ޚަބަރު

ބޮންޑު ގަންނާނެ ބަޔަކު ނުވެގެން, ކޭޝް ފްލޯ މެނޭޖް ނުކުރެވި, ދައުލަތުގެ މުވައްޒަފުންގެ މިމަހުގެ މުސާރަ ނުދެވިދާނެ!

ދިޔަވަރު
ބޮންޑު ގަންނާނެ ބަޔަކު ނުވެގެން, ކޭޝް ފްލޯ މެނޭޖް ނުކުރެވި, ދައުލަތުގެ މުވައްޒަފުންގެ މިމަހުގެ މުސާރަ ނުދެވިދާނެ!

މި ސަރުކާރުން ޓްރެޝަރީ ބޮންޑު ވިއްކޭނެ ގޮތް ނެތި, ސަރުކާރުގެ ކޭޝް ފްލޯއަށް އިންތިހާއަށް ތާށިކަން އައިސް, ދައުލަތުގެ މުވައްޒަފުންގެ މިމަހުގެ މުސާރަ ނުދެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ގޮތުގައި ރާއްޖޭގެ މާލީ ނިޒާމުގެ މައްޗަށް އޮތް އިންވެސްޓަރ ކޮންފިޑެންސް ގެއްލި, ސަރުކާރުގެ ކޭޝް ފްޕޯ މެނޭޖް ކުރުމުގެ އެންމެ މުހިންމު އެއް ވަސީލަތްކަމުގައިވާ ޓީ-ބިލް ވިއްކުމުގައި ސަރުކާރަށް މިހާރު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ.

ފިނޭންސްގެ އޮފިޝަލް ވިދާޅުވީ ޓީ-ބިލް ވިއްކުމުގައި ސަރުކާރަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމުގެ ސަބަބުން, ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ނުކުރެވި, މިމަހުގެ މުސާރަ ދެވޭނެގޮތް އަދި ހަމަޖެހިފައި ނުވާކަމުގައެވެ.

އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި, ސަރުކާރުގެ ޓްރެޜަރީ ބިލްތަކަށް ހުރި ޝައުޤުވެރިކަން ދަށްވަމުންދިއުމުގެ އެންމެ ބޮޑު އެއްސަބަބެއްގެ ގޮތުގައި ފާހަގަވެފައިވަނީ, ސަރުކާރުގެ ޓްރެޜަރީ ބިލްތަކުން ލިބޭ ފައިދާ މަދުވުމާއި، އިންފްލޭޝަން އިންތިހާއަށް މަތިވަމުން ދިއުމެވެ. މީގެ އިތުރުން އިޤްތިޞާދީ ހާލަތު ރަނގަޅު ނޫންކަމުގެ ބިރުވެރިކަން އޮތުމާއި، ސަރުކާރުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަމާމެދު ސުވާލު އުފެދުމަކީވެސް ޓީ-ބިލް ވިއްކުމުގައި ސަރުކާރަށް ބޮޑެތި ގެންޖެހުންތަކާއި މިހާރު ކުރިމަތިލާން މެދުވެފައިވާ ސަބަބުތައް ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރުތަކުގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވުމުގެ ނަތީޖާއެއްގެ ގޮތުން, އިންވެސްޓަރުން އާންމުކޮށް ޓްރެޜަރީ ބިލްތަކަށްވުރެ ރަނގަޅު ނަފާއެއް ލިބޭނެ އެހެން ގޮތްތަކަށް ބަލައެވެ. އެގޮތުން ކުންފުނިތަކުން ނެރޭ ބޮންޑުތަކާއި، ހިއްސާގެ ބާޒާރު، އަދި ބޭރު ޤައުމުތަކުގެ ސެކިއުރިޓީތަކަށް އިންވެސްޓަރުންގެ ސަމާލުކަން އެ ހާލަތުގައި އަނބުރާލައެވެ. ހަމައެއާއެކު, މަރުކަޒީ ބޭންކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އިންޓަރެސްޓް ރޭޓަށް އަންނަ ބަދަލުތަކަކީވެސް ޓްރެޜަރީ ބިލްތަކަށް ހުރި ޑިމާންޑަށް އަސަރުކުރާ ކަމެކެވެ.

އިޤްތިޞާދީ މާހިރުން ދެކޭގޮތުގައި ރާއްޖޭގައި މި ހާލަތު ދެމިގެންދާނަމަ، ސަރުކާރަށް ފައިސާ ހޯދުމަށް އިންތިހާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިޔަށް އޮތް ތަނުގައިވެސް ކުރިމަތިލާން ޖެހޭނެއެވެ. އޭގެ އެއް ހެއްކަކީ ފައިސާ ލިބޭތޯ އެކި ގައުމުތަކަށް, ރައީސްގެ ސިޓީފުޅުތައް ހިފައިގެން ޚާރިޖީ ވަޒީރު އެކިގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެވެ. އަދި ކައިރި މުސްތަގްބަލެއްގައި މިކަމަށް ހައްލެއް ނުގެނެވިއްޖެނަމަ، ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ދައުލަތުގެ ޔޫސެބްލް ރިޒާވް އިންތިހާއަށް ދަށަށްގޮސް, ރާއްޖޭގައި ޑޮލަރުގެ ދާށިކަން އިންތިހާއަށް މަތިވެ, ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދުވަނީ އެބޭންކުގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލާފައެވެ. އެހެންނަމަވެސް އޭގެ އިރުކޮޅެއް ފަހުން މި ސަރުކާރުގެ ވަޒީރުންވަނީ, ބޭންކުގެ އެ ނިންމުން "ރައީސްގެ ހެޔޮފުކަމުން" ބަދަލު ކޮށްފައިވާކަމަށް މޭރުންކޮށް, ބޭންކުގެ ނިންމުން ސިޔާސީކޮށް, އެ ނިންމުމުގެ ސިޔާސީ ފައިދާ ނެގުމަށް, ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

އެހެންނަމަވެސް, އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި, ބޭންކުގެ ނިންމުމާއި ގުޅޭގޮތުން ވަޒީރުން ދެއްކެވި ވާހަކަތަކުން, ގައުމީ ބޭންކުގެ ނިންމުންތަކުގައި ސިޔާސީ ނުފޫޒު އޮތް މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ. އޭގެ ސަބަބުން ބީއެމްއެލްއަށް އޮތް އިތުބާރަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެކަމުގައިވެސް އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެގޮތުން ގައުމުގެ އެންމެ ބޮޑު ބޭންކުގެ ކޮންފިޑެންސް ގެއްލިގެން ދިއުމުން, މުޅި މާލީބާޒާރަށް އޭގެ ނޭދެވޭ އަސަރުކޮށް, ރާއްޖެއަށް ކުރިމަތިވަމުންދާ އިގްތިސާދީ ކާރިސާގެ ހާލަތު އިތުރަށް ގޯސްވެގެންދާނެކަމަށްވެސް އިގްތިސާދީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.