ގަވާއިދާ ހިލާފަށް އައިޝަތު ނޫރައްދީން ވަކިކުރުމަށް މުއިއްޒު އަންގައިގެން ސިޓީ ފޮނުވާފައި ވަނީ، ވިޔަފާރިވެރިންނާއި، އާންމުންގެ އެކައުންޓު ތަކުގައި ހުރި ޑޮލަރު ސަރުކާރަށް ނުދިނުމާއި ގުޅިގެން ކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެވެ.
ބޭންކުން އާންމުންނަށް ޑޮލަރު ވިއްކަނީ، އެމްއެމްއޭ އިން ބޭންކު ތަކަށް ޑޮލަރު ވިއްކާ މިންވަރެއްގެ މައްޗަށް ބިނާ ކޮށެވެ. އެމްއެމްއޭގެ ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާރވް މިހާރު ހުސްވުމާއި ގުޅިގެން، ބޭންކުތަކަށް ބޭނުންވާ ޑޮލަރު އެމްއެމްއޭއިން މިހާރު އެދެވޭ ގޮތަކަށް ފޯރުކޮށް ނުދެއެވެ.
ނަމަވެސް ސަރުކާރުން ބޭނުންވަނީ، ބޭންކުގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރާއި، އާންމުންގެ އެކައުންޓްތަކުގެ ހުރި ޑޮލަރު، ސަރުކާރަށް ލޯނުގެ ގޮތުގައި ދިނުމަށެވެ. ސަރުކާރުން މި ލޯނު ބޭނުން ކުރާނީ ބޭރުގައި ތިބި ސިޔާސީ ޑިޕޮލޮމެޓުންނަށް އެލަވަންސްތައް ދިނުމަށާއި، ސަރުކާރުގެ މިފަދަ ޚަރަދުތައް ހަމަ ޖެއްސުމަށެވެ. ނަމަވެސް ބީއެމްއެލްގައި ހުރި އާންމުންގެ ޑޮލަރު ސަރުކާރަށް ދޫކޮށްފި ނަމަ، ބޭންކު އެއްކޮށް ބަނގުރޫޓުވެ، ބެންކް އޮފް މޯލްޑިވްސް ބަންދު ކުރަން ޖެހޭނެތީ އެކަމާއި ދެކޮޅަށް ނޫރުއްދީން ހިމެނޭހެން ބޭންކުން ވަނީ އެކަން ނުކުރުމަށް ނިންމާފައެވެ.
މިކަމާއި ގުޅިގެން މުއިއްޒު ކޯފާ އިސްވެ، ބީއެމްއެލްގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ އައިޝަތު ނޫރައްދީނަށް ޕީސީބީން ސިޓީ ވަނީ ފޮނުވާފައެވެ. މިގޮތަށް ސިޓީ ފޮނުވި ނަމަވެސް އެގޮތަށް ބޯޑު މެންބަރުން ވަކި ކުރާކަށް އެ ބޭންކުގެ ހިންގާ ގަވާއިދު ތަނެއް ނުދެ އެވެ.
މި ވަގުތު އެންމެ ރައްކާތެރި ގޮތަކީ، ބީއެމްއެލްގައި ހުރި ޑޮލަރުތައް ނަގައި، އެ ޑޮލަރުތައް ސަރުކާރުގެ ބާރު ނުހިނގާ ރާއްޖޭގައި ހުރި ބައިނަލްއަގުވާމީ ބޭންކަކަށް ބަދަލު ކުރުމެވެ.