ބީއެމްއެލް އަށް ބަޣާވާތުގެ ތުހުމަތު މުއިއްޒު ކުރުމާއި ގުޅިގެން، އަދި މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ފިޗުން މުއިއްޒުގެ ވެރިކަމުގައި 2 ވަނަ ފަހަރަށް ރޭޓިންގ ދަށް ކޮށްފިިއެވެ. މިހާރު ފިޗް ރޭޓިންގ އަކީ CC އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ޚަރުދަނާ ފިޔަވަޅު ތަކެއް ސަރުކާރުން ނާޅާފި ނަމަ، މޫޑީސްގެ ރޭޓިންގ ވެސް އިތުރަށް ދަށް ވާނެ ކަމަށް ބެލެވެއެވެ. އަދި ފިޗް ރޭޓިންގ ވެސް މި އަހަރު ތެރޭ އިތުރަށް ދަށްވެ، ފިޗްއިން ރާއްޖެ ބަނގުރޫޓުވީ ކަމަށް ބެލުން އެކަށިގެން ވެއެވެ.

މަތީގައިވާ ޗާޓުން ފެންނަހެން، ފިޗްގެ CC އިން ދޭހަ ކޮށްދެނީ ރާއްޖެ މިހާރު އޮތް ހާލަތަކީ "ބަނގުރޫޓު ވުމާއި ކައިރި" ހާލަތެވެ. ނަމަވެސް މާލީ ގޮތުން ރަނގަޅު ފިޔަވަޅު ތަކެއް އަޅައިފި ނަމަ، ރާއްޖެ ބަނގުރޫޓު ނުވެ ސަލާމަތް ކުރެވިދާނެއެވެ. ނަމަވެސް ސަރުކާރުން އެފަދަ ފިޔަވަޅުތަކެއް މާލީ ހާލަތު ރަނގަޅު ކުރަން އަޅާނެ ކަމަކަށް ނުބެލެވެއެވެ.
ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދީ އަދި ސިޔާސީ މަޝްރަހު ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ރައީސް މުއިއްޒުގެ ވެރިކަމުގައި ދެވަނަ ފަހަރަށް ފިޗް އިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފައެވެ. "ސީ.ސީ" އަށް ރޭޓިންގ ދަށްކުރުމުން ދައްކުވައިދެނީ ގައުމުގެ މާލީ ހާލަތާއި ހިންގުންތެރިކަމާމެދު އުފެދިފައިވާ ކަންބޮޑުވުންތަކެވެ.
މުއިއްޒު ވަނީ ދަށްކަން ނުޖެހޭ އިންޑިއާގެ ލޯނެއް އަނބުރާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނު ފަދަ ކަންކަން ކޮށް، ޑޮލަރުގެ ރިޒާރވް ހުސްކޮށް، މާލީ ބުރަ އިތުރު ކޮށްފައެވެ. އިގްތިސާދީ ކުރިއެރުމާއި ވަޒީފާ އުފެއްދުމަށް މުހިންމު ރޯލެއް އަދާކުރާ ބޮޑެތި މަޝްރޫޢުތައް ސަރުކާރުން ހުއްޓާލުމުން، އާންމުގެ އަތުގައި ލާރި ދައުރުވުން މަދުވެ، ފަގީރުކަން އިޤްތިޞާދުގައި އިތުރުވެ، މާލީ ހާލަތު އިތުރަށް ގޯސްވެގެން ގޮސްފައިވެއެވެ.
މީގެ އިތުރުން، ސިޔާސީ ނިންމުންތަކުން މާލީ މާހައުލު އިތުރަށް ދަތިވެފައިވެއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުން މުސާރައިގެ ޚަރަދު އިތުރުވެ، ޑިޕްލޮމެޓުން އިތުރު ކުރުމުން، މާލީ ދަތިކަން އިތުރުވެފައިވާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ދަށްވެފައިވެއެވެ. އެއީ އިގްތިސާދު ހަރުދަނާކުރުމަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ސަރުކާރަށް ނުކުޅެދޭކަމަށް ފެންނާތީއެވެ.
ބޭރު ފައިސާގެ މުޢާމަލާތްތައް ހުއްޓާލުމާ ގުޅިގެން ބީއެމްއެލްއިން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ރައީސް މުއިއްޒު ތުހުމަތުކުރެއްވުމާއެކު، މި މައްސަލަ އިތުރަށް ނާޒުކުވެގެން ދިޔައެވެ. ބޭންކުގެ ނިންމުން އަވަހަށް ބަދަލުކުރެވުނު ނަމަވެސް، މި ނިންމުމަކީ ސަރުކާރުގެ ލަފާއާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށާއި ބޮޑު ބަޣާވާތެއްގެ ބައެއްކަމަށް ރައީސް ވިދާޅުވުމުން ގައުމުގެ މާލީ މުއައްސަސާތަކުގެ ހަރުދަނާކަމާމެދު ސުވާލު އުފެދިފައިވެއެވެ.
މިފަދަ ތުހުމަތެއް، ޚާއްސަކޮށް އެންމެ މަތީ ވެރިޔާގެ ފަރާތުން އައުމުން، އިންވެސްޓަރުން ކަންބޮޑުވުން އިތުރުވެގެން ވަނީ ގޮސްފައެވެ. ބޭންކިންގ ދާއިރާއަށް އޮންނަ އިތުބާރަކީ އިގްތިސާދީ ހަރުދަނާކަމުގެ މައިގަނޑު ބިންގަލެވެ. އަދި ސިޔާސީ ނުފޫޒު ފޯރުވުމުގެ އަލާމާތެއް ފެނުމުން އޭގެ ނޭދެވޭ ނަތީޖާ މިދަނީ ފެންނަމުންނެވެ. މީގެ ސަބަބުން އިންވެސްޓަރުން ރާއްޖެއަކީ ރިސްކް ބޮޑު ތަނެއްގެ ގޮތުގައި ދެކި، ބޭރުގެ ސީދާ އިންވެސްޓްމަންޓް މަދުވެ، މާލީ އަދި އިގްތިސާދީ ހަރަކާތްތައް އިތުރަށް ދަށަށް ދާނެއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމަށް ފިޗްއިން ނިންމީ މި ފުޅާ ދާއިރާގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށްގެންނެވެ. އިތުރުވަމުންދާ ސަރުކާރުގެ ޚަރަދު، ހުއްޓިފައިވާ މަޝްރޫޢުތައް، އަދި އިތުރުވަމުންދާ ދަރަނި ފަދަ މާލީ ދަތިތަކާއި، ބަޣާވާތުގެ ތުހުމަތުތަކުން ދޭހަވާ ސިޔާސީ ހަލަބޮލިކަން ފިޗްއިން ރިޢާޔަތްކޮށްފައިވާނެ ކަމަށް ބެލެވެއެވެ. މި ހުރިހާ ކަމެއް އެއްވެގެން އުފެދިފައިވަނީ ދަރަނި ނުދެއްކުމުގެ ރިސްކް މަތިވެފައިވާ ނާޒުކު އިގްތިސާދީ މާހައުލެކެވެ.
ރޭޓިންގ ދަށްކުރުމަކީ ރާއްޖޭގެ މާލީ ނިޒާމާއި ވެރިކަން ހިންގުމުގެ ނިޒާމަށް އިތުބާރު އަލުން ގާއިމުކުރުމަށް ވަގުތުން އަދި ހަރުދަނާ އިސްލާހުތަކެއް ގެންނަން ޖެހިފައިވާކަން އަންގައިދޭ ރަމްޒީ ނިޝާނެކެވެ. މިފަދަ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ދަށަށް ދިއުމުގެ ރިސްކު އޮވެއެވެ. އަދި މިއީ ގައުމުގެ ކުރިމަގުގެ ތަރައްގީއަށް އިތުރަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
ގައުމު ބަނގުރޫޓުވުން ހުއްޓުވުމަށް، ރާއްޖެއިން ޖެހޭނީ މާލީ ކަންކަން ބެލެހެއްޓުމާއި އިންވެސްޓަރުންގެ އިތުބާރު ގެއްލުމަށް މެދުވެރިވެފައިވާ ސިޔާސީ އަދި އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ.