ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" މިއަދު އިފްތިތާހުކޮށްދެއްވިއިރު, އެ ކޮމިޓީއަށް މުޅިންވެސް އައްޔަން ކޮށްފައިވަނީ ޕީއެންސީއަށް ނިސްބަތްވާ ސިޔާސީ އެކްޓިވިސްޓުންކަން ހާމަވެއްޖެއެވެ.
ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މަޤުޞަދަކީ، ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމެވެ.
އެހެންނަމަވެސް, ގައުމީ މުހިންމު މަސްއޫލިއްޔަތުތަކެއް ހަވާލުކޮށް އެކުލަވާލި ބޯޑަށް ޕީއެންސީގެ ސިޔާސީ އެކްޓިވިސްޓުން އައްޔަން ކުރުމުން, ޒުވާނުންނާއި ގުޅުންހުރި ކަންކަވެސް ކުރިޔަށް ގެންދިއުމަށް މި ސަރުކާރުން ބޭނުންވަނީ, ވަކިބަޔަކަށް ފުރުސަތުދީ އަދި އެކަންކަމުގައިވެސް ސިޔާސީ ކުލަ ޖައްސައިގެންކަމަށް ގިނަބަޔަކު ދަނީ ގަބޫލުކުރަމުންނެވެ. އަދި މިއީ މިސަރުކާރުން ކުރާ އެއްވެސް ކަމެއްގައި އިޚްލާސްތެރިކަމެއް ނެތްކަމުގެ ފުރިހަމަ އަލާމާތެއްކަމުގައިވެސް ގިނަބަޔަކުދަނީ ބުނަމުންނެވެ.
"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑު އެކުލަވާލަލައްވާފައިވަނީ 18 ޖަނަވަރީ 2024 ގައެވެ. މި ބޯޑުގައި ތިއްބަވާނީ 15 މެންބަރުންނެވެ.