ޚަބަރު

ކުރީ ސަރުކާރަށް އިންޑިޔާއިން ދީފައިވާ ކްރެޑިޓް ފެސިލިޓީ އަކީ ރަނގަޅު ޓާމްއެއްގައި ދީފައިވާ ފެސިލިޓީއެއް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅު ވެއްޖެ! ވެރިކަން ލިބުމުގެ ކުރިން ބުނަމުން ދިޔައީ އިންޓްރެސްޓް ރޭޓް ބޮޑުކަމަށް!

ދިޔަވަރު
ކުރީ ސަރުކާރަށް އިންޑިޔާއިން ދީފައިވާ ކްރެޑިޓް ފެސިލިޓީ އަކީ ރަނގަޅު ޓާމްއެއްގައި ދީފައިވާ ފެސިލިޓީއެއް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅު ވެއްޖެ! ވެރިކަން ލިބުމުގެ ކުރިން ބުނަމުން ދިޔައީ އިންޓްރެސްޓް ރޭޓް ބޮޑުކަމަށް!

"މިހާރު މި ބަލަނީ މިހާރު ކުރިއަށް ދާ އިންޑިއާގެ އެލްއޯސީ (ލައިން އޮފް ކްރެޑިޓް)ގެ ދަށުން، އެއީ ވަރަށް ރަނގަޅު ޓާމްއެއްގައި ލިބިފައި އޮތް ފެސިލިޓީއެއް. އޭގެ ދަށުން މިއަހަރުގެ ތެރޭގައި 4،000 ހައުސިން ޔުނިޓެއް ކުރިޔަށް ގެންދެވޭތޯ،" މުއިއްޒުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ މިއަދު މަޖިލީހުގެ ޖަލްސާގައި ވިދާޅުވި އެވެ.

ނަމަވެސް، ވެރިކަމަށް އައުމުގެ ކުރިން، އަޒާން އާއި، ޕީއެންސީ ލީޑަރޝިޕުން ދައްކަމުން ދިޔައީ މުޅިން ތަފާތު ވާހަކައެކެވެ. އިންޑިޔާގެ ލޯނުގެ އިންޓްރެސްޓް ރޭޓް ބޮޑު ވާހަކައާއި، އިންޑިޔާއިން ލޯނު ނަގައި ދިވެހި ރާއްޖެ ބަނގުރޫޓު ކޮށްލި ވާހަކައެކެވެ.

އިދިކޮޅުގައި ތިބިއިރު، މިހާރުގެ ވެރިކަންކުރާ ޕާޓީން އިންޑިއާއިން ނަގާފައިވާ ލޯނުތަކާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އަދި މިފަދަ ލޯނުތަކަކީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަމަށް ގެއްލުން ލިބޭނެ ކަމެއް ކަމުގައި ގިނަފަހަރު ސިފަކޮށްފައިވެއެވެ. ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީ.ޕީ.އެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ލީޑަރުން އަބަދުވެސް މި ލޯނުތަކުގެ ޝަރުތުތަކާ މެދު، ޚާއްޞަކޮށް އިންޓަރެސްޓް ރޭޓްތަކާއި ހާމަކަން ކުޑަވުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އޭރުގެ ގަވަރުނަރަށްވެސް މި ލޯނުތަކާ ގުޅުވައި ސުވާލުކޮށް، މިއީ އިންޓަރެސްޓް ރޭޓް އެއްވެސް ބަޔަކަށް ނޭނގޭ ލޯނުތަކެއް ކަމަށް ބުނެ ދޮގު ވާހަކަތައް ފެތުރިއެވެ. މިކަމުގެ ސަބަބުން އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދި، ކަންބޮޑުވުން އިތުރުވިއެވެ.

މީގެ އިތުރުން، އޭރު އިނދުކޮޅުގައި ތިބެ، މުއިއްޒު ހިމެނޭހެން ޕީއެންސީ ލީޑަރުން ވާހަކަދައްކާފައިވަނީ މިފަދަ ލޯނުތަކަކީ މާލީ އެހީގެ ގޮތުގައި ހުށަހެޅި ނަމަވެސް، ރާއްޖެ އިތުރަށް ދަރަނިވެރިވުމަށް މަގުފަހިކޮށްދޭނެ "ވަގުތީ ހައްލުތަކެއް" ކަމުގައެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރުގައި، ރާއްޖޭގެ ޖުމްލަ ދަރަނި، އޭގެ ތެރެއިން ބޮޑު ބައެއް އިންޑިއާއިން ނަގާފައިވާ ބޭރުގެ ލޯނުތަކަށް ނިސްބަތްވާ ކަމަށް ބުނެ ދިޔަރެސް ނޫހުގައި އެތައް ދޮގު ވާހަކަ ތަކެއް ގެނެސްފައި ވެއެވެ. މިވާހަކަ ތައް އެތައް ފަހަރަކު ތަކުރާރުކޮށް ގެނެސް މި ދޮގު ތެދު ކަމަށް ރައްޔިތުންނަށް ވިސްނައި ދިނެވެ.

ކުރިން އިންޑިއާގެ ލޯނުތަކުގެ ސަބަބުން އިޤްތިޞާދަށް ލިބިދާނެ ގެއްލުމަކާ މެދު ފާޑުކިޔާފައިވާ ލީޑަރުންނަށް މިހާރު އެކަން ރަނގަޅުވެ، ކުރިން ދެކޮޅު ހެދި މާލީ އިންތިޒާމުތަކުގެ ދަށުން އައު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރަމުން ދާ ދިޔުމަކީ އަޖައިބު ކުރުވަނިވި ކަމެކެވެ. މި ފުށުއެރުމަކީ ސިޔާސީ ދާއިރާގެ ފާޑުކިޔާ ފަރާތްތަކާއި އާންމުންނަށް ފާހަގަކުރެވިފައިވާ ކަމެކެވެ. އަދި މިއީ މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމަށް އޭރު ހަދާފައިވާ ރޯ ބުހުތާު ދޮގުތަކާއި، އަދި އެމީހުންގެ އިޚްލާޞްތެރިކަމާއި މެދު ސުވާލު އުފެދޭ ކަމެކެވެ.