ގޯތި ތަކާއި ގުޅިގެން ސުވާލު ކުރުމުން، އެމްޑީޕީގެ 4 މެންބަރެއްގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފި އެވެ.
ޖަލްސާ ދޫކޮށް ދިއުމަށް އެންގެވި މެންބަރުންނަކީ:
- ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
މި ހަލަބޮލިކަން ފެށިގެން އައީ ވައިކަރަދޫ މެންބަރު ޒިޔާދު ކުރެއްވި ސުވާލަކަށް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވުމުންނެވެ. ޒިޔާދުގެ ސުވާލަކީ ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓުތައް އަތުނުލާނެކަމަށް ވެފައިވާ ވައުދާ ޚިލާފަށް، މިނިސްޓްރީގެ ސިޔާސަތު ބަދަލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާކުރެއްވުމަށްފަހުގައިތޯ އެވެ.
މިނިސްޓަރު ހައިދަރު މި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، ފްލެޓު ނުވަތަ ގޯތި އަތުލެވޭނީ އެތަންތަން ލިބިފައިވަނީ ހައްޤުވެރިންނަށްތޯ ބެލުމަށްފަހުގައި ކަމަށެވެ. މި ޖަވާބުން ހިތްހަމަނުޖެހި، ޒިޔާދު ނިޒާމީ ނުކުތާއެއް ނެންގެވި ނަމަވެސް، ރިޔާސަތުން އެއީ ނިޒާމީ ނުކުތާއެއްގެ ގޮތުގައި ބަލައިނުގަތެވެ.
މި ހިސާބުން ޒިޔާދާއި، މައުރޫފް، ނިއުޝާދު އަދި އިތުރު ބައެއް އެމްޑީޕީ މެންބަރުން ރިޔާސަތާ ދިމާލަށް އައިސް އިހުތިޖާޖު ކުރަން ފެށުމުން، މަޖިލީހުގެ ރައީސް އެ މެންބަރުންނަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވިއެވެ. ނަމަވެސް މެންބަރުން އިށީނދެވަޑައިނުގަތުމުން، އެންމެ ފަހުން ރިޔާސަތުން ވަނީ އެ ތިން މެންބަރުންގެ ނަން އިއްވައި، ޖަލްސާ ދޫކޮށް ދިއުމަށް އަމުރުކުރައްވާފައެވެ. މި މެންބަރުން ޖަލްސާ ދޫކުރައްވަންދެން ޖަލްސާ މެދުކަނޑާލެވުނެވެ.