ރާއްޖޭގެ ފިޗް ރޭޓިންގ CC އަށް ވެއްޓުމުގެ އެއް ސަބަބަކީ، އެހީތެރި އިންޑިޔާ އާއި ދެކޮޅަށް މުއިއްޒު ގެންގުޅުނު އަނިޔާވެރި ޚާރިޖީ ސިޔާސަތެވެ. ވެރިކަން ލިބުމުން، ލަސްނުކޮށް އެ ސިޔާސަތު ބަދަލު ކުރި ނަމަ، ރާއްޖޭގެ މާލީ ހާލަތު މިހާ އަވަހަށް މިހާ ދަށަށް ނުވެއްޓޭނެއެވެ.
އެކުވެރި، އަދި އަމުދުން އެހީތެރިވާ ޤައުމުތަކަކީ ކޮބައިކަން ދެނެގަނެ، ފޮރިންގ ޕޮލިސީ އެއް ހަމައެއްގައި ދެމެހެއްޓުމަކީ ޤައުމުގެ އިޤްތިޞާދީ އަދި، ސީޔާސީ ހަމަ ޖެހުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.
މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރު ކުރަންވީ ހުރިހާ ރައީސުން ހެން އިންޑިޔާއަށެވެ. އިންޑިޔާއިން ދޭ މެހެމާންދާރީގައި، އޭރުގެ ވެރިކަމަށް އަންނަ ފަރާތެއްގެ މެނިފެސްޓޯ އާއި ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީ ތެރިކަން އަބަދުވެސް ވަނީ ފޯރުކޮށް ދީފައެވެ. ފުރަތަމަ ދަތުރުން އެ ޔަގީން ކަން ހޯދުމަކީ ރިޔާސަތުގެ ކުރިއަށް އޮތް 5 އަހަރުގެ ދައުރަށް ލިބޭ ވަރަށް ފުރިހަމަ އުންމީދެކެވެ. އަދި ރަނގަޅު ފަށައިގަތުމެކެވެ.
ނަމަވެސް ރައީސް މުއިއްޒު ނިންމެވީ އެއްވެސް ސަބަބެއް ނެތި އޭރު އިންޑިޔާއާއި ޖެހިގަނެގަނެ، ހައްދު ފަހަނައެޅި ކަނައަތު ފިޔާގެ ޤައުމިއްޔަތުގެ ކެމްޕެއިނެއް ވެރިކަމުގައި ހުރެގެންވެސް ހިންގާށެވެ. ވިސްނެވީ އިންޑިޔާއަށް ނަފްރަތުކޮށް، ޑިޕިއުޓީ މިނިސްޓަރުން ލައްވައި، ހަޑިހިތުރު ބަސް އިންޑިޔާގެ ބޮޑުވަޒީރަށް ރައްދު ކުރުމުން ޗައިނާއިން އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށެވެ. ނަމަވެސް، އެއީ ކުށް ހީއެކެވެ. އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރާ ވެރިންނަކަށް އެއްވެސް ޤައުމަކުން އިޚްތިރާމެއް އިތުބާރެއް ނުކުރާނެއެވެ. މިއަދު އިންޑިޔާއާއި ގާތް ގުޅުމެއް ބާއްވަން އެކުރާ މަސައްކަތުން، އޭރު އިންޑިޔާއާއި ޖެހިގަނެ ނަފްރަތު އުފައްދަމުން ދިޔައީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަން ސާފުވެއެވެ.
ދެވަނަ ކަމަކީ އިންޑިޔާ އިން ފޯރުކޮށްދޭ ކްރެޑިޓް ފެސިލިޓީއެވެ. މި ފެސިލިޓީގެ ރަނގަޅު ވާހަކަ މީގެ 2 ހަފްތާ ކުރިން މުއިއްޒުގެ ފިނޭންސް މިނިސްޓަރ ޓީވީ ގައި އެ ދެއްކީއެވެ. އަދި އެ ފެސިލިޓީގެ ދަށުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް ވިސްނާ ވާހަކަ އެ ވިދާޅުވީ 8 މަސް ފަހުންނެވެ. އެކަމާއި ފުރަތަމަ ދުވަހު އުޅުނު ނަމަ، މިއަދު އަޅުގަނޑުމެން އިޤްތިޞާދުގެ ތެރެއަށް އެ ފައިސާ ވެސް ޕްރޮޖެކްޓްތަކުގެ ސިފާގައި ވަންނާނެއެވެ.
ތިންވަނަ ކަމަކީ، ވާނުވާގައި ތިބެ އިންޑިޔާއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނެވެ. މި ލޯނު ދައްކަން ސަރުކާރަކަށް ނުޖެހެއެވެ. މި ލޯނުގެ އިންޓްރެސްޓްވެސް އެސްބީއައި އަށް ދައްކަނީ އިންޑިޔާ ސަރުކާރުންނެވެ. މިހެން މިކަން އޮއްވާ 50 މިލިއަން ޑޮލަރާއި އޭގެ އިންޓްރެސްޓު އިންޑިޔާއަށް ދެއްކީ ސަރުކާރުގެ ނާގާބިލު ކަމުންނެވެ. ސަރުކާރުން މި ފައިސާ އިންޑިޔާއަށް ދެއްކީ، ބޭންކް އޮފް މޯލްޑިވްސް އިން ސަރުކާރު ކުންފުންޏެއްގެ ނަމުގައި ލޯނު ނަގައިގެންނެވެ. މިކަން މިގޮތަށް ނުކޮށް، މި ފައިސާ ނު ދެއްކި ނަމަ، ބީއެމްއެލްގެ ޑޮލަރު ހުރި ވަރު ދަށަށް ގޮސް ޑޮލަރުގެ ދަތިކަންވެސް ކުރިމަތި ނުވީހެވެ.
މިކަންކަން ރާއްޖެއަށް ކުރިމަތި މިވީ ސީދާ މުއިއްޒުގެ ސަބަބުންނެވެ. މިއީ އެމަނިކުފާނު ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ދެކޮޅު ނުޖެހޭ ކަމުން ކުރިމަތިވި ހިތާމަވެރި ދުވަހެކެވެ. މިކަންކަމާއި މުއިއްޒު ޒިންމާ ނަންގަވައި، އިސްތިއުފާ ދެއްވަން ޖެހެއެވެ. ރާއްޖޭގެ މާލީ ހާލަތު މިހާވަރަށް ދަށްވެފައި މިވަނީ ސީދާ މުއިއްޒުގެ ސަބަބުންނެވެ.