ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އިންޑިޔާއާއި ދެކޮޅު ޝިއާރު ވިއްކަވައިގެންނެވެ. ދެއްކެވިހާވެސް ވާހަކައަކީ ރައީސް ސާލިހު ރާއްޖޭގެ މިނިވަންކަން ގުރުބާންކޮށް, ގައުމު އަޅުވެތި ކޮށްފިކަމުގެ ވާހަކަތަކެވެ. އަދި ރާއްޖޭގެ ކަނޑުން ބައެއް އޭރުގެ ސަރުކާރުން ވިއްކާލައިފިކަމަށް ވިދާޅުވެ, އެ ޖަޒުބާތުގައި ރައްޔިތުން ޖައްސައިގެންނެވެ.
އެގޮތުން, ރައީސް ސާލިހުގެ ވެރިކަމުގައި, ސަރުކާރަ ޚިޔާލު ތަފާތުކޮށް ތިބި އެތައް ރައްޔިތުންނެއްގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު ވިއްކެވި އެޖެންޑާއަކީ ”ގައުމިއްޔަތު“ އެޖެންޑާއެވެ. ބޭރުގައުމުތަކާ އެކީ ސިއްރު އެއްބަސްވުންތައް އެކުލަވާނުލާނެ ކަަމަށާއި, ގައުމުގެ މިނިވަންކަން ”ވިއްކާލުމަށް“ ކުރީ ސަރުކާރުން އެކުލަވާލި އެއްބަސްވުންތައް ހާމަކޮށް, ގައުމުގެ މިނިވަންކަމާއި ކަރާމާތް އިއާދަ ކުރާނެ ކަމުގެ ވާހަކަތަކެވެ. އަދި ރާއްޖޭގެ ކަނޑު ބޭރުގެ ބަޔަކަށް ހިބަކޮށްދިން ކަމަށް ވިދާޅުވެ މުއިއްޒު ވީ ވައުދަކީ ގެއްލުނު ކަނޑު ދިވެހީންނަށް ހޯއްދަވާ ދެއްވާނޭކަމުގެ ވައުދެވެ.
މީގެ ތެރެއިންވެސް ގޮތުން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވެގެން ދިޔައީ, އޭރުގެ ސަރުކާރުން އިންޑިއާއެކު ގާއިމްކުރި އުތުރު ތިލަފަޅު އެއްބަސްވުމެވެ. މި އެއްބަސް ވުމުގައި ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާއާއެކު ސޮއި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމަކީ 2016ވަނަ އަހަރު, ރައީސް ޔާމިންގެ ސަރުކާރުގައި އެކުލަވާލި އެކްޝަން ޕްލޭންގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދިފައިވާ ޕްލޭނާ އެއްގޮތަށް އިންޑިއާއާއެކުވި އެއްބަސް ވުމެއްކަމަށެވެ.
އެގޮތުން, އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރައީސް ސާލިހުގެ ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

އެހެންނަމަވެސް, ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ އެއްބަސްވުންތަކާއި, އަދި ދެކެވޭ ޑިޕްލޮމެޓިކް ވާހަކަތަކަކީވެސް ވަކި އުސޫލަކުން މެނުވީ އާންމު ކުރެވެން ހުންނަ ލިޔެކިޔުންތަކަށް ވާތީ ރައީސް ސާލިހުގެ ސަރުކާރުން އެ އެއްބަސްވުމުގެ ހުރިހާ މާއްދާތަކެއް އާންމުކޮށްފައެއް ނުވެއެވެ. ހަމައެއާއެކު, ރައީސް ސާލިހުގެ ސަރުކާރުން އޭރު ދިން ޔަގީން ކަމަކީ, އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ލޮޅުމެއް ނާރާނެކަމުގެ ޔަގީންކަމެވެ.
އެހެންންނަމަވެސް, އެ ހަގީގަތަކީ, ނުވަތަ އެ ވާހަކަތަކަކީ އޭރުގެ އިދިކޮޅު ފަރާތްތަކަށް ގަބޫލުކުރަން ފަސޭހަވި, ނުވަތަ ގަބޫލުކުރަން ބޭނުންވި ވާހަކަ ތަކަކަށް ނުވިއެވެ. ބޭނުންވީ އުތުރު ތިލަފަޅު އެއްބަސްވުން ސިޔާސީ ކޮށްލާ, ގައުމުގެ މިނިވަންކަން ވިއްކާލުމުގެ ޓެގް އޭރުގެ ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި އަޅުވާށެވެ.
ހަމަ އެބީދައިން, އިދިކޮޅު ބޮޑު ކޯލިޝަނެއް ހަދާ, އޭރުގެ ސަރުކާރާ ޚިޔާލުތަފާތު މީހުން އެއްގަލަކަށް އަރުވާ ރައްޔިތުންނަށް ވިސްނާ ދިނީ, ރާއްޖޭގެ ކަނޑުން ބައެއް "ވިއްކާލުމަކީ" ގައުމަށްވާ އެންމެ ބޮޑު ޚިޔާނާތްކަމުގައެވެ. އަދި އެއީ އޭރުވެރިން ރިޝްވަތުގަ ހިފާ, ގައުމަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައި އެ މުއާމަލާތް މިސަރުކާރުގެ ވެރިންވަނީ އޭރު ސިފަކޮށްފައެވެ.
އެ އެޖެންޑާގެ އެންމެ ކުރީގައި ހުންނެވީ މިހާރުގެ ރައީސް ޑރ. މުއިއްޒުއެވެ. އެގޮތުން, ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކާލާފައިވާކަމަށް އަޑު އުފުލަމުން, ޑރ. މުއިއްޒު, ފާއިތުވި ރިޔާސީ އިންތިޚާބުގައި ވައުދުވީ, ވެރިކަމުގެ ހުވާ ކުރެއްވުމާއެކު, އިތުރު ތިލަފޅުގެ އެއްބަސްވުން ހާމަކޮށް, ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކާލުމަށް އިންޑިއާއާއެކު ހެދި ”ޑީލްތައް“ އާންމު ރައްޔިތުންނަށް ތިކޮށްދެއްވާނެ ކަމަށެވެ. އަދި "ވިއްކާލި ކަނޑު" އަނބުރާ ހޯދާދޭނެކަމުގެ ވައުދު ހަރުއަޑުން މުއިއްޒުވަނީ ރައްޔިތުންނަށް ވެވަޑައިގެންފައެވެ.
ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވިތާ 9 މަސްދުވަސް ވެގެން ދިޔައީއެވެ. ވެރިކަމުގެ ފުރަތަ ދުވަހުވެސް އާންމު ކުރައްވާނެކަމަށް ވައުދުވި އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކޮށްފައި ނުވާތާގަ, އެ އެއްބަސްވުމުގެ ވާހަކަވެސް ރައީސް މުއިއްޒު މިއަދު ނުދައްކަވައެވެ. ރައީސް ސާލިހުގެ ސަރުކާރުން ގައުމުގެ މިނިވަންކަން ވިއްކަވާލެވި ގޮތެއް, އުތުރު ތިލަފަޅު އެއްބަސްވުމުން ގައުމުގެ މިނިވަންކަން ގުރުބާންވެގެން ދިޔަގޮތުގެ ވާހަކައެއް މިއަދަކު ނުދައްކަވައެވެ.
ގެއްލުނު ކަނޑުގެ ވާހަކައެއް މިއަދު މިސަރުކާރުން ނުދައްކައެވެ. ހަށިފޮޅާލުމަށްފަހު އޭރު އެވާހަކަ ދައްކަވަމުން ގެންދެވި އާޒިމާއާއި ޑރ. މުނައްވަރު މިއަދު ގެއްލިއްޖެއެވެ. އެމީހުން ދޫތައް ބަންދު ވެއްޖެއެވެ. ލޯތައް ކަނު ވެއްޖެއެވެ.
މިއަދު ވިދާޅުވަމުން ގެންދަވަނީ ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތު ހާމަ ނުކުރެވޭނެކަމަށެވެ. އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރެވެން ނެތަކަމަށެވެ. އެމްއެންޑީއެފްގެ ޖެނެރަލުންވެސް އެގޮތަށް މަޝްވަރާ ދެމުންދާ ވާހަކައެވެ. އެހެންނަމަވެސް އިންޑިއާ އައުޓު ޖައްސަވައިގެން ރައީސް މުއިއްޒު މަގުމައްޗަށް ނިކުންނަވާ އޭރު ވިދާޅުވަމުން ގެންދެވީ އުތުރު ތިލަފަޅު އެއްބަސްވުމުން ގައުމުގެ މިނިވަންކަން ގުރުބާން ކޮށް, ގައުމު އަޅުވެތި ކޮށްފައި ވާކަމަށެވެ.
ސާފުވާން އޮތީ އެންމެ ހަގީގަތެކެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް މުއިއްޒު ހައްދަވާފައިވަނީ ރޯ ބުހުތާނު ދޮގުތައް ކަމެވެ. ވެރިކަމަށް ވަޑައިގެންނެވީ މަކަރާއި ހީލަތުންނެވެ. ހެއްދެވީ ހުސް ”ރޯ ބުހުތާނު“ ދޮގެވެ.