އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާއިން ރައީސް މުއިއްޒުއަށް 14 މިލިއަން ރުފިޔާ ލިބިފައިވާކަން ހާމަ ވެއްޖެއެވެ. މިކަން ހާމަވެގެން ގޮސްފައިވަނީ, މިހާރު ލީކު ކޮށްލާފައިވާ, ރައީސް ޔާމިންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް މާމިގިލީ ކޯޓުން އޭރު ނެރުނު އަމުރާއި ގުޅޭގޮތުން ފުލުހުން ތައްޔާރު ކޮށްފައިވާ ތަހުގީގީ ރިޕޯޓުންނެވެ.
ރައީސް ޔާމިން ހައްޔަރު ކުރުމަށް އޭރު ނެރުނު ކޯޓު އަމުރާއި ގުޅޭގޮތުން ފުލުހުން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައިވާ, ރައީސް މުއިއްޒުއާއި ގުޅުންހުރި ވާހަކަތައް ޕީއެންއެފްއިން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައިވަނީ އާންމު ކޮށްފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އޭރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ރައީސް މުޢިއްޒުގެ އިތުރުން އޭރު ފޮނަދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަބްދުއްރަހީމާ ދެމެދު ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.
މިރޭގެ ޕީއެންއެފްގެ ޖަލްސާގައިވަނީ, ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު، މާމިގިލީ ކޯޓަކުން އަމުރެއް ނެރެގެން އެ މަނިކުފާނު ހައްޔަރު ކުރުމަށް އުޅުނު މައްސަލައާ ގުޅޭ ފުލުހުންގެ ތަހުގީގު ރިޕޯޓުގެ މުހިންމު ބައެއް ބައިތައް ދައްކާލާފައެވެ.
ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ވާގޮތުން, އަދީބު މެދުވެރިކޮށް އަބްދުއްރަހީމަށް 4 މިލިއަން ރުފިޔާ ހަވާލުކޮށްފައިވާކަން އެނގޭ މެސެޖްތައް ފުލުހުންގެ ތަހުގީގަށް ހިފެހެއްޓި ބައެއް ފޯންތަކުން ވަނީ ފެނިފައެވެ. އަދި ޔާމީންގެ މައްޗަށް ކޯޓު އަމުރެއް ނެރެފި ނަމަ، ސިއްރުން އެ ކަމަށް އެއްބާރުލުންދީ، އެ ވެރިކަން ބަދަލު ކުރެވިއްޖެ ނަމަ، އިތުރު 16 މިލިއަން ރުފިޔާ އަބުދުއްރަހީމަށް ދޭނެ ކަމަށް ބުނާ މެސެޖްތައްވެސް ފުލުހުން ތަހުގީގުކުރި, ސިޔާސީ ބައެއް އިސް ފަރާތްތަކުގެ ފޯނުތަކުން ފެނިފައި ވެއެވެ.
ހަމައެއާއެކު, އަހުމަދު އަދީބު އަތުން މިހާރުގެ ރައީސް މުއިއްޒުވެސް 14 މިލިއަން ރުފިޔާ ނެގިކަމަށްވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ތަހުގީގީ ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.
ފުލުހުންގެ ތަހުގީގީ ރިޕޯޓުން އެނގޭ ގޮތުގައި, މުއިއްޒުވަނީ އަދީބުއާއި ގުޅޭގޮތުން ކެބިނެޓްގައާއި, ރައީސް އޮފީހާއި ޕީޕީއެމް މީޓިންތަކުގައި ދައްކާ ވާހަކަތައްވަނީ ވަނީ ސިއްރިޔާތުގައި އަދީބުއަށް ފޯރުކޮށް ދީފައެވެ. މި މައުލޫމާތު ޓެކްސްޓް މެސެޖްގެ ގޮތުގައާއި އަދި އޯޑީއޯގެ ގޮތުގައިވެސް މުއިއްޒު އަދީބުއަށް ފޯރުކޮށްްދީފައި ވެއެވެ.
މި މަސައްކަތުގެ މުގާބިލުގައި އަހުމަދު އަދީބު ޑރ. މުއިއްޒުއަށް 14 މިލިއަން ރުފިޔާ ދީފައިވާކަން, ފޮރެންސިލް ތަހުގީގުން އެގެން ހުރިކަމަށް ފުލުހުންގެ ރިޕޯޓުގައި ބުނެފައި ވެއެވެ.
ފުލުހުން ތަހުގީގުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަބުދުالله ރިޔާޒްގެ މޯބައިލް ފޯންވެސް ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި, މަޖިލިސް ރައީސް އަބުދުއްރަހީމްގެ ދަނބި ދަރިއަކު ޕީޖީކަމަށް އައްޔަން ކުރުމަށް އަބުދުއްރަހީމް މަރުފަލި ޖަހަމުންދަނީ އޭނާގެ މައްޗަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ނަގާފައިވާކަމަށް ކުރެވެމުންދާ ތުހުމަތުކުން ސަލާމަތްވުމުގެ މަގުސަދުގައެވެ.