ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓުތައް ހެދުމުގައި ނާޖާއިޒް ފައިދާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ ބަންދު އިބްރާހީމް ސަލީމް (ކުޑަ ބަންދޭ)ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވި ނަމަވެސް, ޑރ. އަލީ ލަތީފަށް ދައުވާ ނުކުރާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާ ދެއްވާފައިވާކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.
އޭސީސީން މި ތިން މީހުންނަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް (އާރުއެމްއެލްއެސް ލެބް ސަރވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދި ކަމަށް ބުނެއެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރުގައި އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއަރކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ އަބްދުﷲ ލަތީފާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމްގެ އިތުރުން އައިޖީއެމްއެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ އަބްދުލްމުހުސިންގެ މައްޗަށެވެ.
އެ ތިން މީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް ހުށަހެޅީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތުދިން މި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައިވަނީ, އާ ޕީޖީ މަގާމާ ހަވާލުވަންދެން, ޑރ. އަލީ ލުތުފީގެ މައްޗަށް ދައުވާ ނުކޮށް މަޑު ޖައްސާލުމަށް ޕީޖީއަށް ރައީސް މުއިއްޒު މިހާރުވަނީ އަންގަވާފައެވެ. އަދި ކޯވިޑް19ގެ ދުވަސްވަރު ސާޖިދާ އޭރު މަސައްކަތް ކުރެއްވީ ހެލްތު މިނިސްޓްރީގައި ކަމަށްވުމާއެކު, ކޮރަޕްޝަންގެ ދައުވާއިން ސަލާމަތް ވުމަށް, ޑރ. އަލީ ލަތީފު މުއާމަލާތް ކުރައްވާފައިވަނީ މުއިއްޒުގެ އަނބިކަބަލުން ސާޖިދާއާ ކަމުގައެވެ.
އަދި, ޑރ. އަލީ ލަތީފަކީ މިހާރު ރާއްޖޭގެ މުއްސަދި މަހުޖަނުންގެ ލިސްޓުގައި ގުނާލެވޭ ފަރާތަކަށް ވުމާއެކު, ސާޖިދާ މެދުވެރިކޮށް, މުއިއްޒުގެ ސިޔާސީ ހަރަކާތްތަކަށް ޚަރަދު ކުރާނޭކަމުގެ ޔަގީންކަންވެސް ޑރ. އަލީ ލަތީފު މުއިއްޒުއަށް ދީފައިވާކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި މިސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލިހުން މިހާރުދަނީ, މުއިއްޒުގެ އެންގުމަށް މިހާރުގެ ޕީޖީ ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންނެވެ. އަދި މަޖިލިހުން ޕީޖީކަމަށް ދެން އައްޔަން ކުރުމަށް ހަމަޖެހިފައިވަނީ މުއިއްޒު އަންގާ ފަރާތެކެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ރައީސް އޮފީހުން ޝަރުއީ ދާއިރާއަށް އަތް ބޭނުން ހުއްޓުނީކަމަށް ވިދާޅުވި މުއިއްޒު ގެންދަވަނީ ސިޔާސީ ބޭނުމަށް ޝަރުއީ ދާއިރޭގެ ހުރިހާ މަރުހަލާއަކަށްވެސް ބާރު ފޯރުވަމުންނެވެ. އެގޮތުން މުއިއްޒުގެ އެންގުމަށް ދަށު ކޯޓުން މިހާރުވަނީ ރައީސް ޔާމިންގެ ޝަރީއަތްތައް އަލުން ފެށުމަށް ނިންމާފައެވެ.