ޚަބަރު

ފެން ބޮޑުވާތީ ވެލިބަސްތާ ޖެހުން މޮނިޓަރ ކުރަން މުއިއްޒު ޓާސްކްފޯސް އުފެއްދީ ރައީސް ޗެއާކުރައްވާ ޑިޒާސްޓާ މެނޭޖްމެންޓު ކައުންސިލެއް އޮއްވައި!

ދިޔަވަރު
ފެން ބޮޑުވާތީ ވެލިބަސްތާ ޖެހުން މޮނިޓަރ ކުރަން މުއިއްޒު ޓާސްކްފޯސް އުފެއްދީ ރައީސް ޗެއާކުރައްވާ ޑިޒާސްޓާ މެނޭޖްމެންޓު ކައުންސިލެއް އޮއްވައި!

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް މޮނީޓާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޓާސްކް ފޯހެއް އުފެއްދެވީ އެފަދަ ހާލަތްތައް މެނޭޖުކުރުމަށް ޑިޒާސްޓާ މެނޭޖްމަންޓު ކައުންސިލެއް އޮއްވާކަން އެނގިއްޖެ އެވެ.

ވިއްސާރާއާ ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓާކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކަމަށް ބުނެ ރައީސް ޓާސްކްފޯހެއް އުފެއްދެވީ ރޭގަ އެވެ. ޓާސްކް ފޯހުގައި ހިމެނެނީ ފަސް ވަޒީރަކާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ އިތުރުން ސިފައިންގެ ޗީފު އަދި ކޮމިޝަނާ އޮފް ޕޮލިސް އެވެ.

މިކަން އިއުލާނުކޮށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓާއެކު ބައެއް މީހުން ވަނީ، ޑިޒާސްޓާ މެނޭޖްމަންޓު ކައުންސިލްގެ ވާހަކަ ފެންމަތިކޮށްފަ އެވެ.

މި ކައުންސިލަކީ ސެޕްޓެމްބަރު، 2015، ގައި ތަސްދީގުކުރި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލެކެވެ. ޗެއާ ކުރައްވަނީ އޭރަކު ހުންނަވާ ރައީސުލްޖުމްހުރިއްޔާ އެވެ. މެންބަރުންގެ ގޮތުގައި ޑިފެންސް، ހޯމް، ފޮރިން، ފިނޭންސް، ހެލްތު، ހައުސިން، ކޮންސްޓްރަކްޝަން އަދި ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ އިތުރުން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) ގެ ސީއީއޯ އެވެ.

ރޭ އެކުލަވާލި ޓާސްކް ފޯހުގައި އެންޑީއެމްއޭގެ އެއްވެސް އޮފިޝަލަކު ނެތެވެ. މޫސުން ގޯސްވެ ދިމާވި މި ހާލަތާ ގުޅޭ ގޮތުން އުފެއްދެވި ޓާސްކް ފޯހުގައި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ އެއްވެސް މީހަކުވެސް ނެތެވެ.

ގާނޫނަކު ލާޒިމުކޮށް އުފައްދާފައިވާ ޑިޒާސްޓާ މެނޭޖްމަންޓު ކައުންސިލްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވެސް ޓާސްކު ފޯހަކަށްވުރެ ވެސް ބޮޑެވެ. އެކަންކަން ތަސްދީގުކުރި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ހަތަރުވަނަ ބާބުގެ އެއްވަނަ ބައިގައި ބަޔާންކޮށްފައިވެ އެވެ.

އެހެންނަވެސް, ރައީސް ޗެއާކުރައްވާ ޑިޒާސްޓާ މެނޭޖްމެންޓު ކައުންސިލެއްވެސް އޮއްވައި, ކުއްލިގޮތަކަށް މުއިއްޒު ރޭގެ ވަގުތެއްގައި ޓާސްކު ފޯސްއެއް އުފެއްދެވި ނަމަވެސް, އޭގެ ފަހުން 12 ގަޑިއިރު ފާއިތުވެގެން ދާއިރުވެސް މި ޓާސްކް ފޯސްއިން އެއްވެސް މައުލޫމާތެއް އާންމު ކޮށްފައި ނުވާތާގަ, އެ ޓާސްކް ފޯސްއިން ކުރި މަސައްކަތެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ކާރިސާތަކާއި ގުޅިގެން ޚާއްސަ ޓާސްކް ފޯސްތައް އެކުލަވާލުމުގެ ބާރު ރައީސަށް ލިބިދޭއިރު, މިގޮތަށް އެކުލަވާލާ ޓާސްކް ފޯސްތަކަކީ ގައުމަށް ކުރިމަތިވާ ބޮޑެތި ކާރިސާތަކާއި ގުޅިގެން އެކުލަވާލާ ޓާސްކް ފޯސްތަކެއްކަން ފާހަގަ ކޮށްލެވެއެވެ. އޭގެ އެއް މިސާލަކީ މީގެ 3 އަހަރު ކުރިން ކުރިމަތިވި ކޯވިޑް ކާރިސާއެވެ.

އޭގެ ބަދަލުގައި ގައުމަށް ކުރިމަތިވާ ކުދިކުދިން ކަންކަން މެނޭޖްކޮށް ރައީސަށް ލަފާ އެރުވުމަށް އެކި އިދާރާތަކާއި އަދި ކައުންސިލްތައް ގާނޫނުތަކުން އުފައްދާފައި ހުރެއެވެ. އެގޮތުން އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް މޮނީޓާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޓާސްކް ފޯހެއް އުފެއްދެވީ އެފަދަ ހާލަތްތައް މެނޭޖުކުރުމަށް ޑިޒާސްޓާ މެނޭޖްމަންޓު ކައުންސިލެއް އޮއްވާކަން ފާހަގަ ކޮށްލާން ޖެހެއެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރައާއެކު މާލޭގެ މަގުތަކުގައި ފެންބޮޑުވި ފެންބޮޑުވުން ޕީއާރު ސްޓަންޓަކަށް ހައްދަވާ, މުއިއްޒު ޓާސްކް ފޯސްއެއް އުފެއްދެވި ނަމަވެސް, މިއީ މި ބީދައިން މާލޭގައި ފެންބޮޑުވި ފުރަތަމަ ފަހަރެއް ނޫނެވެ. މި ވެރިކަމުގައިވެސް މިބީދައިން އެތައް ފަހަރަކު މާލޭގައި ފެންބޮޑުވެ, ފުލުހުންނާއި ސިފައިން ގޭގެއާއި ބައެއް ފިހާރަތަކުގައި ވެލިބަސްތާތަައް ޖަހަން ޖެހިފައި ވެއެވެ. އަދި މިމިންވަރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ ވިއްސާރައާއި ގުޅުން އޮތް ކަމަކަށްވުރެ ބޮޑަށް, މާލޭގެ ފެންހިންދުމުގެ ނިޒާމާއި ގުޅުން ހުރި މައްސަލައެކެވެ.

އެގޮތުން, އިއްޔެ ކުރި ވިއްސާރައަކީ, ރައީސުލްޖުމުހޫރިއްޔާ ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވާ, މީޑިއާ ހެޑްލައިން ޖާގަ ހޯއްދަވަންޖެހޭވަރު ބޮޑު ވިއްސާރައެއް ނޫންކަންވެސް ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް, އެމްއެންޑީއެފްއާއި ފުލުހުންގެ މުވައްސަސާއިން ފެންބޮޑުވުމާއި ގުޅިގެން އާންމު އުސޫލުން ކުރަމުންދާ މަސައްކަތްތައް ކުރިޔަށް ގެންދަނިކޮށް މުއިއްޒު އުފެއްދެވި ޓާސްކް ފޯސްއަކީ, ވިއްސާރައާއި ގުޅިގެން, އޭގެ ނާޖާއިޒު ފައިދާ ނަންގަވަން ޖެއްސެވި ޕީއާރު ސްޓަންޓެއްކަން އެއީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ރައީސް މުއިއްޒުއަކީ, ރައްޔިތުންނާއި ގުޅުންހުރި ހުރިހާކަމެއްގައިވެސް މިއުސޫލުން ޕީއާރު ސްޓަންޓް ޖައްސަވާ ރައީސެއްކަން ފާހަގަ ކޮށްލެވެއެވެ.

މިވެރިކަން ފެށިގެން އައިއިރު, މާލެއަށް ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި ރައީސް މުއިއްޒު މީގެކުރިން ވަނީ ޕީއެސްއެމްގެ ކެމެރާ ކުރޫއާއެކު, ގަންބޫޓުގައި މަގުމައްޗަށް ނިކުމެ އެރުވެސް ކުރި ވިއްސާރަ ބޮޑު މީޑިއާ ސްޓަންޓަކަށް ހައްދަވާފައެވެ. އެހެންނަމަވެސް މުއިއްޒުގެ އެޗަރުކޭހަށް އާންމު ރައްޔިތުންގެ ފާޑުކިއުން އަމާޒުވާން ފެށުމަށްފަހު, މާލޭގައި ފެންބޮޑުވާ ދުވަސްދުވަހު, ގަންބޫޓުގައި މަގުމައްޗަށް ނިކުމެ ޗަރުކޭސް ކުޅުއްވުން މުއިއްޒު ވަނީ ހުއްޓަވާލައްވާފައެވެ.

މިސަރުކާރު ފާހަގަ ވެގެން ގޮސްފައިވަނީ, ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ނުދީ, ރައްޔިތުންނަށް ކުރިމަތިވާ ގިލަންވެރިކަމުގެ ނާޖާއިޒު ފައިދާ ނަގާ, ހަމައެކަނި ޗަރުކޭސް ކުޅުމަށް އިސްކަންދޭ ގިނަ ބަޔަކު ސިޔާސީ އިސްމަގާމްތުގައި ތިބި ސަރުކާރެއްގެ ގޮތުގައެވެ.