ހާރިޖީ ވަޒީރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން
ހާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ވަޒީރު އަމިއްލަފުޅަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވިގޮތުގައި، މި ދަތުރުފުޅަކީ ސައުދީ ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ނަމަވެސް ދަތުރުފުޅުގެ ދިގުމިނެއް ހާމަކުރައްވާފައެއް ނުވެއެވެ.
މި ދަތުރުފުޅުގައި ވަޒީރު ޒަމީރު، ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލްސައުދު އާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސައުދީގެ އެހެނިހެން އިސް އޮފިޝަލުންނާވެސް މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ދެ ޤައުމުގެ މެދުގައި ކުރިއަށްގެންދެވޭ މި މަޝްވަރާތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، މި މަޝްވަރާތަކުގައި ހިލޭ އެހީއާ ގުޅޭގޮތުން ވާހަކަދެކެވޭނެ ކަމަށްވެސް ލަފާކުރެވެއެވެ.
މިއީ މި މަހު ވަޒީރު ޒަމީރު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. ކުރިން އޮގަސްޓު 6 ވަނަ ދުވަހު އޭނާ ޖިއްދާ އަށް ވަޑައިގެންނެވީ މެދުއިރުމަތީގެ ހަލަބޮލިކަމާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބޭއްވި ކުއްލި ބައްދަލުވުމަކަށެވެ.
އޭގެފަހުންވެސް ވަޒީރު ޒަމީރު ވަނީ މެދުއިރުމަތީގެ ސަރަޙައްދަށް ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ބަހްރެއިނަށެވެ. އެއީ ބަހްރެއިންގެ ހާރިޖީ ވަޒީރު އަބްދުއްލަތީފް ބިން ރާޝިދު ޒަޔާނީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އޭގެ ނަތީޖާއެއް ހާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މި ދަތުރުފުޅުގައި ސައުދީ ސަރުކާރާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، މިފަދަ ދަތުރުފުޅުތަކުގެ ނަތީޖާއާމެދު ފުންކޮށް ވިސްނާލުން މުހިންމެވެ:
- ކުރިން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އިޤްތިޞާދީ އެހީއަށް އެދިވަޑައިގެންނެވި ނަމަވެސް، ޗައިނާއިން އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަން ފާހަގަކުރެވެއެވެ.
- އިޤްތިޞާދީ ހީނަރުކަމާ ކުރިމަތިލި ދުވަސްވަރު ސްރީލަންކާއިން އެދުމުން، ސަޢޫދީ ޢަރަބިއްޔާއިން އެ ގައުމަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަންވެސް ހަނދާންކުރަންޖެހެއެވެ.
- ބޭރުގެ އެހީތެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި، ސިޔާސީ މަގާމުތައް މަދުކޮށް ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.
ނަމަވެސް މުއިއްޒު ގެންދަވަނީ ފަހަރަކު ޤައުމަކަށް ސަލާން ޖެހުމަށް ސިޓީ ފޮނުވަމުންނެވެ.