ރައީސް ޔާމިންގެ ވެރިކަމުގައި އެޅި ސިނަމާލެ ބުރިޖު ނިމުނުއިރުވެސް, ބުރިޖުގެ އެއް ލޭނަށް ވީގޮތް ރައީސް ޔާމިނަށް އެނގިވަޑައިގެންފައި ނުވާކަމަށާއި, އެކަމާ ކޯފާ އިސްކުރައްވާ ރައީސް ޔާމިން މުއިއްޒުއަށް "ބަވާލި"ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ އެންމެ ފަހު ދުވަސްކޮޅު, ބުރިޖު ހުޅުމުގެ މަސައްކަތް ކުރަމުންދިޔައިރު, އޭރު ޕީޕީއެމްގެ އޮފީސް ހިނގަމުންދިޔަ ސަކީނާ މަންޒިލްގައި, ކެބިނެޓްގެ ވަޒީރުންނާއި އަދި ޕާޓީގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެގައި ރައީސް ޔާމިން މުއިއްޒުއަށް ބަވާލި ކަމަށާއި, އެ މަންޒަރާއި އެއަޑު އޭރު ކެބިނެޓްގައި ތިއްބެވި ބޭފުޅުން ދެކޭނެ އަދި އަހާނެ ކަމަށެވެ.
ރައީސް މުއިއްޒު ކީރިތިފުޅު ކުރައްވަންދެން ބަވާލި. އަޅުގަޑު މިވާހަކައިގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ދޭން ބޭނުން. އެދުވަހު ޔާމިން ވިދާޅުވީ ބުރިޖުގެ 1 ލޭން މަދުކަން މިއަދުއޭ ތިމަންނައަށް މި އެނގުނީ.
ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމްގެ ވާހަކަތަކުން އެނގޭ ގޮތުގައި, 1 ލޭން މަދުކޮށް ބުރިޖު ހެދިކަން ރައީސް މުއިއްޒު އޮތީ ރައީސް ޔާމިންއަށްވެސް ސިއްރުކޮށްފައެވެ.
300 މިލިއަން ޑޮލަރު ހޭދަކޮށް, އަދި އެ ޕްރޮޖެކްޓުގެ ބޮޑުބައި ލޯނު ނަގައިގެން އެޅި ބުރިޖު އެންމެ ފުރަތަމަ ޑިޒައިން ކުރީ ބުރިޖު ހުރަސްކޮށް ބައިސްކަލްވެސް ދުއްވޭގޮތަށެވެ. އެހެންނަމަވެސް ބުރިޖު ނިންމިއިރު, އެންމެ ފުރަމަ ޑިޒައިންގެ ހިމެނުނު 1 ލޭން ބުރިޖުގަ ނެތެވެ. އޭރުވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާ ގޮތުގައި, ޗައިނާއިން ރިޝްވަތުގެ ގޮތުގައި ބުރިޖު ޕްރޮޖެކްޓުން ބޮޑު ކޮމިޝަނެއް ނަގާފައިވަނީ ބުރިޖުން 1 ލޭން އުނިކޮށްލައިގެންނެވެ. އަދި ބުރިޖު ނިންމި އިރު ބައިސްކަލް ދުއްވޭނެ ގޮތެއްވެސް ހަމަޖެހިފައެއް ނުވެއެވެ.
ފަހުން ހާމަ ވެގެން ގޮފައިވާ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓުންވަނީ, ބުރިޖު ހަވާލުކުރި ކުންފުނިން މުއިއްޒު ރިޝްވަތު ނަގާފައިވާކަން ހާމަވެގެން ގޮސްފައެވެ. އޭގެ ތެރޭގައި ބުރިޖް ހެދި ޗައިނާގެ ކުންފުނިން ސީދާ މުއިއްޒުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން ހާމަވެގެން ގޮސްފައި ވެއެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި ބުރި އަޅާގަފައިވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ރައީސް ޔާމިންގެ މުޅި ދައުރުގައިވެސް ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މުއިއްޒުއެވެ.