ޑޮލަރުގެ ދަތިކަން ބޮޑުވެ، ޤައުމު ބަނގުރޫޓު ވަމުން ދަނިކޮށް، ވަހީދުގެ ކާފަ ދަރިފުޅަށް ޑޮލަރުން އިނާއަތްތައް ލިބޭހެން ޔޫކޭގައި ހުންނަ ދިވެހި ހައިކޮމިޝަނަށް އައްޔަން ކޮށްފިއެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ކާފަ ދަރިފުޅު، އިޖާޒު ވަހީދު ގުޑްރިޗް އަށް، ދީފައިވަނީ އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ސެކަންޑް ސެކްރެޓަރީގެ މަގާމެވެ.
މި މަގާމަށް، މުސާރަ ނުލައި، ހުރުމާއި، ދިރިއުޅުމުގެ ޚަރަދަށް ދޭ އެލަވަންސްގެ ގޮތުގައި އަހަރަކަށް 140،000 ޑޮލަރު ވަރު ޖެހެއެވެ. މިއީ 2,158,800ރ އެވެ.
އިޖާޒުގެ ލިންކެޑިން ޕްރޮފައިލްއިން އެނގޭ ގޮތުގައި އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ މަގާމު އޭނާ އަދާކުރަން ފެށީ ޖުލައި މަހުން ފެށިގެންނެވެ.
މި ސަރުކާރުގައި އިޖާޒު ފުރަތަމަ ހުރީ ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ އޭޕްރީލް މަހު އެވެ.
އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމެއް އިޖާޒު އަށް މި ދިނީ ސިޔާސީ މުވައްޒަފުން އިތުރުވެ ސަރުކާރުގެ ހަރަދު ވެސް އިންތިހާއަށް ބޮޑުވުމާ ގުޅިގެން ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގަ އެވެ. ސިޔާސީ މުއައްޒަފުންތައް އެމްބަސީ ތަކުގައި އިންތިހާއަށް އިތުރުވެ، ކުރީ ސަރުކާރަށް ވުރެ ދެގުނަ ވެފައިވާއިރު، ބައެއް އެމްބަސީތަކަށް 6 ގުނަ އަށް އިތުރަށް މުއިއްޒު ވަނީ ސިޔާސީ މީހުން ވައްދާފައެވެ. މި އެންމެންނަށް އިނާޔަތްތައް ދެނީ ޑޮލަރުންނެވެ.
މިދިޔަ އަހަރުގެ ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތުމުން، ޑރ. ވަހީދު އެ ކޯލިޝަނާ ފެއަށް ޖެހިވަޑައިގެންނެވި އެވެ. ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ކެމްޕޭނު ކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް އަށެވެ.