ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރުމަށް މިއަދު ގެނައި ބަދަލު ބަދަލު ކުރުމަށް ބޭންކުން ނިންމި ނިންމުމުގެ ސިޔާސީ މަންފާ ހާސިލް ކުރުމަށް މި ސަރުކާރުގެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން, ދިވެހީންގެ ބޭންކަށް ސިޔާސީ ނުފޫޒު ފޯރާފަ އޮތް މިންވަރު ވަަރަށްވެސް ރަގަޅަށް ހާމަވެގެން ހިގައްޖެކަން ގިނަ ބަޔަކު ފާހަގަ ކޮށްފިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން އިންތިހާއަށް މަތިވެ، ބީއެމްއެލްއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް ހައްލު ހޯދުމަށް, ބޭނުންކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތަކަށް ހިފެހެއްޓުންތަކެއް ގެނައުމަށްފަހު ހަމަ މިއަދު ބޭންކުން ވަނީ އެނިންމުން ބަދަލު ކޮށްފައެވެ. އަދި ބޭންކުން ނިންމުން ބަދަލު ކޮށްފައިވަނީ, އެމްއެމްއޭއިން ދިން އިރުޝާދުތަކާ އެއްގޮތަށްކަމަށް ބުނެއެވެ.
އެހެންނަމަވެސް, އެމްއެމްއޭއިން ދިން ޕްރޮފެޝަނަލް ލަފައަކަށް ބޭންކުން ނިންމި ނިންމުމެއްގެ އިތުރު މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ މިސަރުކާރުގެ މަތިފަޑީގައި ތިއްބެވި ސިޔާސީ ފަރާތްތަކެވެ. ދައުލަތުގެ ވަޒީރުންނެވެ.
އާދޭހެވެ.! ބޭންކު އޮފް މޯލްޑިވްސްއިން ނިންމި ނިންމުމަކާ ގުޅުންހުރި އިތުރު މައުލޫމާތު އާންމު ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަ ބޭންކުގެ އިސްވެރިންނަށްވެސް ނޫސްވެރިންނާއި ބައްދަލު ކުރެވޭނެއެވެ. އަދި އެކަމުގަ އެންމެ އައުލާކަން ބޮޑު ގޮތަކީވެސް އެއީއެވެ. ހަމަ އެއާއެކު ބޭންކުން ނިންމި ނިންމުން އެމްއެމްއޭއާ މަތިކޮށްފައިވާއިރު, ބޭންކުންގެ ނިންމުމާއި ގުޅުންހުރި މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެމްއެމްއޭއަށްވެސް ނޫސްވެރިންނާއި ބައްދަލު ކުރެވުނީހެވެ.
އެހެންނަމަވެސް މި ސަރުކާރުން އިޚްތިޔާރު ކުރީ, ގައުމުގެ އެންމެ ބޮޑު އެއް މާލީ އިދާރާކަމުގައިވާ, ބީއެމްއެލްގެ މި މުހިންމު ނިންމުން ސިޔާސީކޮށް, އެނިންމުމުގެ ސިޔާސީ މަންފާ ހާސިލްކުރާށެވެ. ބޭނުންވީ އެއީ "ރައީސްގެ ހެޔޮފުޅުކަމުން" ނިންމި ނިންމުމެއްގެ ގޮތުގައި އެނިންމުން ފަރުމާ ކޮށްލާށެވެ.
އެހެންނަމަވެސް ގަބޫލުކުރާންޖެހޭ ހަގީގަތަކީ, ގައުމެއްގެ އިގްތިސާދެއް ދުޅަހެޔޮކޮށް ދެމި އޮންނާނީ, ބޭންކިން ސިސްޓަމްގެ މައްޗަށް އާންމު ރައްޔިތުންނާއި އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރެއްގެ މައްޗަށް ކަމެވެ. އެ އިތުބާރު ދެމެހެއްޓޭނީ, ސިޔާސީ ވެރީން ބޭންކުތަކުގެ އެތެރެއަށް އަތް ނުބާނާ, ނުވަތަ އަތް ބާނާކަން އެއީ "ބޮޑު ސިއްރެއްގެ" ގޮތުގައި ބޭއްވިގެންނެވެ.
އޭގެ ބަދަލުގައި މިއަދު ފެނިގެންދިޔައީ މިސަރުކާރުން ސީދާ މިއުސޫލުތަކާއި ޚިލާފަށް އަމަލު ކުރިތަނެވެ. ބޭންކު އޮފް މޯލްޑުވްސްއިން ނިންމި, އެ ބޭންކުގެ ދަމިއޮތުމާއި ގުޅުންހުރި މުހިންމު ނިންމުމެއް މިސަރުކާރުން ސިފަ ކޮށްދިނީ "ރައީސްގެ ހެޔޮފުޅުކަމުން" ނިންމި ނިންމުމެއްގެ ގޮތުގައެވެ.
ބޭންކުގެ ރުފިޔާ ޑެބިޓް ކާޑުން ކުރެވޭ މުއާމަލާތްތައް ހިފެހެއްޓި ހިފެހެއްޓުން އަނބުރާ އިއާދަކުރުމަށް ބީއެމްއެލްއިން ނިންމި ނިންމުމަކީ ”ރައީސްގެ ހެޔޮފުކަމުން“ ކޮށްދިން ކަމެއްކަމަށް މޭރުންކޮށް, ބޭންކުގެ ނިންމުން ސިޔާސީކޮށް, އެ ނިންމުމުގެ ސިޔާސީ މަންފާ ހާސިލްކުރުމަށް މި ސަރުކާރުގެ ވަޒީރުން މިއަދު ކުރެއްވި މަސައްކަތަކީ ވަރަށްވެސް ހުތުރު މަންޒަރެކެވެ.
ބޭންކުގެ ނިންމުމާއި ގުޅޭގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުން ދެއްކެވި ވާހަކަތަކުން, ގައުމީ ބޭންކުގެ ނިންމުންތަކުގައި ސިޔާސީ ނުފޫޒު އޮތް މިންވަރު ވަނީ ހާމަވެގެން ގޮސްފައެވެ. ބޭންކުގެ ތެރެއަށް ސިޔާސީ ވެރިން އަތްބާނާފައިވާ މިންވަރު ވަރަށްވެސް ފުރިހަމައަށް ތަމްސީލު ވެގެން ހިގައްޖެއެވެ. އޭގެ ސަބަބުން ގެއްލިގެން ދިޔައީ ބީއެމްއެލްއަށް އޮތް އިތުބާރެވެ. އިންވެސްޓަރ ކޮންފިޑެންސެވެ. ގެއްލިގެންދިޔައީ ރާއްޖޭގެ މާލީ ނިޒާމުގެ "ކްރެޑިބިލިޓީ"އެވެ.
ގައުމުގެ އެންމެ ބޮޑު ބޭންކުގެ ކޮންފިޑެންސް ގެއްލިގެން ދިއުމުން, މުޅި މާލީ ނިޒާމު ފުނޑިގެން ދިޔައީއެވެ. ރައްޔިތުން ހާލުގައި ޖެހުނީއެވެ. އެކަން ފަހުމްވާން ދުވަސްކޮޅެއް ނެގިނަމަވެސް, ނިކަމެތި ރައްޔިތު މީހާ ދާނީ ދުވަހެއް ދުވަހަކަށް ނިކެމެތިވެ ބިކަވަމުންނެވެ.
މިހާލަތު ކުރިމަތިވެގެންދިޔަ ގައުމުތައް ވަށައިގެން ފެންނާން އެބަހުއްޓެވެ. ސްރީލަންކާއެވެ. ބަންގްލާދޭޝްއެވެ. ރައްޔިތުން ނިކުމެ އެގައުމުތަކުގެ ރިޔާސީ ގަނޑުވަރަށް ދާންދެން ތަޅާ ސުންނާފަތި ކުރާންދެން އެގައުމުތަކުގެ ވެރީންވެސް ހަމަ ކިޔުއްވަމުން ގެންދެވީ މިރާޖޭގެ ވެރީންވެސް މިއަދު ކިޔަމުންމިދާ ލަވަތަކެވެ. ދައްކަމުން ދިޔައީ, މިރާއްޖޭގެ ވެރިންވެސް ރައްޔިތުންނަށް މިއަދު ދައްކަމުންދާ ނަނާ ހުވަފެންތަކެވެ.
އެހެންނަމަވެސް އާޚިރު ނަތީޖާއަކީ, ރައްޔިތުން ނިކުމެ, ރައްޔިތުންނަށް ހުވަފެން ދައްކަމުންދިޔަ ވެރީންގެ ވެރިކަން ނިންމާ ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމެވެ. މިރާއްޖޭގައިވެސް މިއަދު މިވަނީ ރައްޔިތުން އެ އިންލާބު ގެންނާން ޖެހިފައެވެ. މުއިއްޒުވެ ވެރިކަން ނިންމާވީ ވަގުތު މިވަނީ އައިސްފައެވެ.