އެއްވެސް ތައުލީމެއް ހާސިލް ކޮށްފައެއް ނެތި, ލަންކާ އެމްބަސީން އެކަށީގެން ނުވާވަރުގެ ބޮޑު ވަޒީފާއެއް ހަމަޖައްސާދީފައިވާ, ފިލްމުކުޅޭ ސީޒަން އޭނާގެ ވަޒިފާގެ ޒިންމާ ދޫކޮށް, އެހެންނަމަވެސް ބޮޑު މުސާރަ ނަގަމުން, އޭނާގެ އަމިއްލަ ވިޔަފާރީގައި ރާއްޖޭގައި އުޅޭކަން ހާމަވެއްޖެއެވެ.
ސޯޝަލް މީޑިއާއިން އެގެން ހުރި ގޮތުގައި ސީޒަން މިހާރު ހުރީ މާލޭގައެވެ. އަދި އޭނާ މިއަދު ޕީއެސްއެމްގެ ފިލްމީ އުދަރެހުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ, އޭނާ މިހާރު މާލޭގައި ހުރީ ފިލްމީ މަސައްކަތުގައި ކަމަށާއި, އޭނާ މާލެ އައިސް އުޅެނީ ފިލްމީ ދާއިރާއާއި ގުޅުންހުރި އަމިއްލަ ވިޔަފާރީގެ މަސައްކަތަށްކަތުގައި ކަމުގައެވެ.
މިސަރުކާރުން ވަނީ ރާއްޖެއިން ބޭރުގެ އެމްބަސީތަކަށް, އެއްވެސް ތައުލީމެއް ނެތް, އަދި އިނގިރޭސިބަހުން ލިޔަންކިޔަންވެސް ނުދަންނަ ގިނަ ބަޔަކު އައްޔަން ކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ މުވައްޒަފުންނަކީ ބޮޑެތި މުސާރަތައް ލިބޭ ފަރާތްތަކެވެ. އެހެންނަމަވެސް އެމުވައްޒަފުންނަަށް ކުޑަމިނުން އިނގިރޭސިބަހުން ލިޔަންކިޔަންވެސް ނުދަންނާތީ އެ އެމަބްސީތަކުގައި އެ މުވައްޒަފުންގެ ބޭނުން ހިފޭނެ އެއްވެސް ގޮތެއް ނެތްކަމަށް, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފޮރިން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.
ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ބޮޑު މުސާރަލިބޭ މަގާމަކަށް ލަވަކުޅޭ ސީޒަން ހަމަޖެއްސުމުން ގިނަ ބައެއްގެ ފާޑުކިޔުން މިސަރުކާރަށް އަމާޒުވެގެން ދިޔައެވެ. އެއީ, ބޭރުގެ އެމްބަސީއެއްގައި ވަޒީފާ އަދާކުރެވޭނެ ގާބިލްކަން ނެތި, އޭނާ އެމަގާމަށް އައްޔަން ކުރުމުންނެވެ.
މިސަރުކާރުން ރާއްޖޭގެ ބޭރުގެ އެމްބަސީތަކަށް ހަމަޖައްސާފައިވާ ގިނަ ސިޔާސީ މުވައްޒަފުންނަކީ ތައުލީމާ ތަޖުރިބާ ނެތް ސިޔާސީ އެކްޓިވިސްޓުންނެވެ. އެ މުވައްޒަފުންގެ މުސާރައަށް މިސަރުކާރުން ދަނީ ދައުލަތުގެ ބަޖެޓުން މަހަކު 15 މިލިއަން ރުފިޔާ ޚަރަދު ކުރަމުންނެވެ.