ޚަބަރު

ގައުމީ ބޭންކު ސަލާމަތް ކުރެވޭނެ ގޮތެއް ނެތިގެން, ހިއްސާ މަހުޖަނު އުއްޗުއަށް ވިކާލަނީ!

ދިޔަވަރު
ގައުމީ ބޭންކު ސަލާމަތް ކުރެވޭނެ ގޮތެއް ނެތިގެން, ހިއްސާ މަހުޖަނު އުއްޗުއަށް ވިކާލަނީ!

ބޭންކުގެ ޑޮލަރު ރިޒާވް އިންތިހާއަށް ދަށަށް ގޮސް, ޑިމާންޓަށް ކޭޓާރ ކުރެވޭނެ ގޮތެއް ނެތިގެން, ގައުމީ ބޭންކު, ބީއެލްއެލް ސަލާމަތް ކުރުމަށްޓަކާ, ބޭންކުގެ ހިއްސާ މަހުޖަނު މުހައްމަދު މޫސާ (އުއްޗު) އަށް ވިއްކާލަން ނިންމާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ބީއެމްއެލްގެ ހިއްސާ މަހުޖަނު އުއްޗުއަށް ވިއްކާލުމަށްޓަކާ ނެގޯސިއޭޝަން ކުރިޔަށް ގެންގޮސްފައިވަނީ ސީދާ ރައީސް މުއިއްޒު މެދުވެރި ވެގެންނެވެ. އެހެންނަމަވެސް މަހުޖަނު އުއްޗުއަށް ވިއްކާލަން ނިންމާފައިވަނީ ބޭންކުގެ ކިހާއަދަދެއްގެ ހިއްސާއެއްކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ބޭންކުގެ ހިއްސާ މަހުޖަނު އުއްޗުއަށް ވިއްކާލަން ނިންމާފައިވާއިރު, ބޭންކުގެ ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ, ބޭންކުން ދޫކޮށްފައިވާ ފައިސާ ޑެބިޓް ކާރޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލުމަށް މިހަފްތާގެ އާދީއްތަ ދުވަހު ބޭންކުގެ ބޯޑުން ނިންމާފައި ވެއެވެ. އެހެންނަމަވެސް ހަމަ އެދުވަހު ބޭންކުގެ އެ ނިންމުން ބަދަލުކުރީ ރައީސް މުއިއްޒުގެ "ހެޔޮފުޅު ކަމުން"ކަމަށް ބުނެ ސަރުކާރުގެ ވަޒީރުން ވާހަކަ ދައްކަވާފައިވެއެވެ.

އަދި ޖެހިގެން އައިދިވަހުގެ ރޭ, ވެރިކަންކުރާ ޕީއެންސީގެ ގަރުދިޔަ ޖަގަހާގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ ބީއެމްއެލްއިން ގެންނަން އުޅުނީ ބޮޑު ބަޢާވާތެއްކަމުގައެވެ. އެއަށްފަހު ބޭންކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބަޢާވާތެއް ގެންނަން އުޅުކަމަށް ބުނެ, ފުލުހުންވެސް ވަނީ ތަހުގީގެއް ލޯންޗު ކޮށްފައެވެ.

ޕީއެންސީގެ ގަރުދިޔަ ޖަގަހާގައި އޮތް ޖަސްލާސާގައި ދައުލަތުގެ ވަޒީރުންވެސް ވަނީ ބީއެމްއެލްގެ ސީއީއޯގެ އިސްތިއުފާއަށްވެސް ގޮވާ ހަދާފައެވެ.

މާލީ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ, މިސަރުކާރުން ބޭންކު އޮފް މޯލްޑިވްސްގެ އިތުބާރު އިންވެސްޓަރުންނާއި އާންމު ރައްޔިތުންގެ މެދުގައި ގެއްލުވާލުމުން, އޭގެ ނަތީޖާއެއްގެ ގޮތުން އިންވެސްޓަރ ކޮންފިޑެންސް ގެއްލި, ގައުމަށް ކުރިމަތިވެފައިވާ މާލީ ހާލަތު ދާނީ އިތުރަށް ގޯސްވަމުންނެވެ.

ގިނަ ގައުމުތަކުގައި އިގްތިސާދު އިނދަޖެހި, އިގްތިސާދީ ކާރިސައަކާއި ކުރިމަތިލާން ޖެހުމުން ދައުލަތުގެ އެސެޓްތައް ނުއަގުގައި ވިއްކާލުން ނޫންގޮތެއް އެހާލަތުގައި ނޯވެއެވެ. އަދި ރާއްޖެ ފަދަ ކުޑަ ގައުމަކަށް, ދައުލަތުގެ އެސެޓްތައް ވިއްކާލައިގެންވެސް މި ހާލަތުން އަރައި ނުގަނެވޭނެކަމަށްވެސް މާލީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެނގިފައިވާ ގޮތުގައި ދައުލަތުގެ އޭވިއޭޝަން ކުންފުނި, އައިލޭންޑް އޭވިއޭޝަންގެ ހިއްސާވެސް މަހުޖަނު އުއްޗުއަށް ވިއްކާލުމަށް މި ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.