ޚަބަރު

ޕީޖީގެ މަގާމް ހުސްވެފައިވަނިކޮށް, އެމަގާމުން ޝަމީމު ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

ދިޔަވަރު
ޕީޖީގެ މަގާމް ހުސްވެފައިވަނިކޮށް, އެމަގާމުން ޝަމީމު ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީހު އިސްތިއުފާ ދީފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުން އެ މަގާމުން އޭނާ ވަކިކޮށްފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އެ މަޤާމުން ވަކިކުރުމަށް ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ޝަމީމް ވަކިކުރުމަށް ފެންނަ ކަމަށް 65 މެންބަރުން ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.

ދައުރުގެ ފަހު ޖަލްސާ މިރެއަށް ތާވަލްކޮށް މަޖިލީހުން ވަނީ ޝަމީމު މަގާމުން ވަކިކޮށްފައެވެ. އެގޮތުން ޖަލްސާގައި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ޝަމީމް އިސްތިއުފާ ދެއްވިކަމަށް ވިދާޅުވި ނަމަވެސް، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވޯޓު ނެންގެވުމާ ހަމައަށް ވެސް ތަކުރާރުކޮށް ވިދާޅުވީ އިސްތިއުފާގެ ސިޓީ ލިބުނުކަން ރައީސް އޮފީހުން މަޖިލީހަށް ކަށަވަރު ކޮށްދީފައި ނުވާ ކަމަށެވެ.

މިރޭ 9:00 ޖެހިއިރު މަޖިލިސް ޖަލްސާ ފެށިއިރުވެސް ޝަމީމު ވަނީ ޕީޖީގެ މަގާމުން އިސްތިއުފާ ދީފައެވެ.

ޝަމީމްގެ އިސްތިއުފާ ސިޓީގައި ވަނީ މައްސަލަ ދިރާސާކޮށް، އެ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށްޓަކައި، މިއަދު ތާވަލު ކުރި އެ ކޮމިޓީގެ 19 ވަނަ ބައްދަލުވުން އާންމުކޮށް ހުޅުވާލައިގެން ބާއްވައި ދެއްވުމަށް ތަކުރާރުކޮށް އެދިފައިވަނިކޮށް މަޖިލީހުގެ ގަވާއިދުގައި ކޮމިޓީގެ ޖަލްސާތައް ސިއްރުކުރުމާބެހޭ ގޮތުން ހުރި އިޖުރާއަތުތަކާ ހިލާފަށް، އެ ކޮމިޓީގެ ޖަލްސާތައް ގެންދަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މައްސަލައިގައި ޖަވާބުދާރީވުމަށް މިއަދު ޖުޑީޝަރީ ކޮމެޓީއަށް ވަޑައިގެން ޝަމީމް ވިދާޅުވީ އިތުބާރު ނެތްކަމަށް ބުނެ އެ ކޮމެޓީން ބަލަމުންދާ މައްސަލައަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ބެލި މައްސަލައެއް ކަމަށެވެ.