ޚަބަރު

ރިޕޯޓު: ދީނީ އިލްމުވެރިންގެ އަނބިން ހިފާ ހައްޔަރުކޮށް, އެބޭފުޅުން ދަރިން ހާލުގައި ޖެއްސި ރައީސެއް މުއިއްޒު މެނުވީ ރާއްޖޭގެ ވެރިކަން ކޮށްފައެއް ނެތް!

ދިޔަވަރު
ރިޕޯޓު: ދީނީ އިލްމުވެރިންގެ އަނބިން ހިފާ ހައްޔަރުކޮށް, އެބޭފުޅުން ދަރިން ހާލުގައި ޖެއްސި ރައީސެއް މުއިއްޒު މެނުވީ ރާއްޖޭގެ ވެރިކަން ކޮށްފައެއް ނެތް!

ރާއްޖޭގައި މީގެކުރީގެ ވެރިކަންތަކުގައިވެސް ދީނީ އިލްމުވެރިންނާއި އެ ސަރުކާރުތަކުގެ އިސްވެރިންނާ މައްސަލަތައް އުފެދި, ޒުވާބުތައްވެސް ހިނގާފައި އެބަހުއްޓެވެ. އަދި އެގޮތުން އުފެދުނު ބައެއް މައްސަލަތަކުގައި ތަފާތު ތަހުގީގުތަކަށް ދީނީ ބައެއް އިލްމުވެރިން ޕޮލިހަށް ހާޒިރުކޮށް ތަހުގީގުތައްވެސް ހިންގާފައި އެބަހުއްޓެއްވެ.

އަދި ބައެއް ހާލަތްތަކުގައި, ދީނީ އިލްމުވެރިން ބަންދުކޮށްފައިވާކަންވެސް މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ. އެހެންނަމަވެސް ފާހަގަކޮށްލާންޖެހޭ ނުކުތާއަކީ, ފާއިތުވެދިޔަ ވެރިކަންތަކުގައި, ސަރުކާރުގެތަކުގެ އިސް ވެރިންނާއި މައްސަލަޖެހި ތަހުގީގުތަކާއި ހަމައަށް ގޮސްފައިހުރީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ ދީނީ ބައެއް އިލްމުވެރިންނާ ކަމެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ވެރީންގެ ގޮތުގައި ތިއްބެވި ބައެއް ބޭބޭފުޅުންވެސް މެއެވެ.

އެނޫން ގޮތްގޮތުން ދީނަށް ނަސްރު ދެމުންދިޔަ ދީނީ އިލްމުވެރިނަށް ރައީސް ޔާމިންގެ ވެރިކަމުގައިވެސް އަދި ޖެހިގެން އައި ރައީސް ސާލިހުގެ ވެރިކަމުގައިވެސް ފުރިހަމަ މިނިވަންކަން ލިބިދީފައި އޮތްކަން މިއީ ސާފުކޮށް ފެންނާން އޮތް ބޮޑު ހަގީގަތެކެވެ. އަދި އަމުދުން, އުފެދިގެންދިޔަ ހިންހަމަނުޖެހުންތަކުގައި, ރާއްޖޭގެ އެއްވެސް ވެރިއަކު, ދީނީ އިލްމުވެރިންގެ އަނބިދަރިން ހިފާ ހައްޔަރުކޮށް, ޖަލަށްލާ, ދީނީ އިމްލުވެރިންގެ އަނބިދަރިންނަށް ލާއިންސާނީ އަނިޔާ ދީފައެއް ނުވެއެވެ.

މިއީ ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެންވެސް މިހަގީގަތް މި ގޮތުގައި ދެމިއޮތް ކަމެއްކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

އެހެންނަމަވެސް, ދީނީ ވަހުދަތު ހިމާޔަތް ކޮށްދޭނެކަމުގެ ދޮގު ވައުދުވެ, ވެރިކަމަށް ވަޑައިގެންނެވި ޑރ. މުއިއްޒުގެ ވެރިކަމުގައި މިއަދު ފެނިގެން މިދަނީ އިސްވެ ދެންނެވުނު ހަގީގަތާ ދިމާ އިދިކޮޅު ސިޔާސަތެއްކަން ހިތާމައާއެކު ފާހަގަ ކޮށްލާންޖޭހެއެވެ.

އެގޮތުން, ފާއިތުވެދިުޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި, ޔަހޫދީ ގާތިލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުމުއާންމުތަކާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ މައުސޫމު އެ އަންހެން ކަނބަލަކު މުއިއްޒުގެ އަމުރަށް ފުލުހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ.

ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުން ދަނިކޮށް މުއިއްޒުގެ އަމުރަށް ފުލުހުން ހައްޔަރު ކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުގެ އަނބިކަބަލުން ޝާދިޔާގެ އިތުރުން މި ހަރަކާތުގައި ހަރަކާތްތެރިވާ ޑރ. ޝަޒުރާ އެވެ. މި ދެކަނބަލުން ވަނީ ފަލަސްތީނަށް ނަސްރު ދިނުމުގެ ގޮތުން ސިލްސިލާކޮށް އަޑު އުފުލަމުން ގެންގޮސްފައެވެ.

ފުލުހުން މި ދެކަނބަލުން ހައްޔަރު ކޮށްފައިވަނީ, އިއްޔެގެ ވަގުތެއްގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު ވަނީ ޝެއިހް އިޔާޒު އަށް އިސްލާމިކް މިނިސްޓްރީން ދެމުންއައި މުސާރަ ކަނޑާލުމާއި ގުޅިގެން ރާއްޖޭގައި ހުންނަ ސައުދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކުރިމައްޗަށް އަނބިމީހާ ފޮނުވައިގެން އިހްތިޖާޖް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފައި ވަނިކޮށެެވެ.

އަނބިކަބަލުން ހައްޔަރު ކުރުމާއި ގުޅިގެން ޑރ. އިޔާޒު މިއަދު ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ތިބާގެ އަޚާ އަނިޔާވެރިވާ ޙާލުގައިވެސް އަދި އަނިޔާ ލިބޭ ޙާލުގައިވެސް ނަޞްރުދޭށޭ ޙަދީޘްގައި އަންގަވާފައިވަނިކޮށް, ފަލަސްޠީނުގެ އަޚުންނާއި އުޚްތުން ކަތިލެވެމުން ދާކަމާއި, އެބައިމީހުންނަށް ނަޞްރުދޭންޖެހޭ ކަމަށް ބުނެ އާދޭސްކުރަމުން ގެންދިޔަ ދެއުޚްތުން ތިން ދުވަހުގެ މުއްދަތަށް ހައްޔަރު ކުރުމަށް, ފަލަސްޠީނަށް ނަޞްރުދޭކަމަށާއި, އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާކަމަށް, އަދި ޝަރީޢަތަށް އަތްނުބާނާނެ ކަމަށް ބުނެ ދަޢްވާކުރަމުން ގެންދާ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

މާތް الله އެދެއުޚްތުންނަަށާއި ޢާއިލާ އަށް ކެތްތެރިކަމާއި ޘާބިތުކަން ދެއްވާށި. އަނިޔާވެރިން ނިކަމެތި ކުރައްވާ ބަލިކުރައްވާށި. އަނިޔާވެރިންގެ ނިމުން އަވަސްކުރައްވާ, މިއަނިޔާތަކުގެ ބަދަލު އެބައިމީހުންނަށް ޖައްސަވާށި. އާމީން.

މުއިއްޒު ހަލާކު ކުރެއްވުމަށް ދުއާ ކުރައްވަމުން ޑރ. އިޔާޒުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މި ސަރުކާރުން ދަނީ އިޒްރޭލާއި ދެކޮޅަށް ރާއްޖޭގައި އެއްވެސް ހަރަކާތެއް ހިންގުން މަނާ ކުރަމުންނެވެ. އެގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލިހަށް ހުށަހެޅި ބިލުގެ މަސައްކަތްވެސް މުއިއްޒުގެ އެންގުމަށް މަޖިލީހުގައިވަނީ ޕާކު ކޮށްފައެެވެ.

ދީނީ އިލްމެރިންގެ އަޑު ކަނޑުވާލުމަށް, އެ ބޭފުޅުންގެ އަނބި ދަރިންގެ ގަޔަށް ބޮލަށް އަރައިގަތުމަކީ ހަގީގަތުގައިވެސް ވަރަށް ނާތަހުޒީބު ހަޑިމުޑުދާރު އަމަލެކެވެ. ހުލަނގުގެ ގައުމުތަކުގެ އުނގަށް ވެއްޓި, ލިބެން އޮތް ވަގުތީ މާއްދީ މަންފާއަކަށް މުއިއްޒު ގެންދަވަނީ ދިވެހިންގެ ދީން ގުރުބާން ކުރަމުންނެވެ.

މިއީ މުއިއްޒުގެ ވެރިކަން ބަދަލުކުރުމުގެ އިތުރު ހުއްޖަތަކަށް މިއަދު ބޭނުން ވެފައި ނުވާކަމުގެ އަލިގަދަ ހެއްކެއްކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.