މި މަހުގެ ތެރޭގައި ދައުލަތުގެ ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމުގެ އިންޒާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފައި ވަނިކޮށް، ބޭނުން ކުރެވޭ ޑޮލަރު ރިޒާވު މިއަދު އެއްކޮށް ހުސްވެއްޖެ އެވެ.
މިއީ ދިވެހި ތާރީހުގައި ވެސް ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވު މައިނަހަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ ބަހެއް ނުލިބުނު ނަމަވެސް މިއަދުގެ ވަގުތެއްގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރި ބާކީ ފައިސާ ކޮޅު އެއްކޮށް ބޭނުންކޮށްފައިވާ ކަން ލިބިފައިވާ މައުލޫމާތުން ޔަގީން ކުރެވެއެވެ.
ދައުލަތުގެ މާލީ ހިސާބުތައް އެނގޭ މަސްދަރަކުން ބުނީ، މިއަދަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރުގެ ތެޔޮ ބިލަކަށް އޮތް ކަމަށާއި، އެ ބިލް ދައްކައިފި ނަމަ ރިޒާވް ހުސްވެ، މައިނަސްވާނެ ކަމަށެވެ.
"މައިނަސް ވެއްޖެ ނަމަ، މިއަދު ރިޒާވް މައިނަސް އެވީ 25 މިލިއަން ޑޮލަރުގެ ތެޔޮ ބިލް ދެއްކުން. އެ ނުދައްކައި ލަހެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އިރު، ރާއްޖެއަށް ބޭރަށް ދައްކަން ޖެހޭ މިނޫންވެސް ބިލްތައް މިހާރުވެސް ޑިއުވެފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ދަނީ ވާހަކަ ދެކެވެމުންނެވެ.
ބޭނުން ކުރެވޭ ޑޮލަރު ރިޒާވަކީ ލޯނުތައް އަދާކުރުމަށާއި ޒަރޫރީ އިމްޕޯޓުތަކަށް ހަރަދުކުރަން ސަރުކާރުން ރައްކާކުރާ ފައިސާ އެވެ. މި ރިޒާވުގައި ހުންނަނީ މީރާއަށް ލިބޭ ޑޮލަރު އާމްދަނީ އާއި ދައުލަތަށް ލިބޭ ހިލޭ އެހީ އާއި ބަޖެޓު ސަޕޯޓަށް ލިބޭ ފައިސާ އެވެ.
ރިޒާވުން ހަރަދުކުރާ ކަންކަމުގެ ތެރޭގައި ކުރިން ފާހަގަކުރި ކަންކަމުގެ އިތުރުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ހަރަދުތަކަށް ބޭނުންވާ ފައިސާ އާއި ރާއްޖޭން ބޭރަށް ފުރާ ދިވެހިންނަށް ވިއްކާ ޑޮލަރުތައް ވެސް ހިމެނެ އެވެ. ބޭންކުތަކަށާއި ސަރުކާރު ކުންފުނިތަކަށް ވެސް ޑޮލަރު ދޫކުރަނީ މި ރިޒާވުންނެވެ. އަދި އެމްބަސީ ތަކުގެ ސިޔާސީ ފަރާތްތަކަށް މުސާރަ ދެނީވެސް މި ރިޒާވުންނެވެ.
އެމްއެމްއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރެވެ.
ރިޒާވު ހުސްވުމުން ދެން އޮންނާނެ ގޮތަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާ ބޭނުންކުރުމެވެ.
މިހެން ނަމަވެސް ސަރުކާރާއި އެމްއެމްއޭން ވެސް ބުނަނީ އެ ހާލަތަކަށް ނުދާ ކަމަށެވެ. މި މައްސަލައިގައި އެހެން ނޫސްތަކާ ވާހަކަ ދައްކަމުން ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭން ވެސް ބުނީ އެ ހާލަތަކަށް ނުވެސް ދާނެ ކަމަށާއި މަސް ނިމުމުގެ ކުރިން ރިޒާވު ހަމައަކަށް އަޅުވާނެ ކަމަށެވެ.