ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި, މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން ވެލިބަސްތާތައް ޖެހުމަށް ކުރަމުންދާ މަސައްކަތް މޮނިޓަރ ކުރުމަށް ރައީސް މުއިއްޒު ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވައިފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް, މާލޭގެ މަގުތަކުގައި ފެންބޮޑުވެ, ފުލުހުންނާއި ސިފައިން ފެން ހިންދުމަށް މަސައްކަތް ކޮށްފައިވާއިރު, މިމަސައްކަތްތައް މޮނިޓަރ ކުރެއްވުމަށް ކަމަށް ވިދާޅުވެ, މުއިއްޒު އުފެއްދެވި ޓާސްކް ފޯސްގައި 9 ބޭފުޅަކު ހިމެނެއެވެ. އެ ބޭފުޅުންނަކީ:
1- މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް
2-ޢަލީ އިޙްސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
3-ޑރ. އިސްމާޢީލް ޝަފީޢު - މިނިސްޓަރ އޮފް އެޑިޔުކޭޝަން
4-ޑރ. ޢަބްދުﷲ ޚަލީލު – މިނިސްޓަރ އޮފް ހެލްތް
5-ޠާރިޤް އިބްރާހީމް - މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
6-އާދަމް ޝަރީފް ޢުމަރު - މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
7-ޢަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް
8-ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ
9-ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
މާލެއަށް މިއަދު ކުރި ވިއްސާރައާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވި ފެންބޮޑުވުން ޕީއާރު ސްޓަންޓަކަށް ހައްދަވާ, މުއިއްޒު ޓާސްކް ފޯސްއެއް އުފެއްދެވި ނަމަވެސް, މިއީ މި ބީދައިން މާލޭގައި ފެންބޮޑުވި ފުރަތަމަ ފަހަރެއް ނޫނެވެ. މި ވެރިކަމުގައިވެސް މިބީދައިން އެތައް ފަހަރަކު މާލޭގައި ފެންބޮޑުވެ, ފުލުހުންނާއި ސިފައިން ގޭގެއާއި ބައެއް ފިހާރަތަކުގައި ވެލިބަސްތާތަައް ޖަހަން ޖެހިފައި ވެއެވެ. އަދި މިމިންވަރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ ވިއްސާރައާއި ގުޅުން އޮތް ކަމަކަށްވުރެ ބޮޑަށް, މާލޭގެ ފެންހިންދުމުގެ ނިޒާމާއި ގުޅުން ހުރި މައްސަލައެކެވެ.
އެހެންކަމުން, މިހާރު ކުރަމުންދާ ވިއްސާރައަކީ, ރައީސުލްޖުމުހޫރިއްޔާ ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވާ, މީޑިއާ ހެޑްލައިން މިއުސޫލުން ޖާގަ ހޯއްދަވަންޖެހޭވަރު ބޮޑު ވިއްސާރައެއް ނޫންކަންވެސް ފާހަގަކޮށްލެވެއެވެ.
އެހެންނަމަވެސް, އެމްއެންޑީއެފްއާއި ފުލުހުންގެ މުވައްސަސާއިން ފެންބޮޑުވުމާއި ގުޅިގެން އާންމު އުސޫލުން ކުރަމުންދާ މަސައްކަތްތައް ކުރިޔަށް ގެންދަނިކޮށް މުއިއްޒު އުފެއްދެވި ޓާސްކް ފޯސްއަކީ, ކުރަމުންދާ ވިއްސާރައާއި ގުޅިގެން, އޭގެ ނާޖާއިޒު ފައިދާ ނަންގަވަން ޖެއްސެވި ޕީއާރު ސްޓަންޓެއްކަން އެއީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ރައީސް މުއިއްޒުއަކީ, ރައްޔިތުންނާއި ގުޅުންހުރި ހުރިހާކަމެއްގައިވެސް މިއުސޫލުން ޕީއާރު ސްޓަންޓް ޖައްސަވާ ރައީސެއްކަން ފާހަގަ ކޮށްލެވެއެވެ.
މިވެރިކަން ފެށިގެން އައިއިރު, މާލެއަށް ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި ރައީސް މުއިއްޒު މީގެކުރިން ވަނީ ޕީއެސްއެމްގެ ކެމެރާ ކުރޫއާއެކު, ގަންބޫޓުގައި މަގުމައްޗަށް ނިކުމެ އެރުވެސް ކުރި ވިއްސާރަ ބޮޑު މީޑިއާ ސްޓަންޓަކަށް ހައްދަވާފައެވެ. އެހެންނަމަވެސް މުއިއްޒުގެ އެޗަރުކޭހަށް އާންމު ރައްޔިތުންގެ ފާޑުކިއުން އަމާޒުވާން ފެށުމަށްފަހު, މާލޭގައި ފެންބޮޑުވާ ދުވަސްދުވަހު, ގަންބޫޓުގައި މަގުމައްޗަށް ނިކުމެ ޗަރުކޭސް ކުޅުއްވުން މުއިއްޒު ވަނީ ހުއްޓަވާލައްވާފައެވެ.
މިސަރުކާރު ފާހަގަ ވެގެން ގޮސްފައިވަނީ, ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ނުދީ, ރައްޔިތުންނަށް ކުރިމަތިވާ ގިލަންވެރިކަމުގެ ނާޖާއިޒު ފައިދާ ނަގާ, ހަމައެކަނި ޗަރުކޭސް ކުޅުމަށް އިސްކަންދޭ ގިނަ ބަޔަކު ސިޔާސީ އިސްމަގާމްތުގައި ތިބި ސަރުކާރެއްގެ ގޮތުގައެވެ.