ވަން ޗައިނާ ސިޔާސަތަށް ރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދު ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިން އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށާއި އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތު ފެށުމުގެ ކުރިން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އައިޕީޔޫގެ ރައީސާއި ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިންގ ކޮމިޓީގެ ޗެއަރމަންއާއެކު ހާއްސަ ބައްދަލުވެއް ބޭއްވެވިއެވެ. މި ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
އަދި ވާހަކާގައި ވަން ޗައިނާ ސިޔާސަތަށް ރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.
އެހެންނަމަވެސް އަބުދުއްރަހީމަށް "ވަން ޗައިނާ" ސިޔާސަތަކީ ކޮބައިކަމެއް, އަދި ސިޔާސަތުގައި ބުނަނީ ކޮންވާހަކަތެއްކަންވެސް ނޭގޭކަމަށް އެނގިފައިވެއެވެ. އަބުދުއްރަހީމަކީ ރާއްޖޭގެ ގާނޫނުހަދާ މަޖިލިހުގެ ރައީސް ކަމުގައިވި ނަމަވެސް, އޭނާއަކީ އެއްވެސް ތައުލީމެއް ހާސިލްކޮށްފައިވާ ފަރާތެއް ނޫނެވެ. އަދި އޭނާއަކީ އިނގިރޭސިބަހުން ލިޔަންކިޔަން ދަންނަ ފަރާތެއްވެސް ނުމެ ނޫންމެއެވެ. އަބުދުއްރަހީމްއަކީ 12 ގަނޑު ޓިނު ވަގަށް ނަގައިގެން މީގެކުރިން އަރުވާލާފައިވެސް ވާމީހެކެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރޯލް މޮޑެލްއަކީ އަބުދުއްރަހީމް ކަމުގައެވެ.
ވަން ޗައިނާ ސިޔާސަތަކީ ޗައިނާގެ ނަމުގައި އޮންނަނީ އެންމެ ދައުލަތެއް ކަމަށާއި ޓައިވާނަކީ ޗައިނާގެ ބަޔެއް ކަމަށް ބަލައިގަތުމަށް އެކުލަވާލާފައިވާ ސިޔާސަތެކެވެ. އަދި ވަން ޗައިނާ ސިޔާސަތު ބަލައިގަނެ، އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވަނީ 1971ގައެވެ.
ޗައިނާ ދައުލަތެއްގެ ގޮތުގައި އުފެއްދި ފަހުން ވަން ޗައިނާ އުސޫލުގެ ދަށުން 181 ގައުމަކުން ވަނީ އެގައުމާ ސިޔާސީ ގުޅުންތައް ގާއިމުކޮށްފައެވެ.