ޚަބަރު

ދައުލަތާއި ދެކޮޅަށް، ނޫމަޑި މައްސަލަ، އާބިޓުރޭޝަނަށް ހުށައެޅުމުގެ އަޑީގައި ހުރީ މުއިއްޒު: ރައީސް ޔާމީން

ދިޔަވަރު
ދައުލަތާއި ދެކޮޅަށް، ނޫމަޑި މައްސަލަ، އާބިޓުރޭޝަނަށް ހުށައެޅުމުގެ އަޑީގައި ހުރީ މުއިއްޒު: ރައީސް ޔާމީން

ދައުލަތާއި ދެކޮޅަށް ނޫމަޑި މައްސަލަ އާބިޓުރޭޝަނަށް ހުށައެޅުމުގެ އަޑީގައި ހުރީ މުއިއްޒު ކަމަށް ރައީސް ޔާމީން ވިދާޅު ވެއްޖެއެވެ.

ޔާމީންގެ ވެރިކަމުގައި ނޫމަޑިން އާބިޓްރޭޝަނަށް ނުވަތަ ކޯޓަށް ގޮސްފައި ނުވާ ކަމަށާއި އެއީ އެމީހުންގެ ކޭސްއެއް ނެތުމުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ނޫމަޑި އެއްބަސްވުން ބާތިލު ކުރީ ބަންޑާރަ ނައިބުގެ ލަފަޔާއެކު ކަމަށާއި، ކޯޓަށް ދިޔުމުގެ ފުރުޞަތެއް އޭގައި ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ މި ބޭފުޅާ (މުއިއްޒު) އިސްނަންގަވައިގެން މެނުވީ ނޫނީ މި ބޭފުޅާ ދިވެހި ދައުލަތާ ދެކޮޅަށް ނޫމަޑީގެ މައްސަލައިގައި ބަޔާނެއް ދެއްވާނެކަން އިޝާރާތް ކުރައްވައިގެން ނޫނިއްޔާ މި ކޭސްއެއް ނުނުކުންނާނެ. އިނީޝިއޭޓް ކުރައްވާފައި އެ އޮތީ މުއިއްޒު. މުއިއްޒުގެ ބަހަކާ ނުލައި ދެއާ އިޒް ނޯ ރޫމް ފޯ އާބިޓްރޭޝަން," ޔާމީން ވިދާޅުވި އެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) މިކަމުގެ ސަބަބުން ދޭން ޖެހުނެވެ.

ރައީސް ޔާމީން މިހާރު ކުރިއަށްދާ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަމުން އެ ވިދާޅުވާ ބަހުގެ މާނަ އަކީ، ނޫމަޑީގެ މައްސަލާގައި އެމީހުން އެ ހުރިހާ ދުވަހު ކޯޓަށް ގޮސްފައި ނުވަނީ އެކަމުގައި ކޯޓަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށާއި، މާ ފަހުން ކޯޓަށް ގޮސްފައި އެވަނީ ނޫމަޑީގެ މައްސަލައިގައި ދިވެހި ދައުލަތާއި އަދި އަމިއްލަ މީހާ ހައުސިންގ މިނިސްޓަރަކަށް ހުރި ނިންމުމާއި ދެކޮޅަށް ބަޔާނެއް ދޭނެ ކަމަށް، ނޫމަޑި ކުންފުންޏަށް ޔަގީން ކަން މުއިއްޒު ދީގެން، މުއިއްޒު އެކަމުގެ އަޑީގައި ހުރެގެން ކަމަށެވެ.

ނޫމަޑި އަށް ހަވާލު ކުރެވުނު އެއްބަސް ވުން ކެންސަލް ކުރީ މުއިއްޒުއެވެ. އެ އެއްބަސްވުން ކެންސަލް ކުރި މުއިއްޒު ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ބަޔާން ދީފައިވަނީ އެ އެއްބަސްވުން ބާތިލު ކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ، ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ލިބޭ ގޮތަށެވެ. މިކަމަކީ އިންސާފުވެރި ކަމާއި އެކު ބެލިނަމަ، މުއިއްޒުއަށް ޖަލު ހުކުމެއް އަންނާނެ ބޮޑު ޖިނާއީ މައްސަލައެކެވެ.

އެ މައްސަލައިގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދެއްވި ބަޔާން މުއިއްޒު ބަދަލުކުރެއްވިކަން މަޖިލީހުގެ ކޮމިޓީން ހާމަވި ކަމަށް ޔާމީން ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގައި ބަޔާން ނުދެއްވާ ކަމަށް މުއިއްޒު ވިދާޅުވެ ކަނޑައެޅިގެން ދޮގު ހެއްދެވި ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"ކަނޑައެޅިގެން އިތުރުފުޅު ހެއްދެވީ. އެއީ މުއިއްޒުއަށް ހުކުމެއް އަންނާނެ ކަމެއް. މުއިއްޒުއަށް ޖިނާއީ ހުކުމެއް އަންނަ މައްސަލައެއް އެއީ ކަނޑައެޅިގެން ވިދާޅުވީ ބަޔާނެއް ނުދެއްވަމޭ," ޔާމީން ވިދާޅުވި އެވެ.

އެކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ނުކުރެއްވީ އެމްޑީޕީ އާއި މުއިއްޒުއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ. އެގޮތުން, އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށް މުއިއްޒު ހުށަހެޅުއްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ނޫމަޑިއަށް ބަދަލު ދޭން އެއްބަސްވީ، އެ މައްސަލަ އޭބިޓްރޭޝަނުން ނިންމައި، ބޮޑު އަދަދެއް ދޭން ޖެހިއްޖެ ނަމަ ދައުލަތަށް ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވެމުންނެވެ.