ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވެސް އެޖެންޑާކޮށްފި އެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް ފޮނުވާފައި ވާއިރު އެ އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރުމުގެ ގަރާރުގެ މަސައްކަތް އެކަންޏެވެ. އެ ގަރާރުގެ މަސައްކަތް މިއަދުގެ ޖަލްސާއަށް ވެސް އެޖެންޑާކުރި އެވެ.
ނަޝީދު ވަކިކުރުމުގެ ގަރާރު މިއަދަށް އެޖެންޑާކުރި ނަމަވެސް އެ ޖަލްސާ ނުބޭއްވީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އަށް ނޫނީ އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ނުދެކޭތީ އެވެ. މިއަދުގެ ޖަލްސާ ކެންސަލް ކުރިކަން އިއުލާނު ކުރައްވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މިއަދުގެ ޖަލްސާ ކެންސަލްކުރަން ޖެހުނީ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކަމަށެވެ.
މަޖިލީހަށް ސަލާމް ފޮނުއްވި ސިޓީގައި އީވާ ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ. އެކަން އަންގައިދޭ މެޑިކަލް ސެޓްފިކެޓް ވެސް އެ ސިޓީއާ އެކު އޭނާ ފޮނުއްވި އެވެ.
މަޖިލީހުގެ ނައިބު ރައީސްއަށް ވަޑައިނުގެންނެވުނު ނަމަވެސް އެ ޖަލްސާ ބޭއްވޭނެ ކަމަށް ކަނޑައަޅައިދޭން އެދި އެމްޑީޕީން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.