ޚަބަރު

މުއިއްޒުގެ ރިޔާސީ ވައުދު ފުއްދުމުގެ ނަމުގައި އިންޑިޔާއަށް ޖެއްސުންކޮށް ފެށި އެއަރ އެމްބިއުލާންސް ސީޕްލޭންގެ ޚިދުމަތް ހުއްޓާލައިފި، ވައުދު ފުއްދުމުގެ ނަމުގަ ނަނާ ހުވަފެން ދައްކާ، ރައްޔިތުންގެ ލޮލުގަ ދަނީ އަނދުން އަޅުވަމުން!

ދިޔަވަރު
މުއިއްޒުގެ ރިޔާސީ ވައުދު ފުއްދުމުގެ ނަމުގައި އިންޑިޔާއަށް ޖެއްސުންކޮށް ފެށި އެއަރ އެމްބިއުލާންސް ސީޕްލޭންގެ ޚިދުމަތް ހުއްޓާލައިފި، ވައުދު ފުއްދުމުގެ ނަމުގަ ނަނާ ހުވަފެން ދައްކާ،  ރައްޔިތުންގެ ލޮލުގަ ދަނީ އަނދުން އަޅުވަމުން!

ދައުލަތުގެ މާލިއްޔަތުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން ފެށި އެއަރ އެމްބިއުލާސް ސީ ޕްލޭންއަކީ ރާއްޖެއަށް ބޭނުން ޚިދުމަތެއް ނޫންކަމުގައި ޓްރާމްސްޕޯޓު މިނިސްޓަރ އަަމީން ރޭ ވިދާޅުވެއްޖެއެވެ. ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމިން ރޭ ވިދާޅުވީ, އެއާ އެމްބިއުލޭންސެއް ގޮތުގައި ހަމަޖައްސައި ބަލި މީހުން އުފުލަން މޯލްޑިވިއަންގެ ސީޕްލޭނެއް ހާއްސަކުރިއިރުވެސް އެއީ އެ ހިދުމަތް ދޭން އެކަށޭނަ އުޅަނދެއް ނޫންކަން އެނގޭ ކަމަށެވެ.

ޕަބްލިކް ސާވިސް މީޑިއާގައި ރޭ ވާހަކަދައްކަމުން އަމީން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ ވެސް ސީޕްލޭނުގައި އެ ހިދުމަތް ދިނުމަށް ކަމަށެވެ.

"ވަކި ހިސާބަކުން ރައީސް ނިންމަވައިފި، ސީޕްލޭނަކީ ރޭގަނޑު ނުދުއްވޭ އެއްޗަކަށްވެފަ ދުވާލު އެކަނި ދުއްވޭ އެއްޗަކަށް ވީމަ މީގަ ބައިވަރު ލިމިޓޭޝަންތަކެއް އެބަހުއްޓޭ އަދި އޭގެ ސްޕީޑާއި ބައެއް ހާލަތްތަކުގެ ޕްރެޝަރައިޒް ކޮށްގެން ދުއްވަންޖެހޭތީއާ. ބައިވަރު ލިމިޓޭޝަންތަކެއް އެބަހުރި އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ޑޭޝް8 އެއްގަ ހުރިހާ އެމަޖެންސީ އެކިއުޕްމަންޓު އަޅުވައިގެން އެއާ އެމްބިއުލާންސްގެ ގޮތުގަ، އަދި ހާއްސަ މެޑިކަލް ޓީމަކާ އެކީގަ ތައްޔާރުކޮށްގެން 24 ގަޑިއިރު ބޭއްވުމަށް މަސައްކަތް ކުރުމަށް. މިގޮތަށް ނިންމެވީ،"

ނަމަވެސް، އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށީ ސީޕްލޭންވެސް ހިމަނައިގެންނެވެ. ނ. މަނަދޫގައި ހުންނަވާ ރައީސް މުއިއްޒު ފެބްރުއަރީ 28، ގައި އެކަން އިއުލާނުކުރެއްވީ ސީޕްލޭނުން "ކޮންމެ ރަށަކަށް" ވެސް ގޮސް ބަލިމީހުން އުފުލޭނެ ކަމަށް ވިދާޅުވަމުންނެވެ.

"ސީޕްލޭން ބޭނުންކުރާނީ ދުވާލުގެ ގަޑީގައި [އެކަނި]. ސީޕްލޭންގެ އެޑުވާންޓޭޖަކީ ކޮންމެ ރަށެއް ކައިރިއަށް ވެސް ކުއްލި ހާލަތުގައި ކައިރިކޮށްލެވޭނެތީ," ރައީސް އެދުވަހު ވިދާޅުވި އެވެ.

އަމީން ރޭ ވިދާޅުވި ގޮތުން، ރައީސް މިފަދައިން ވިދާޅުވިއިރު، ސީޕްލޭނަކީ މިކަމަށް އެންމެ އެކަށޭނަ އުޅަނދު ނޫންކަން އެމަނިކުފާނަށް ވެސް އެނގިލައްވާނެ އެވެ. ނަމަވެސް ފުރަތަމަ މަޝްވަރާ ކުރެވުނީ ސީޕްލޭނުން ހިދުމަތް ދިނުމުން ކަމުން އެ އުޅަނދު ވެސް އެއާ އެމްބިއުލޭންސަކަށް ބަދަލުކޮށް ހިދުމަތް ފެށީ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޑޭޝް8 ބޯޓުން މި ވަގުތު ރާއްޖެއަށް ބޭނުންވާ ވަރަށް ހިދުމަތް ދެވޭ ކަމަށެވެ. ނަމަވެސް، ބަލިމީހުން އުފުލުމަށް ރާއްޖޭގައި ހުރި އިންޑިއާގެ އަސްކަރީ އުޅަނދުތައް ވެސް ބޭނުންކުރެ އެވެ. މިއީ އިންޑިޔާގެ ޑޯނިޔާ ނުދުއްވުމަށް މުއިއްޒު ހިންގެވި އޮޕަރޭޝަންއެކެވެ.

"ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭ ބައެއް މަސްމަހު އެބަހުރި އެންމެ ރިކުއެސްޓެއްވެސް ޕަބްލިކުން ނާދެ ސީޕްލޭނަކަށް. ރިކުއާމަންޓެއް ނެތް. އެހެންވީމަ އަޅުގަނޑާ ހެލްތު މިނިސްޓަރާ ދެބޭފުޅުންވެގެން ރައީސްއަށް ދެންނެވީ މި ފަސް މަސް ދުވަހުގެ ރިކުއާމަންޓަށް އިތުރު ޓުވިން އޮޓާ ބޯޓެއް މިގޮތަށް އެއާ އެމްބިއުލެންސެއްގެ ގޮތުގަ ބޭއްވުމުގެ ބޭނުމެއް މި ވަގުތަކު ނެތޭ،" މިނިސްޓަރު އަމީން ރޭ ވިދާޅުވި އެވެ.

އެ ބޯޓު ކުރިން އޮތްގޮތަށް ބަދަލުކުރަމުގައި މައްސަލައެއް ނެތް ކަމަށް ރައީސް ނިންމެވީ، ހިދުމަތް ފެށުމުގެ ކުރިން ވެސް ހުރި މައުލޫމާތާއި ފަސް މަހުގެ ޑޭޓާއަށް ބެއްލެވުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ވެރިންނާއި ސިޔާސީ އެކްޓިވިސްޓުން މުއިއްޒުއަށް ސަނާ ކިޔާ ކުރުނީސްކޮށް, އަދި މިސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އިފްތިތާހުކުރި އެއަރ އެމްބިއުލާސް ސީ ޕްލޭންގެ ގޮތުގައި ބޭނުންކުރި ބޯޓު މިހާރު ބޭނުން ކުރަމުންދަނީ ޓުއަރިސްޓުން އުފުލުމަށެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ސީ ޕްލޭން ބޭނުންކޮށްގެން ބޭނުން ކުރަން ފެށުމާއެކުވެސް, އެކަމަށް ބޭނުން ކުރި ބޯޓަކީ, ބޭނުން ނުކޮށް އެތައް ޒަމާނެއް ވީ ބޯޓެއްކަމަށް އޭރު މީޑިއާތަކުގައި ރިޕޯޓުވެސް ކޮށްފައި ވެއެވެ. ސަރުކާރުން ރައީސް މުއިއްޒުގެ ވައުދެއް ފުއްދުމުގެ ނަމުގައި, އެ ސީ ޕްލޭންގެ ދަވާދު ބަދަލުކޮށްގެން ބޭނުން ކުރަންފެށީ މުއިއްޒުގެ ވައުދެއް ފުއްދުމުގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަގުސަދުގައިކަމަށް އޭރުވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

މިއަދު ބޭނުންވާވަރަށް ބަލި މީހުން ނުލިބޭކަމަށް ވިދާޅުވެ, ސީ ޕްލޭން އެއަރ އެމްބިއުލާސްގެ ޚިދުމަތް ހުއްޓާލުމުން, ޔަގީންވެގެން ދިޔައީ, މުއިއްޒުގެ ސަރުކާރަކީ ހަގީގަތުގައިވެސް ވައުދު ފުއްދުމުގެ ނަމުގައި ރައްޔިތުންނަށް ނަނާ ހުވަފެން ދައްކާ, ލޮލުގައި އަނދުން އަޅުވަމުންދާ ސަރުކާރެއް ކަމެވެ.