މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 100،000 ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް، އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރީޢަތަށް ހާޒިރުނުވުމުގެ ސަބަބުން މިއަދު ބާޠިލުކުރެވިއްޖެއެވެ.
މި މައްސަލައިގެ ފަސްމަންޒަރަށް ބަލާއިރު، ޅ. ނައިފަރު، ހިރުދުގަސްދޮށުގޭ މަޙްމޫދު ޢަބްދުﷲގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް 2019 ވަނަ އަހަރުގެ މާރިޗު 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ސާބިތުކޮށް، އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރިއެވެ. މި ޖޫރިމަނާގެ ފައިސާ 6 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް މަޙްމޫދު މި ފައިސާ ނުދައްކާތީ، 2022 ވަނަ އަހަރުގެ އޯގަސްޓު 17 ވަނަ ދުވަހު އޭރުގެ އެޓަރނީ ޖެނެރަލްގެ އޮފީހުން މި ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެހެންނަމަވެސް، މިއަދު ސިވިލް ކޯޓުން މި މައްސަލަ ބާޠިލުކޮށްފައިވަނީ މިހާރުގެ އެޓަރނީ ޖެނެރަލްގެ އޮފީހުން މައްސަލަ ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދޭތީއެވެ.
ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފާއިތުވި ބުރާސްފަތި ދުވަހު އަމުރު ފޮނުވާފައިވީނަމަވެސް، އެ އޮފީހުން މަޤުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުވެފައި ނުވެއެވެ. މިފަދަ ޙާލަތެއްގައި ދަޢުވާ ފޯމު ބާޠިލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން ފާހަގަކުރަމެވެ.