާގެ ގެއްލުން ކުރިމަތި ކުރުވިއެވެ.
އިންޑިޔާއިން ދެއްވި ރައްދު
ރައީސް މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން މިހާ ގޯސްކޮށް ކަންތައް ކުރެއްވި ނަމަވެސް، އިންޑިޔާއިން ޚިޔާރުކުރެއްވީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ މަގެވެ. ބަދަލުހިފުމުގެ ގޮތުން ނުވަތަ އެހީތެރިކަން މަދުކުރުމުގެ ބަދަލުގައި، އިންޑިޔާއިން ވަނީ "ވަށައިގެންވާ ގައުމުތަކަށް އިސްކަންދިނުމުގެ" ސިޔާސަތު ދަމަހައްޓަވާފައެވެ. މިގޮތުން ރާއްޖެއާއެކު އޮތް ރަހުމަތްތެރި ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
އިންޑިޔާގެ އިހްލާސްތެރި ކަމުގެ މިސާލަކީ ރާއްޖެއަށް ދެއްވަމުން އައި އެހީތަކާއި ލޯނުތައް ހުއްޓާނުލެއްވުމެވެ. އެ ހުއްޓާލި ނަމަ، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑު ހީނަރުކަމެއް އަންނާނެއެވެ. އެކަން އިންޑިޔާއިން އެ ގޮތަށް ކުރަން ބޭނުން ނުވީ އޭގެ އަސަރު ދިވެހި ރައްޔިތުންނަށް ކުރާނެތީއެވެ. އިންޑިޔާއިން ވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ އެހީތެރިކަން ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން، މާލީ އެހީތެރިކަމެއްގެ ގޮތުގައި، އިންޑިޔާއިން ވަނީ ފަހުން ރާއްޖެއަށް ދޫކުރި ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދެއްވާފައެވެ. މިއީ، ދެ ގައުމުގެ ގުޅުން ގޯސްވެފައި އޮތް ނަމަވެސް، ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް އިންޑިޔާއިން ބޭނުންފުޅުވާކަން ދައްކުވައިދިން ކަމެކެވެ. ރާއްޖޭގެ ރައްޔިތުންނާއި މެދު އިންޑިޔާގެ ހިތް ހެޔޮކަން ދައްކުވައިދިން ކަމެކެވެ.
ހަމަ މިއާއެކު، އެކްސްޓަރނަލް އެފެޔާޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތެއްގައި، އިންޑިޔާއިން ވަނީ ރާއްޖެއަށް ދެމުންދާ އެހީތެރިކަން އަލުން ޔަގީންކޮށްދެއްވާފައެވެ. އަދި ކަނޑުގެ ސަލާމަތާއި ސަރަހައްދުގެ ހަމަޖެހުން ފަދަ ދެ ގައުމަށް މުހިންމު ކަންކަމުގައި ގާތުން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. މި ޒިޔާރަތަކީ، ސިޔާސީ ދަތިތަކެއް ހުރި ނަމަވެސް، އިންޑިޔާއިން ރާއްޖެއާ އޮންނަ ގުޅުމަށް ދެއްވާ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. އިންޑިޔާއިން މި ދަތުރު ނައިސްވެސް ފަރުޖައްސާލެވޭނެއެވެ. ނަމަވެސް އިންޑިޔާއިން އިސްކުރީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެތައް ގަރުނެއްވީ އެކުވެރި ކަން ދެމެހެއްޓުމެވެ.