ދައުލަތުގެ ރަސްމީ ބޭރު ރިޒާވް ހުސްވެދާނެކަމުގެ ކަންބޮޑުވުން މަރުކަޒީ ބޭންކު (އެމްއެމްއޭ) ފާޅުކުރުމާއެކު, ކުންފުނިތަކުން ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ވެއްޓޭނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. އަދި މި ހިނގާ އޯގަސްޓު މަހުގައި ޔޫޒަބަލް ރިޒާވް އެކީ ހުސްވުމުގެ ފުރުސަތު ބޮޑުކަމަށް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭގެ މި ކަންބޮޑުވުންތަކާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސިޓީގައި އެދިފައިވަނީ ދައުލަތުގެ ކުންފުނިތަކުން ބޭރު ފައިސާ އެތެރެވާނެ ގޮތަށް އަމަލުކުރުމަށް ފިޔަވަޅުތައް އެޅުމަށެވެ. އެގޮތުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ވަނީ އެދިފައެވެ.
އަދި ބޭރު ފައިސާގެ އާމްދަނީ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށްވެސް ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.
ފިނޭންސްގެ ސިޓީގައި ބުނެފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 365.44 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް 21.97 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށްވެސް އެ ސިޓީގައިވެއެވެ.
އެމްއެމްއަށާއި ބޭންކުތަކަށް ކުރިމަތިވާ މިފަދަ ”ކާރިސާ“އެއްގެ އެންމެ ބޮޑު ނުރައްކަލަކަށް ވެގެންދާނީ ވިޔަފާރިތަކާއި ކަސްޓަމަރުގެ އިތުބާރު ބޭންކުތަކަށް ގެއްލި, ޑިޕޮޒިޓަރީގައި ހުރި ފައިސާ, އެކައުންޓު ހޯލްޑަރުން ގަނޑުކޮށް ވިތްޑްރޯ ކުރަން ފަށައިފި ހާލަތެއްގައެވެ. އެއީ ދުނިޔޭގެ ގައުމުތައް ބަގުރޫޓުވެ, އަދި ބޮޑެތި ބޭންކުތައްވެސް ބަގުރޫޓުވާން މެދުވެރިވެފައިވާ ހާލަތެކެވެ.
މިއީ, ބޭރުގެ ދަރަނި ބޮޑު, އަދި އަސާސީ ހުރިހާ ތަކެއްޗެއްވެސް އިމްޕޯޓު ކުރާ ރާއްޖެ ފަދަ, ގައުމަކަށް މިއީ ކުރިމަތިވާނެ އެންމެ އުނދަގޫ އިގްތިސާދީ ހާލަތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން (ތަކެތީގެ އަގު) އިންތިހާއަށް އުފުލިގެން ދާނެއެވެ. އަދި އިގްތިސާދީ ދުވެލި މަޑުޖެހި, ރާއްޖޭގެ އިގްތިސާދީ ހާލަތު އިތުރަށް ނާޒުކު ހާލަތަކަށް ވެއްޓިގެންދާނެއެވެ. އަދި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ވަސީލަތްތައް, (ތެލާއި ކާޑުގެ ބާވަތްތައް) ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތެއް ނެތި, ރައްޔިތުން ހާލުގައި ޖެހި, މުޅި ގައުމު ބޮޑު ކާރިސާއަކަށް ވެއްޓިގެން ދާނެއެވެ.
އެހެންނަމަވެސް ސަރުކާރުން އަދިވެސް ގެންދަނީ, ވެރިކަމުގައި ދެމި ތިބުމަށްޓަކާ, ރާއްޖެއަށް ކުރިމަތިވަމުންދާ އިގްތިސާދީ ކާރިސާގެ ހާލަތު ސިއްރު ކުރަމުންނެވެ.