ޚަބަރު

ކާޑަށް ޑޮލަރު ނެގޭ ލިމިޓް ނައްތާލާނެ ކަމަށް ރިޔާސީ ވައުދުވެ ވެރިކަމަށް ވަޑައިގެން، ރުފިޔާ ކާޑުން އެއްވެސް ގޮތަކަށް ޑޮލަރު ނުނެގޭ ގޮތް ހަދައިފި

ދިޔަވަރު
ކާޑަށް ޑޮލަރު ނެގޭ ލިމިޓް ނައްތާލާނެ ކަމަށް ރިޔާސީ ވައުދުވެ ވެރިކަމަށް ވަޑައިގެން، ރުފިޔާ ކާޑުން އެއްވެސް ގޮތަކަށް ޑޮލަރު ނުނެގޭ ގޮތް ހަދައިފި

ކާޑަށް ޑޮލަރު ނެގޭ ލިމިޓް ނައްތާލާނެ ކަމަށް ރިޔާސީ ވައުދުވެ ވެރިކަމަށް ވަޑައިގެން، ރުފިޔާ ކާޑުން އެއްވެސް ގޮތަކަށް ޑޮލަރު ނުނެގޭ ގޮތް ހަދައިފިއެވެ.

ރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ.

އެކަމާ ގުޅޭ ގޮތުން މި ނޫހަށް މައުލޫމާތު ދިން މީހުން ބުނީ ބީއެމްއެލް ބޯޑުގެ މި ނިންމުން މިހާރު އޮތީ "މާދަމާ ވެސް ތަންފީޒު ކުރަން ފަށާ ހިސާބުގައި" ކަމަށެވެ.

"މާދަމާ ވެސް ތަންފީޒުކުރުން އެކަށީގެންވޭ. ނުވަތަ ވަރަށް އަވަހަށް ތަންފީޒު ކުރާނެ،" އަދަދު ނޫހަށް މައުލޫމާތު ދިން އެކަކު ވިދާޅުވި އެވެ.

މުއިއްޒުގެ ސަރުކާރުގެ މިސްމެނޭޖްމެންޓުގެ ސަބަބުން، ގައުމުގެ މާލީ ހާލަތު ދަށަށް ދިޔުމާއި އެ ނޫން ވެސް އިތުރު ބައެއް ސަބަބުތަކާ ހުރެ، ޑޮލަރުގެ އަގު އުފެލުމުން ގޮސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 18.40 ގަ އެވެ. ވިއްކާ އަދަދަށްވުރެ ޑޮލަރު ގަންނަން ލިބޭ އަދަދު މަދުވުމުގެ ސަބަބުން "އުނދަގޫ ނިންމުންތަކެއް" ނިންމަން ޖެހިދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކެ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ ޖޫން ގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ކާލް ވިދާޅުވީ މިދިޔަ އަހަރު ވެސް އެ ބޭންކަށް ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކި ކަމަށެވެ. އަދި، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށް އޭނާ އެދުވަހު ވިދާޅުވި އެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ނުވާ ގޮތް ހެދުމަށް ބީއެމްއެލްގެ ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒުކުރަން ފެށުމުން، ޑޮލަރު މުއާމަލާތް ދެން ކުރެވޭނީ ހަމައެކަނި ޑޮލަރު އެކައުންޓު ހުރެގެންނެވެ. ރުފިޔާ ކާޑުން އޮންލައިން ސަބްސްކްރިޕްޝަން މިހާރު ދައްކަމުން ދިޔަ ނަމަވެސް، ބީއެމްއެލްގެ މި ނިންމުން ތަންފީޒު ކުރުމުން، އެފަދަ ސަބްސްކްރިޕްޝަންތަކަށް ވެސް ބޭނުންކުރަންޖެހޭނީ ޑޮލަރު ކާޑެވެ.

ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ކޮންމެ މަހަކު ނެގޭ ޑޮލަރުގެ ލިމިޓު ބޮޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އެކަން ވަނީ ފެއިލްވެފަ އެވެ.