އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާ ނުކޮށްފިނަމަ, ދިވެހި ފަސްގަޑުގައި ޓެރަރިސްޓު ހަމަލާއެއް ހިގައިދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމުގައި ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ފްރޮންޓު އޮފީހުގައި މިރޭ ބާއްވަމުންދާ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ, ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އަންނަމުންދާ ކަމަށްވާނަމަ, އިޒްރޭލުގެ ކިބައިން ބަދަލު ހިފުމުގެ ޖަޒްބާތުގައި ތިބި ފަރާތްތަކުން, އިޒްރޭލުގެ މީހުންނަށް ހަމަލާދޭ ގްރައުންޑަކަށް ރާއްޖެ ހަދާފާނެ ކަމުގައެވެ.
ރައީސް ޔާމިން ވިދާޅުވީ, އިޒްރޭލުން ޣައްޒާގައި ގަތުލުޢާންމު ހިންގުމަށްފަހު, އެގައުމުގެ ރައްޔިތުންނަށް ރާއްޖެ އާދެވޭނަމަ, އިޒްރޭލުގެ ރައްޔިތުންނަށް ހަމަލާދިނުމަށް ކަމަރު ބަދެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން, ރާއްޖޭގެ ފަސްގަޑުގެ ބޭނުންކޮށްފާނެ ކަމަށާއި, އެފަދަ ހާލަތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ފުނޑުފުނޑުވެގެން ދާނެކަމުގައެވެ.
ރައީސް ޔާމިން އިތުރަށް ވިދާޅުވީ, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ރައީސް މުއިއްޒުއަށް މަޖިލީހުން ސިޓީވެސް ފޮނުވާފައިވާ ކަމުގައެވެ. އަދި އޭގެ ފަހުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށްކަމަށް ވިދާޅުވެ, މުއިއްޒު ޚާއްސަ ކޮމިޓީއެއް އުފައްދާ, އަދި މަޖިލީހަށް ބިލެއްވެސް ހުށަހެޅިފައި ވަނިކޮށް, މައްސަލައަށް އަތް ބާނާއިގެން މަޖިލީހުގައިވެސް އެމައްސަލަ ހުށްޓުވައިގެން އުޅުއްވަނީ މުއިއްޒުގެ މުނާފިގު ކަމުން ކަމުގައިވެސް ރައީސް ޔާމިން ވިދާޅިވިއެވެ.