ދިވެހިރާއްޖޭގެ ގައުމީ ބޭންކު ދައުލަތާއި ދެކޮޅަށް ބަޢާވާތް ކުރަން އުޅުނުކަމަށް ސިފަކޮށް, އާންމު ރައްޔިތުންނާއި އިންވެސްޓަރުންގެ މެދުގައި ބޭންކަށް އޮތް އިތުބާރު ގެއްލުވާލުމަށް އަމާޒުކޮށް, ޕީއެންސީގެ ގަރުދިޔަ ޖަގަހާގައި މިރޭ ސަރުކާރުގެ އިސް ބޭފުޅުން ވާހަކަ ދައްކަވައިފިއެވެ.
އެގޮތުން ގަރުދިޔަ ޖަގަހާގައި އޮތް ޖަލްސާގައި ބީއެމްއެލްއަށާއި, ރާއްޖޭގެ މާލީ ނިޒާމުގެ މައްޗަށް އާންމު ރައްޔިތުންނާއި އަދި އިންވެސްޓަރުން ކުރަމުން އަންނަ އިތުބާރު ގެއްލުވާލުމަށް އެން ބޮޑަށް ވާހަކަ ދައްކަވާފައިވަނީ ސީދާ ރައީސް ޑރ. މުއިއްޒުއެވެ.
ގަރުދިޔަ ޖަގަހާގައި މިރޭ ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ބީއެމްއެލްގެ ތެރެއިން އިއްޔެ ހިނގި ކަންތަކާއި އެ ވަގުތު ކުރީގެ ފިނޭންސް މިނިސްޓަރު ނޫސްކޮންފަރެންސް ދިނުމާއި އަދި ސޯޝަލް މީޑިއާގައި ހިންގި މަގުމައްޗަށް މީހުން ނެރެން ކުރި ކަންތައްތަކުގައި، ފުލުހުން ބަލާ މިންގަނޑުތަކުން ޣައިރުގާނޫނީ ގޮތެއްގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރަކާ ދެކޮޅަށް ހިންގި އަމަލެއްގެ ގޮތުގައި ދޭހަވާ ހެކިތައް ހުރީމަ ފުލުހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
މިއީ ރޭވިގެން ހިނގި ކަމެއް، އެ ކުރި ގޮތެއް ބަލަން ފުލުހުން އެ އޮތީ ފަށާފައި. ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުން އިދާރާއަށް އަދި ސިފައިންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެބޭފުޅުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަ ކަމެއް ފެނުނީމާ އެ ދާނީ ރައްޔިތުންނާ ހިއްސާކުރަމުން. މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ، މި ދެންނެވި ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ. މި ކުރި ކަންތައް މިއީ އެޓެމްޓެޑް ކޫ އަކަށް.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން, ރާއްޖޭގެ މާލީ ނިޒާމު ހަމަޔަކަށް އެޅުވުމުގައި އެ ބޭންކުން އަބަދުވެސް މިހުންމު ދައުރެއް ކުލެއެވެ. އަދި އިންވެސްޓަރ ކޮންފިޑެންސް ހިފަހައްޓާ, ބޭންކުގެ މައްޗަށް އާންމު ރައްޔިތުންގެ ރަގަޅު ތަސައްވުރެއް އުފެއްދުމަކީ ރާއްޖޭ މާލީ ހާލަތަށް ކޮންމެހެންވެސް މުހިންމު ކަމެކެވެ.
އެހެންނަމަވެސް ގަރުދިޔަ ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒުވަނީ ރާއްޖޭގެ މާލީ ނިޒާމަތް އޮތް އިތުބާރު ފުނޑު ފުނޑު ކޮށްލާ, އަދި އޭގެ ނަތީޖާއެގެ ގޮތުން ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރުވެސް ވެއްޔާއި މޮޑެލުމަށް މަސައްކަތް ކޮށްފައެވެ. އޭގެ ނަޖީޖާއަކަށް ވެގެންދާނީ, މިހާރުވެސް ގޯސްވެފައިވާ ރާއްޖޭގެ އިގްތިސާދީ އިތުތަށް ގޯސްވެ ރައްޔިތުން ބިކަވެގެން ދިއުމެވެ.
މިއީ ހަގީގަތުގައި ގައުމެއްގެ ވެރީން ރައްޔިތުންނަށް ވާ އެންމެ ބޮޑު ޚިޔާނާތްކަމީ ކަށަވަރުވެސް ޔަގީންވާން އޮތް ކަމެކެވެ.