ޚަބަރު

ރައީސް މުއިއްޒު ސިންގަޕޫރުން އެޕަރޓްމެންޓެއް ބައްލަވައިގެންފި، އެޕަރޓްމެންޓެއްގެ އަގު އުޅެނީ 67 މިލިއަނަށް

ދިޔަވަރު
ރައީސް މުއިއްޒު ސިންގަޕޫރުން އެޕަރޓްމެންޓެއް ބައްލަވައިގެންފި، އެޕަރޓްމެންޓެއްގެ އަގު އުޅެނީ 67 މިލިއަނަށް

ރައީސް މުއިއްޒު ސިންގަޕޫރުން އެޕަރޓްމެންޓެއް ބައްލަވައިގެންފިއެވެ. ސިންގަޕޫރުން ރައީސް ބައްލަވައިގެންފައި ވަނީ 3 ބެޑްރޫމްގެ އެޕަރޓްމެންޓެއް ކަމަށް މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއެވެ. 3 ކޮޓަރީގެ ރަނގަޅު އެޕަރޓްމެންޓެއް ސިންގަޕޫރުގެ އޯޗަރޑް ސަރަހައްދުން ގަންނަން ލިބޭ އަގަކީ 67 މިލިއަން ރުފިޔާއަށެވެ. ގޭލާންގ ސެންޓްރަލް އޭރިޔާގައި 3 ރޫމުގެ ރަނގަޅު އެޕަރޓްމެންޓެއްގެ އަގަކީ 14 މިލިއަން ރުފިޔާއެވެ. ރައީސް މުއިއްޒު ބައްލަވައިގެންނެވި އެޕަރޓްމެންޓުގެ ސީދާ އަގެއް ދިޔަވަރު ނޫހަށް ސާފުވެފައި ނުވެއެވެ.

އެމަނިކުފާނު އެޕާޓްމެންޓެއް ސިންގަޕޫރުން ބައްލަވާގަނެފައިވަނީ އެމަނިކުފާނުގެ ދަރިން ތިބުމަށް ކަމަށް މައުލޫމާތު ހާމަ ކުރެއްވި ފަރާތުން ޔަގީން ކޮށްދެއްވިއެވެ. މުއިއްޒުގެ ބޭފުޅުން މި ވަގުތު ތައުލީމު ހާސިލް ކުރަމުން ދަނީ ސިންގަޕޫރުންނެވެ. ރާއްޖޭގެ ސްކޫލްތަކުން ވަކިކޮށް ސިންގަޕޫރު ސްކޫލަށް ވެއްދީ ވެރިކަން ލިބުމާއި ގުޅިގެންނެވެ.

ރައީސް ވަނީ ގިނަ ދަތުރުތަކެއް ސިންގަޕޫރަށް އެޕަރޓްމެންޓް ބައްލަވައިގެންނެވި ދުވަސްވަރު ކުރައްވާފައެވެ. ސިންގަޕޫރު ފަދަ އަގު ބޮޑުތަކަނުން އެޕަރޓްމެންޓް ބައްލަވައި ގަންނަން މުއިއްޒު ފައިސާ ހޯއްދެވި ގޮތެއް ސާފެއް ނުވެއެވެ. މުއިއްޒު ދަނީ މަޖިލީސް މެމްބަރުންނަށް ވެސް ކޮންމެ މަހަކު 50،000ރ ރިޝްވަތުގެ ގޮތުގައި ވެސް ބައްސަވަމުންނެވެ. މި ފައިސާވެސް މުއިއްޒު ހޯއްދަވާ ގޮތެއް ސާފެއް ނުވެއެވެ.

މުއިއްޒު އާއި މެދު ކުރެވޭ ވައްކަމުގެ ތުހުމުތު ތައް އިންތިހާއަށް އިތުރުވެފައިވާއިރު، ސަރުކާރުން ދަނީ އަދުލު އިންސާފުގެ ދާއިރާއަށް، އޭސީސީ އިން ފެށިގެން، ފުލުހުން އިން ފެށިގެން، ޕީޖީ އިން ފެށިގެން ކޯޓުތަކާއި ހަމަ އަށް ނުފޫޒު ފޯރުވަމުންނެވެ. ދާދި ފަހުން އިންޓެލް ރިޕޯޓް އެއް އުފައްދައިގެން ސިހުރު ހެދިކަމަށް ބުނެ ސްޓޭޓް މިނިސްޓަރެއް ހައްޔަރު ކޮށްފައި ވާއިރު، މިފަދައިން ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭހެން ނުފޫޒު ބޭނުން ކޮށްގެން ރައީސް ސޯލިހުގެ ސަރުކާރުން ފޭކް އިންޓެލް ރިޕޯޓަކަށް އެެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.