މަޖިލިހުގެ އިޖުރާއަތުތަކާއި ޚިލާފަށް ޕީޖީކަމުގެ މަގާމުން ހުސައިން ޝަމީމު ވަކިކުރުމަށްފަހު, މަޖިލިސް ރައީސް އަބުދުއްރަހީމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އޭނާގެ ދަނބިދަރިއަކު ގެނައުމަށެވެ. އެގޮތުން އަބުދުއްރަހީމް މިހާރުވަނީ ޕީޖީކަމުގެ މަގާމަށް އޭނާގެ ދަނބި ދަރި ގެންނަން ބޭނުންވާކަން ރަސްމީކޮށް ރައީސް މުއިއްޒުއަށް ހުށަހަޅާފައެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ގޮތުގައި, މަޖިލިސް ރައީސް އަބުދުއްރަހީމް ޕީޖީކަމަށް އޭނާގެ ދަނބި ދަރިއަކު އައްޔަން ކުރުމަށް މަސަައްކަތް ކުރަމުންދާއިރު, ރައީސް އޮފީހުން ވަޒީފާ ދީފައިވާ, ކުރީގެ ޕީޖީ މުހުތާޒު މުހުސިންވެސް ދަނީ ޕީޖީ މަގާމް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އެެހެންނަމަވެސް, އަބުދުއްރަހީމްގެ ނިންމުމަކާ ދެކޮޅު ހެއްދެވުމަށް މުއިއްޒުއަށް ކެރިވަޑައި ނުގަންނަވާނެކަމަށް, ސަރުކާރުގެ އިސް ބައެއް އޮފިޝަލުން "ދިޔަވަރު އޮންލައިން"އަށް މައުލުމާތު ދެމުން ވިދާޅުވެފައިވެއެވެ. ހަމަ އެއާއެކު, މަޖިލިސްރައީސްގެ ހައިސިއްޔަތުން ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި މަޖިލިހުގައި އަބުދުއްރަހީމް ބޮޑު މެޖޯރިޓީއެއް ހިފަހައްޓަމުން ގެންދާތީ, އަބުދުއްރަހީމްގެ ރުހުން ނެތް ފަރާތަކަށް ޕީޖީކަމަށް އައުމަކީ ވަރަށްވެސް ނާދިރު ކަމެއްކަމުގައިވެސް, "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ, އަސާސީ ތައުލީމުގެ ފެންވަރުވެސް ނެތް, 12 ގަނޑު ޓިނު ވަގަށް ނަގައިގެން މީގެކުރިން އަރުވާލި އަބުދުއްރަހީމްއަކީ އެމަނިކުފާނުގެ ރޯލް މޮޑެލްކަމުގައެވެ. އަދި މުއިއްޒު ވަނީ އަބުދުއްރަހީމްގެ ދަރިންނަށާއި, ދަނބި ދަރިންނަށާއި, ދަރިންގެ ބަފާބެއިންނަށްވެސް ސަރުކާރުގެ އެންމެ އިސް މަގާމްތައް ދީފައެވެ. އެއަށްފަހު މުއިއްޒުވަނީ އަބުދުއްރަހީމަށް މަޖިލިސް ރައީސްކަންވެސް ދީފައެވެ.
މިސަރުކާގެ އެއް ބޭފުޅަކަށް އެންމެ ގިނަ އިސް މަގާމްތަކެއް ދީފައިވަނީ އަބުދުއްރަހީމްގެ އާއިލީ ބޭފުޅުންނަށެވެ. އެގޮތުން އޭނާގެ ދަރިފުޅު ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު, ރައީސް މުއިއްޒުވަނީ އެމްޕީއެލްވެސް އަބުދުއްރަހީމަށް ދީފައެވެ. އެތަނުގެ ސީއީއޯގެ މަގާމްގައި ހުންނެވީ އަބުދުއްރަހީމްގެ ދަރިއެއްގެ ބަފާބެއެވެ. އެމްޕީއެލްއަކީ ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ ބޮޑަށް ހިންގަމުންދާ ކުންފުންޏެވެ. އޭގެ އިތުރުންވެސް އަބުދުއްރަހީމްގެ އެހެން ދަރިންނަށް ކުންފުނިތަކުގެ ބޯޑު މެމްބަރުންކަން ދީފައިވާއިރު, އޭނާގެ ދަނބިދަރިންނަށް ރައީސް އޮފީހުގެ އިސް މަގާމްތައްވެސް ދީފައި ވެއެވެ.
އެއާއެކު, އަބުދުއްރަހީމްގެ ދަނބި ދަރިއަށް ޕީޖީކަން ދީފިނަމަ, މުޅި ޝަރުއީ ނިޒާމް ކޮންޓްރޯލް ކުރުމުގެ ބާރު އަބުދުއްރަހީމަށް ލިބިގެންދާނެއެވެ. ރައީސް މުއިއްޒުގެ ބަހަކާ ނުލާވެސް, ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބޭނުމުގެ ފުރުސަތު އަބުދުއްރަހީމަށް ލިބިގެން ދާނެއެވެ.
އަދި އަމުދުން އަބުދުއްރަހީމްއަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑު ތުހުމަތެއް ކުރެވިފައިވާ ފަރާތަށް ވުމާއެކު, އޭނާގެ ދަނބި ދަރި ޕީޖީކަމަށް އައުމާއެކު, އެމްއެމްޕީއާރުސީގެ މުގުލުގައި ތިބި ފަރާތްތަކުގެ މައްސަލަތައް އެކީއެކަށް އޮށްބާލައި, މުޅި މައްސަލަ ގަޑުބަޑު ކޮށްލުމުގެ ބާރުވެސް އަބުދުއްރަހީމަށް ލިބިގެންދާނެއެވެ.
އެހާތަނުން, އަބުދުއްރަހީމްގެ ޑިމާންޑަތަކަށް އާބަސް ބުނުމަށް ޚުދު ރައީސް މުއިއްޒުއަށް މަޖުބޫރުވެ, ރައީސް މުއިއްޒު ވެގެންދާނީ ހަތަރެސްފައި ބަނދެވިފައިހުރި ރައީސަކަށެވެ. އެފަދަ ހާލަތެއްގައި ގައުމަށް ވެގެންދާނެ ގޮތާއި, ރައީސް ނެތިއްޖެ ހާލަތެއްގައި ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު އޮތް މީހެއްގެ އަތްމައްޗަށް ބާރުތައް ޖަމާވުމުން ދެން ވެގެންދާނެގޮތް ކިޔުންތެރީން ވަޒަން ކޮށްލައްވާށެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި, އަބުދުއްރަހީމުގެ ދަނބިދަރިއަށް ޕީޖީކަން ދިނުން ވެގެންދާނީ މުއިއްޒުގެ ސިޔާސީ ހަޔާތުގައި އަޅުއްވާނެ އެންމެ ބޮޑު ޅައެތި ކަމުގައެވެ.