ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރުގެ މެންބަރު އަހުމަދު އަޒާންގެ އަންހެނުން އިންޑިއާއަށް ދިޔުމުން އެ ގައުމުން ބޭރުކޮށްފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އަޒާންގެ އަންހެނުން އިންޑިއާގެ ކޮޗިންއަށް ދިޔައިރު، އޭނާގެ އަންހެނުން އިންޑިޔާއަށް ވައްދާތޯ، އަޒާން ހުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާތީވެ، މަރުހަބާ ދެންނެވުމަށް އައްޑޫގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒާންގެ އަނބިކަނބަލުން ކޮޗިންއަށް ވަޑައިގަތީ އާއިލާގެ ބޭފުޅަކު އޮޕަރޭޝަނެއް ކުރާތީ އެވެ. ނަމަވެސް އޭނާގެ ނަން އިންޑިއާގެ "ބްލެކް ލިސްޓެއްގައި" އޮތުމުން ގިނަ އިރުތަކެއް ވަންދެއް ކޮޗިންގެ އިމިގްރޭޝަންގައި ހިފެހެއްޓި އެވެ.
ކޮޗިންއަށް އެތެރެވުމަށް އަޒާންގެ އަނބިކަނބަލުންނަށް ހާއްސަ ހުއްދައެއް ދިނީ، އެންމެ އަވަހަށް އޮންނަ ޝެޑިއުލް ފްލައިޓަކުން ރާއްޖެ ފުރަން ޖެހޭ ގޮތަށް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
"އެހެންވެ، އިއްޔެ ހެނދުނު އޭނާ މާލެ އައީ،" މައުލޫމާތު ދިން މީހަކު ބުންޏެވެ.
އަޒާން ހާމަ ކުރީ އަނބިކަނބަލުން އިންޑިއާއިން ބޭރުކުރީ ނޫން ކަމަށާއި ކޮޗިންގެ އިމިގްރޭޝަނުން ކަންކަން ކުރި ގޮތުން، އަނބުރައި ގެންނަން ބޭނުންވީ ކަމަށެވެ. މިކަމުގައި ވެސް އަޒާން ހެދީ ދޮގެވެ.
"[އަންހެނުން އިންޑިއާ އަށް] ނުވައްދަން އުޅުނު، އެކަމަކު ވެއްދި. [އެހެންވެ] މަ ބޭނުން ނުވީ ދެން އެތާ ހުންނަން، އެހެން ހެދީމަ. އަހަރެން ބުނެގެން [އަންހެނުން] އައީ،" އަޒާން ދޮގު ހެދިއެވެ.
އަޒާންއަކީ އިންޑިޔާއާއި ދެކޮޅަށް ޗައިނާއިން ފައިސާ ނަގައިގެން ދޮގާއި ނަފްރަތުގެ ކެމްޕެއިނެއް އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ހިންގި ފަރާތެކެވެ. މި ދޮގުތައް ފަޅާއެރުމުން ގިނަ ބަޔަކު އަޒާނަށް ރޯހިތު ކިޔާ މުހާތަބު ކުރެއެވެ.