ޚަބަރު

އިންޑިޔާގެ މިސައިލު ޓެސްޓްތައް ހިނގާ ސަރަހައްދަށް، ޗައިނާގެ ޖާސޫސީ ބޯޓެއް! މިކަން ޗައިނާއަށް މަގުފަހިކޮށް، ސަރަހައްދު ހަނގުރާމައިގެ ބިރުވެރިކަމަށް މުއިއްޒު ވަނީ ވައްޓާލާފައި!

ދިޔަވަރު
އިންޑިޔާގެ މިސައިލު ޓެސްޓްތައް ހިނގާ ސަރަހައްދަށް، ޗައިނާގެ ޖާސޫސީ ބޯޓެއް! މިކަން ޗައިނާއަށް މަގުފަހިކޮށް، ސަރަހައްދު ހަނގުރާމައިގެ ބިރުވެރިކަމަށް މުއިއްޒު ވަނީ ވައްޓާލާފައި!

އިންޑިޔާގެ މިސައިލު ޓެސްޓްތައް ހިނގާ ސަރަހައްދު ކައިރިއަށް، ޗައިނާގެ ޖާސޫސީ ބޯޓެއް އަތު ވެއްޖެއެވެ. މިކަން ޗައިނާއަށް މަގުފަހި ކޮށް، ސަރަހައްދު ހަނގުރާމައިގެ ބިރުވެރިކަމަށް މުއިއްޒު ވަނީ ވައްޓާލާފައެވެ. ބާރުވެރި ގައުމުތަކުގެ މިލިޓަރީ ވާދަ ވެރިކަމުގެ ތެރެއަށް ދިވެހިރާއްޖެ މީގެ ކުރިން ދުވަހަކުވެސް ވަދެފައި ނުވެއެވެ. ޗައިނާގެ ޖާސޫސީ ބޯޓުތަކަށް އެހީތެރިވެ، އެތަކެތި ރާއްޖޭގައި ބަނދަރުކޮށް، ތެލާއި ކާބޯތަކެތި ރާއްޖެއިން ފޯރުކޮށް ދޭން ފެށުމަކީ ސަރަހައްދުގައި އޮތް، އަމާންކަމުގެ މަސްލަހަތު ގެއްލިގެން ގޮސްފައިވާ ކަމެކެވެ.

ވީ ކިހިނެއް:

މިސައިލް ޓެސްޓް: އިންޑިއާއިން ބަންގާޅު ކަނޑުގައި (ބޭ އޮފް ބެންގާލް) ގައި "ނޯ ފްލައި ޒޯން" އެއް އިޢުލާނުކޮށްފައިވަނީ، 22/08/2024 އިން 23/08/2024 އަށް ހަމަޖެހިފައިވާ މިސައިލް ޓެސްޓުތައް ކުރުމަށް ކަމަށް ބެލެވެއެވެ. މިއީ އިންޑިއާއިން އެ ޤައުމުގެ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ނުވަތަ ބާރުގަދަކަން ދެއްކުމަށް ހިންގާ ޓެސްޓެއް ކަމަށް ވެދާނެއެވެ.

ކަނޑުއަޑީގެ ހަތިޔާރު ތަޖުރިބާކުރުން: 17/08/2024 އިން 01/09/2024 އަށް ކަނޑުއަޑީގެ ހަތިޔާރު ތަޖުރިބާކުރުމަށް ވަކި ސަރަޙައްދެއް އިންޑިޔާއިން ވަނީ ކަނޑައަޅާފައިވެއެވެ. މިއީ ކަނޑުގެ އަސްކަރީ މަޝްޤުތައް (ޑްރިލް ތައް) ނުވަތަ ކަނޑުއަޑީގެ ހަތިޔާރު ސިސްޓަމްތައް ތަޖުރިބާކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދިޔުމަށް ކަމަށް ބެލެވެއެވެ.

ޗައިނާގެ ޖާސޫސީ އުޅަނދު: އިންޑިޔާއިން ކަނޑުއަޑީގެ ހަތިޔާރު ތަޖުރިބާކުރާ ސަރަޙައްދާ ކައިރީގައި ޗައިނާގެ ޒިއާންގ ޔަންގ ހޮންގ 03 ޖާސޫސީ އުޅަނދު އުޅޭކަން ޖީޕީއެސް ލޮކޭޝަން ތަކުން ދައްކައެވެ. މިއީ ދިރާސާ އުޅަނދެއްގެ ގޮތުގައި ބުނެފައިވީނަމަވެސް، އަސްކަރީ ތަޖުރިބާކުރާ ސަރަޙައްދަކާ ކައިރީގައި އުޅޭތީ، އިންޑިއާގެ ކަނޑުގެ ޙަރަކާތްތަކާބެހޭ މަޢުލޫމާތު ހޯދުމަށް ނުވަތަ ބެލުމަށް އުޅޭ ޖާސޫސީ އުޅަނދެކެވެ.

އިންޑިޔާއިން މިސައިލް ޓެސްޓް ކުރާ ސަރަހައްދު ކައިރިއަށް ޗައިނާގެ ޖާސޫސީ އުޅަނދު އައިސްފައިވާ މަންޒަރު. މިކަމަށް މަގުފަހި ކޮށްދެމުން ދަނީ މުއިއްޒުގެ ސަރުކާރަށް. ބާރުވެރި ދެ ޤައުމެއްގެ މިލިޓަރީ ވާދަ ވެރިކަމަށް، ޗައިނާއަށް އެހީ ތެރިވުމަކީ ރާއްޖެއިން ކޮށްގެންވާނެ ކަމެއް ނޫން.

މުއިއްޒުގެ ސަރުކާރުުގެ އެހީގައި، ޗައިނާއިން އެއްކުރަމުން އެދަނީ އެންމެ އަވަށްޓެރި، އަދި ދިވެހިރާއްޖެއަށް ތާ އަބަދުމެ، ބޭނުން ޖެހޭ ކޮންމެ ވަގުތަކު އެހީތެރިވެދޭ އިންޑިޔާގެ އަސްކަރީ ބާރުވެރިކަމާއި ގުޅޭ މައުލޫމާތެވެ.

އިންޑިޔާއިން ނޯ ފްލައި ޒޯނެއް އިޢުލާނު ކުރުމުގެ ބޭނުމެއް ކަމަށް ބެލެވެނީ މިސައިލް ޓެސްޓްކުރާ ސަރަޙައްދަށް އާންމު މަދަނީ މަތިންދާބޯޓުފަހަރު ވަނުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. އަދި މީގެ ސަބަބުން ޓެސްޓްތަކުގެ ސިއްރު ހިފެހެއްޓުމާއި، ބޭރުގެ ފަރާތްތަކުން މި ޙަރަކާތްތައް ބެލުން ހުއްޓުވުމަށްވެސް މަގުފަހިވެގެންދެއެވެ.

މި ހުރިހާ ޙަރަކާތްތަކަކުން ދައްކުވައިދެނީ އަސްކަރީ މަޝްގުތައް އިތުރުވެ، އަދި މި ސަރަޙައްދުގައި އޮތް ގުޅުންތައް ނުތަނަވެސްވެ، މަޝްރަހު ހޫނުވަމުންދާ މަންޒަރެވެ. މިއީ އެކުވެރި ޤައުމަކުން، އެނެއް ޤައުމާއި މެދު ކުރާނެ ވަރުގެ ކަންކަމެއް ނޫނެވެ.

އިންޑިއާއިން މި އަސްކަރީ ޙަރަކާތްތަކުން އެ ޤައުމުގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރު ކުރުމަށް މަސައްކަތް ކުރަމުން ދާއިރު، ރާއްޖެއިން މުއިއްޒުގެ އެހީތެރިކަމާއި އެކު، އިންޑިޔާއާއި ދެކޮޅު މިލިޓަރީ ބާރެއް ކަމަށްވާ މާ ދުރުގައި އޮތް ޗައިނާގެ އުޅަނދު އެ ސަރަޙައްދުގައި އުޅުމަށް އެހީ ވެދިނުމަކީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް މުއިއްޒުގެ ސަބަބުން ވަރަށް ބޮޑަށް ހިޔަނި އެޅިފައިވާކަން ދައްކުވައިދޭ ކަމެކެވެ. މުއިއްޒުގެ މިއަމަލަކީ މުޅި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެކެވެ.

މުޅި ގައުމު ނުރައްކަލަކަށް ޗައިނާއަށް ޓަކައި މުއިއްޒު ވައްޓާލާފައިވާއިރު، ޗައިނާއިން ރާއްޖެއަށް އެއްވެސް އެހީތެރިކަމެއް މުއިއްޒުގެ ސަރުކާރުގައި ނުދެއެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލު ކުރަނީ މި ފަދަ ނުރައްކާތެރި ކަމެއް މުއިއްޒު ހިންގަމުން ދަނީ ޗައިނާއަތުން އަމިއްލަ މަންފާއަށް ފައިސާ ނަގައިގެންނެވެ.