ސިޔާސީ

އެމްއެމްއޭގެ ޑޮލަރު ރިޒަރވް ހުސްވުމުން ދެން ވާނީ ކިހިނެއް؟ ވަކި ވަކި ރައްޔިތުންގެ ދިރިއުޅުމަށް ކުރާނީ ކޮން އަސަރެއް؟ ހާސްވެ ކަންބޮޑުވާން ޖެހޭތަ؟

ދިޔަވަރު
އެމްއެމްއޭގެ ޑޮލަރު ރިޒަރވް ހުސްވުމުން ދެން ވާނީ ކިހިނެއް؟ ވަކި ވަކި ރައްޔިތުންގެ ދިރިއުޅުމަށް ކުރާނީ ކޮން އަސަރެއް؟ ހާސްވެ ކަންބޮޑުވާން ޖެހޭތަ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދާދިފަހުން ފޮނުވި ސިޓީ ރާއްޖޭގެ ނޫސްތަކަށް ލީކުވެ، ހާމަ ވެގެން ދިޔަ ނުރައްކާތެރި މަޢުލޫމާތަކުން އެނގުނު ގޮތުގައި، މި މަހުގެ ނިޔަލަށް ރާއްޖޭގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒަރވް ހުސްވާނެއެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނުރައްކާތެރި ގޮންޖެހުމެކެވެ. ޚާއްޞަކޮށް އިމްޕޯޓަށާއި ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ކުޑަ ޖަޒީރާ ޤައުމަކަށް މިފަދަ ހާލަތެއް ދިމާވުމުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑުވާނެއެވެ.

ބޭރު ފައިސާގެ ރިޒަރވްގެ މުހިންމުކަން:

ބޭރު ފައިސާގެ ރިޒަރވްގެ ގޮތުގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރެވެނީ އެމެރިކާ ޑޮލަރެވެ. މި ރިޒަރވްގެ މައިގަނޑު ބޭނުމަކީ ޤައުމުގެ ފައިސާގެ އަގު ހިފެހެއްޓުމާއި، އިމްޕޯޓަށް ފައިސާ ދެއްކުމާއި، ބޭރުގެ ދަރަނި އަދާކުރުމެވެ. މީގެ އިތުރުން، ބޭރުގެ އިޤްތިޞާދީ ލޮޅުންތަކުން ޤައުމު ރައްކާތެރިކުރުމަށް މި ރިޒަރވް ބޭނުންކުރެވެއެވެ. ޚާއްޞަކޮށް ތެޔޮ، ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓުކުރާ ޤައުމުތަކަށް މި ރިޒަރވް ވަރަށް މުހިންމެވެ. ރިޒަރވް އެކަށީގެންވާ ވަރަށް ނެތްނަމަ، ޤައުމުގެ މާލީ ޒިންމާތައް އަދާކުރުމަށް ދަތިވެ، އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތު ގޯސްވެގެން ހިނގައިދާނެއެވެ.

އިމްޕޯޓަށް ބަރޯސާވާ އިޤްތިޞާދުތަކަށް ކުރާ އަސަރު:

ދިވެހިރާއްޖެއަކީ، އެހެން ގިނަ ކުދި ޖަޒީރާ ޤައުމުތަކެކޭ އެއްފަދައިން، ކާބޯތަކެއްޗާއި، ތެލާއި، ބޭހާއި އަދި އެހެނިހެން މުހިންމު ތަކެތި އިމްޕޯޓުކުރުމަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެކެވެ. ރިޒަރވް ހުސްވެއްޖެނަމަ، މި ތަކެތި އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމަށް ދަތިވެ، މުހިންމު ތަކެތީގެ ދަތިކަން ކުރިމަތިވެ، އަގުތައް މައްޗަށް ދާނެއެވެ. ރިޒާރވް ހުސްވުމުން، އެސްޓިއޯއިން ރާއްޖެއަށް ގެންނަ ތެލާއި، ބޭހާއި، ކާބޯތަކެތި ގެނައުން ހުއްޓިގެން ހިނގައިދާނެއެވެ. މިކަމުގެ ސާފު މިސާލެއް ފެނިގެން ދިޔައީ 2022 ވަނަ އަހަރު ސްރީލަންކާގައެވެ. ސްރީލަންކާގެ ރިޒަރވް ދަށްވުމުން، އަސާސީ ތަކެތި އިމްޕޯޓުކުރުމަށް ދަތިވެ، ތެލުގެ ދަތިކަމާއި، ކަރަންޓު ކެނޑުމާއި، ކާބޯތަކެތީގެ އަގު މައްޗަށް ޖެހުނެވެ. މީގެ ސަބަބުން އިޖްތިމާޢީ ހަމަނުޖެހުން އުފެދި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވުމާ ގުޅިގެން ބޮޑެތި މުޒާހަރާތައް ކޮށް ވެރިކަން ވެއްޓުނެވެ.

ދިވެހިރާއްޖެއަށްވެސް މިފަދަ ހާލަތެއް ކުރިމަތިވެދާނެއެވެ. ބޭރު ފައިސާގެ ރިޒަރވް ނެތުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ބޮޑެތި ބޭރު ފައިސާތަކާ އަޅާބަލާއިރު ވެއްޓިގެންދާނެއެވެ. މީގެ ސަބަބުން އިމްޕޯޓުކުރާ ތަކެތީގެ އަގު ބޮޑުވާނެއެވެ. ފަތުރުވެރިކަމަކީ ރާއްޖެއަށް ބޭރު ފައިސާ ލިބޭ މައިގަނޑު ވަސީލަތް ކަމަށްވާތީ، އިމްޕޯޓުކުރާ ތަކެތީގެ އަގު ބޮޑުވުމުން ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު އިތުރުވެ، ޚަރަދުކުރެވޭ މިންވަރު ދަށްވެ، އަދި ޚިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން މަދުވެގެންދާނެއެވެ. މީގެ އިތުރުން، އަގުތައް މައްޗަށް ދިއުމުގެ ސަބަބުން ނިކަމެތި ޢާއިލާތަކަށް އެންމެ ބޮޑަށް އަސަރުކޮށް، ފަޤީރުކަން އިތުރުވެ، އިޖްތިމާޢީ ހަމަނުޖެހުން އުފެދިގެންދާނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ އަސަރު:

ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒަރވްގެ ބޮޑު ބައެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ނަމަވެސް، ރިޒަރވް ހުސްވެއްޖެނަމަ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މިގޮތުން، ރިސޯޓުތައް ހިންގުމަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި އަދި މަރާމާތަށް ބޭނުންވާ ތަކެތި މާލެއިން ގަންނަން ނުލިބި ދަތިވާނެއެވެ. އެހެން ކަމުން ރިސޯޓު ތަކަށް މަޖުބޫރު ވާނީ ހުރިހާ ތަކެއްޖެ ބޭރުން ޑޮލަރު ދީފައި ގަތުމަށެވެ. މީގެ ސަބަބުން އިޤްތިޞާދުތެރޭ ދައުރުވާ އަދި ރިސޯޓް ތަކުން ބޭންކަށް ޖަމާކުރާ ފައިސާ މަދުވެގެން ދާނެއެވެ. އަދި ބޭންކުން ޑޮލަރު ނަގަން ދަތިވާނަމަ، ބޭރު ޤައުމުތަކުގައި ބޭރު ފައިސާ ބަހައްޓަން ފަށާނެއެވެ. މިފަދަ ހާލަތެއް 2016 ވަނަ އަހަރު މިސްރުގައި ކުރިމަތިވިއެވެ. ބޭރު ފައިސާގެ ހާލަތު ގޯސްވުމާ ގުޅިގެން، މިސްރުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ. ސަރުކާރަށް ބޭނުންވާ ތަކެތި އިމްޕޯޓުކުރުމަށް ދަތިވުމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ދަށްވެ، ފަތުރުވެރިން އެހެން މަންޒިލުތަކަށް ދަތުރުކުރަން ފެށިއެވެ.

ދިވެހިރާއްޖޭގައިވެސް މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ފަތުރުވެރިކަމުގެ ޚިދުމަތުގެ ފެންވަރު ދަށްވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެގެންދާނެއެވެ. ފަތުރުވެރިކަން ދަށްވުމާ ގުޅިގެން ބޭރު ފައިސާ ލިބޭ މިންވަރު މަދުވެ، ރިޒަރވް އަލުން އިތުރުކުރުމަށް ދަތިވެގެންދާނެއެވެ. މިއީ އިޤްތިޞާދީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ.

ވަޒީފާއާއި މުސާރައަށް ކުރާނެ އަސަރު:

ދިވެހިރާއްޖޭގެ އިޤްތިޞާދު ބޮޑަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި އެއާ ގުޅުންހުރި ޚިދުމަތްތަކަށެވެ. ބޭރު ފައިސާގެ ރިޒަރވް ހުސްވުމުގެ ސަބަބުން މި ދާއިރާތަކަށް ލޮޅުން އަރައިފިނަމަ، ގިނަ ބަޔަކު ވަޒީފާ ގެއްލިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ޚާއްޞަކޮށް ދަށް ފަންތީގެ ވަޒީފާތަކަށް މިއިން ކުރާ އަސަރު ބޮޑުވާނެއެވެ. މިފަދަ ހާލަތެއްގެ ނުރައްކާތެރިކަން ވެނެޒުއެލާގެ މިސާލުން ފެންނަން އެބައޮތެވެ. ވެނެޒުއެލާގައި ބޭރު ފައިސާގެ ރިޒަރވް ހުސްވުމާއި ތެލުގެ ވަސީލަތްތައް ރަނގަޅަށް މެނޭޖް ނުކުރެވުމުގެ ސަބަބުން އިޤްތިޞާދު ފުނޑުފުނޑުވެގެން ދިޔައެވެ. މީގެ ސަބަބުން ހައިޕަރއިންފްލޭޝަން، ވަޒީފާ ގެއްލުން، އަދި އަސާސީ ތަކެތީގެ ދަތިކަން ކުރިމަތިވެ، ފަޤީރުކަން އިތުރުވެ، ގިނަ އަދަދެއްގެ ރައްޔިތުން ޤައުމުން ފިލައިގެން ދިޔައެވެ.

ދިވެހިރާއްޖޭގައިވެސް ބޭރު ފައިސާގެ ރިޒަރވް ހުސްވެއްޖެނަމަ، މިފަދަ ކަންތައްތަކެއް ކުރިމަތިވެދާނެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގައި، މިސާލަކަށް ހޮޓާތަކާއި، ދަތުރުފަތުރާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ވަޒީފާ ގެއްލިގެންދާ މީހުންގެ އަދަދު އިތުރުވާނެއެވެ. ސަރުކާރުގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން، ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދަތިވެ، ފަޤީރުކަމާއި ތަފާތުތައް އިތުރުވެގެންދާނެއެވެ.

ބޭރުގެ ދަރަންޏާއި ބައިނަލްއަޤްވާމީ ގުޅުންތައް:

ބޭރު ފައިސާގެ ރިޒަރވް މަދުވުމުގެ ސަބަބުން، ދިވެހިރާއްޖެއަށް ބޭރުގެ ދަރަނި އަދާކުރުމަށްވެސް ދަތިވާނެއެވެ. ދިވެހިރާއްޖެއިން ވަނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ބޮޑެތި ލޯނުތައް ނަގާފައެވެ. ޚާއްޞަކޮށް ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ގެ ދަށުންނެވެ. މި ދަރަނިތައް އަދާކުރުމަށް ނުކުޅެދިއްޖެނަމަ، ޤައުމު ބަނގުރޫޓުވުމުގެ ނުރައްކާ ކުރިމަތިވެ، ޤައުމުގެ ކްރެޑިޓް ރޭޓިންގއަށް ނޭދެވޭ އަސަރުކޮށް، ކުރިމަގުގައި ފައިނޭންސް ހޯދުމަށް އިތުރަށް ދަތިވެގެންދާނެއެވެ. މިފަދަ ހާލަތެއްގެ ނުރައްކާތެރިކަން އާޖެންޓީނާގެ މިސާލުން ފެންނަން އެބައޮތެވެ. އާޖެންޓީނާއިން ވަނީ ބޭރު ފައިސާގެ ރިޒަރވްގެ ހާލަތު ގޯސްވުމާ ގުޅިގެން، އެންމެ ފަހުން 2020 ގައި، އެތައް ފަހަރެއްގެ މަތިން ދަރަނި އަދާނުކޮށް ދޫކޮށްލާފައެވެ. މީގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދީ ހާލަތު ދިގު މުއްދަތަކަށް ގޯސްވެ، އަގުތައް މައްޗަށް ގޮސް، އިންވެސްޓަރުންގެ އިތުބާރު ގެއްލި، އިޤްތިޞާދު ކުރިއެރުވުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވިއެވެ.

ދިވެހިރާއްޖެއިން ދަރަނި އަދާނުކޮށް ދޫކޮށްލައިފިނަމަ، ބައިނަލްއަޤްވާމީ މާލީ މާރުކޭޓުތަކުގައި ރާއްޖޭގެ އަގު ވެއްޓުމުގެ އިތުރުން، ޗައިނާ އާއި އެކު އޮންނަ ގުޅުން ގޯސްވެގެންދާނެއެވެ. މީގެ ސަބަބުން ތަރައްޤީއަށާއި އިޤްތިޞާދު އަލުން ރަނގަޅުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް އިތުރަށް ދަތިވެގެންދާނެއެވެ.

މި ހުރިހާ ކަންތައްތަކަކީވެސް ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރުވާނެ ކަންތައްތަކެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުންނާއި އެމްއެމްއޭއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ. މީގެ ތެރޭގައި ބޭރު ފައިސާ ހޯދުމަށް އިތުރު މަގުތައް ހޯދުމާއި، ރާއްޖޭގެ އެކްސްޕޯޓު އިތުރުކުރުމަށް މަސައްކަތްކުރުން، އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެހީތެރިކަން ހޯދުން ހިމެނެއެވެ. އަދި ދިގު މުއްދަތުގައި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ބޭރު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މަސައްކަތްކުރަންޖެހޭނެއެވެ. މިގޮތުން، އިޤްތިޞާދު ތަނަވަސްކޮށް، އެކި ދާއިރާތަކުން އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކުރުމަކީ މުހިންމު ކަމެކެވެ.