ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު 9 މަސްދުވަސް ފާއިތުވެގެންދާއިރުވެސް ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިޔަށް ގޮސްފައި ނުވާއިރު, މުއިއްޒު ގެންދަވަނީ ރައީސް ޔާމިންގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދިން ތަރައްގީގެ ކުލަތައް ފަނޑުކޮށް, އަދި ރައީސް ޔާމިންގެ ތަރައްގީގެ ލެގަސީ އެކީއެކަށް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން, އެންމެ ފަހުން ފެނިގެން ދިޔައީ, ރައީސް ޔާމިންގެ ވެރިކަމުގައި ކުރި އެންމެ މުހިންމު ބިނާކަމުގައިވާ ސިނަމާލެ ބުރިޖްގެ ކުލަ ވިލު ނޫކުލައަށް ބަދަލުކޮށް, ރައީސް ޔާމިންގެ ގިޔާދަތުގައި ކުރިޔަށް ގެންދިޔަ އެ މުހިންމު މަޝްރޫއުގެ ހުރިހާ ކުރެޑިޓެއް މުއިއްޒު ނަންގަވަން މަސައްކަތް ކުރި މަންޒަރެވެ.
އެހެންނަމަވެސް, މުޅި ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ކުރިޔަށް ގެންދެވުނު ތަރައްގީގެ އެންމެ ބޮޑު މި ޕްރޮޖެކްޓްގެ ކުލަބަދަލުކޮށް, ރައީސް ޔާމިންގެ ތަރައްގީގެ ލެގަސީ ފަނޑުކޮށްލުމަށް, މުއިއްޒުގެ އަމުރަށް ބުރިޖްގެ ކުލަ ވިލު ނޫކުލައަށް ބަދަލު ކުރިކަމުގައި ވިނަމަވެސް, އެއީ މުއިއްޒުއަށް ބަދަލު ކުރެވޭނެ ހަގީގަތެއް ނޫނެވެ. އަދި އަމުދުން މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, މިހާތަނަށް ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިޔަށް ގެންދެވިފައި ނުވާއިރު, މުއިއްޒުއަކީ ތަރައްގީގެ މާބޮޑު ވިސްނުމެއް ފިކުރެއް އަދި ތަސައްވުރެއްވެސް ނެތް ރައީސެއްކަން ވަރަށްވެސް ރަގަޅަށް ދަނީ ފެނި ހާމަވަމުންނެވެ.
އެހެންކަމުން, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަހަރެއް ފާއިތުވެގެން ދާއިރުވެސް, ތަރައްގީގެ ކުދިބޮޑު އެއްވެސް މަޝްރޫއެއް މިސާރުކާރަށް ފަށައި ނުގަނެވި ވަނިކޮށް, އެހެން ލީޑަރަކު ކޮށްފައިވާ ތަރައްގީގެ ބިނާއެއްގެ ކުލަ ބަދަލުކޮށް, ހަގީގަތް އޮޅުވާލުމަށް މުއިއްޒު މަސައްކަތ ކުރެއްވުމުން, ރައީސް މުއިއްޒުއަކީ އަތުންފައިން މަސައްކަތް ނުކޮށް, މުޅި ވިސްނުމާއި ފިކުރު, އެހެން ލީޑަރުން ކޮށްފައިވާ މަސައްކަތްތަކުގެ ކުރެޑިޓް ނެގުމަށް އެކަނި ބަރޯސާ ކޮށްފައިވާ ވެރިއެއްކަން މިއަދު މިވަނީ ކަށަވަރުވެ ޔަގީން ކުރެވިފައެވެ.
މުއިއްޒުގެ މި ހުތުރު ސިޔާސަތުން ހަގީގަތުގަވެސް ހާމަވެގެން ދަނީ, މުއިއްޒުގެ ހަސީލަތުގެ ނުބައިކަމާއި, ވިސްނުމެއް ތަސައްވުރެއް އަދި ސިޔާސަތެއްވެސް ނެތްކަމެވެ. އެހެން ނޫންނަމަ, ވިޝަނަރީ ލީޑަރުން ކޮށްފައިވާ މަސައްކަތްތަކުގެ ހަގީގަތް އޮޅުވާލާ, އެކަންކަމުން ނުހައްގު މެޑަލް ޖެހުމަށް މުއިއްޒު އަވަސްވެ ނުގަތީހެވެ.
ސިނަމާލެ ބުރިޖުގެ ކުލަ ބަދަލުކޮށް, އެއީ ތިމާގެ އަމިއްލަ ލެގަސީއަކަށް ހެދުމުގެ ވިސްނުން އައުމަކީވެސް, މުއިއްޒުގެ ހަމައެއް ލަމައެއް އަމާޒެތް ނެތް ސިޔާސަތު ވަރަށްވެސް ރަގަޅަށް ވަޒަންކޮށްދިން ކަމެކެވެ.