މި ސަރުކާރުން ރައްޔިތުންގެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީ، އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި މާލީ ކާރިސާ ފަދަ ހާލަތަކަށް ރާއްޖެ އެބަދާ ކަމަށާ އެކަމުން ގައުމު ސަލާމަތް ކުރަން މަގުމައްޗަށް ނުކުންނަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ގައުމު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ، އެ ޕާޓީން މިވަގުތު ޒިންމާދާރުކަމާއެކު ފަހަތަށް ޖެހިގެން ތިބީ ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތު ދޭން ކަމަށެވެ.
"އެހެންނަމަވެސް، އަޅުގަނޑުމެން ޒިންމާދާރުކަމާއެއްކޮށް މި ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ބީރު ކަންފަތެއް ދީ، އަދިވެސް ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ނުވަ މަސް ވީއިރު ކިޔަމުން ދަންޏާ އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ ނާގާބިލުކަން މަތީގަ ސިލޯނަށް ވީ ގޮތް މި ގައުމަށް ވަމުންދާތަން."
ސަރުކާރުގައި ތިބި ފަރާތްތަކާއި ގައުމު އަދި ދިވެހިންގެ ސަލާމަތަށް ޓަކާ މިހާރު ތިބިހެން ތިބެވެން ނެތް ކަމަށް އޭނާވެސް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާނަން. މަސައްކަތް ކުރާނަން. ލަންކާގަ ވީގޮތަށް ވިޔަނުދީ ރައްޔިތުން ބަނޑުހައިހޫނު ކަންމަތީ ނިކުމެ ސަރުކާރު ވައްޓާލާ ސަރުކާރުގެ ވެރިންނަށް އަނިޔާކުރާތަން، [އެކަން] ވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން މަގުމައްޗަށް ނުކުންނަށް ޖެހުނު ކަމުގައި ވަންޏާމު އަޅުގަނޑުމެން އަޑު އުފުލުމަށް އަޅުގަނޑުމެން މަގުމައްޗަށްވެސް ނުކުންނާނަން،" އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލަށް ލާފާނެތީ ނުވަތަ މުދާތައް އަތުލަފާނެތީ ނުވަތަ ފުރާނައަށް ގެއްލުމެއް ވެދާނެތީ ޝުއޫރު ފާޅުކުރަން ޖެހިލުންވާ ބަޔަކު އެމްޑީޕީގައި ނުތިބޭނެ އެވެ.
ފައްޔާޒު އެ ފާހަގަކުރެއްވި، ލަންކާއަށް ދިމާވި ހާލަތަކީ އެ ގައުމު ބަނގުރޫޓުވެ، ރައްޔިތުން ކުރި މުޒާހަރާތަކުގައި ބޮޑުވަޒީރުގެ ގެކޮޅަށް ވަދެގަނެ ވެރިކަން ބަދަލުކުރި ހާދިސާ އެވެ. މި ފަހުން ބަންގްލަދޭޝްގައިވެސް ވަނީ ދާދި އެއްގޮތަކަށް ވެރިކަން ބަދަލުކޮށްފަ އެވެ.
މިއަދު، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބީއެމްއެލް އިން ނިންމީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބަދަލު ގެނައުމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބޭންކުގެ ސީއީއޯ އާއި މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރެއްވުމާ އެކު އެ ނިންމުން ވަނީ ކުރިން އޮތް ގޮތަށް އިޔާދަ ކޮށްފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި ބީއެމްއެލް އިން މިއަދު އެގޮތަށް ނިންމީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމާ ހިލާފަށް ކަމަށެވެ. ބީއެމްއެލް އިން ބުނީ ނިންމުން އަލުން ބަދަލުކުރީ އެމްއެމްއޭގެ ލަފާގެ މަތިން ކަމަށެވެ.