އެމްޑީޕީއަށް ވޯޓު ނުދިނުމަށް ގޮވާލައި، އަދި ރާއްޖެ މިނިވަންކަން ގެއްލިފައި ކަމަށް ދޭހަވާހެން ކަނޑައެޅިގެން ދޮގު ހަދައި، ﷲގެ ދީނުގައި ވާކަންކަމާއި އެމްޑީޕީ ދެކޮޅު ކަމަށް ދައްކައި، ޕީއެންސީގެ ދޮގުތައް ދީނަށް ލޯބި ކުރާ ދިވެހި ލޮބުވެތި ރައްޔިތުންގެ ބޮލަށް ތެދުކަމަށް ވެއްދުމަށް، ސަލަފުން ދެ ޖަލްސާ ބާއްވާއި، ދަރުސް ދީފައި ވެއެވެ. މިކަން ކޮށްފައިވަނީ އަމިއްލަ ސިޔާސީ ބާރުވެރިކަން ހޯދުމަށެވެ.
ނަމަވެސް، މިއަދު އިޒްރޭލުން 42 ހާސް މުސްލިމުން (އަންހެނުންނާއި ކުޑަ ކުދިން ހިމެނޭހެން) މަރާލުމުންވެސް، އިޒްރޭލާއި ދެކޮޅަށް ތެދުވެ، މީހުން އެއްކޮށް ޖަލްސާ ބާއްވައި، ދަރުސް ދީފައި ނުވެއެވެ. ފެންނަމުން ދަނީ އިޒްރޭލާއި ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތައް ހައްޔަރު ކުރުމުން އެކަމަށް ތާޢީދު ކޮށް ނުކުތް ތަނެވެ.
ސަލަފުގައި ތިބި މީހުން ވަނީ، އިންޑިޔާ އަކީ ޣައިރު ދީނުގެ މީހުން ކަމަށާއި، އެމީހުންނާއި ދެކޮޅަށް ކުރި މުޒާހަރާތަކަށާއި، އިންޑިޔާ ހައިކޮމިޝަން ކުރިމަތީ މުޒާހަރާ ތަކަށް ތާޢީދު ކޮށްފައެވެ. އެފަދަ މުޒާހަރާއެއް ނުކުރުމަށް އެދި ފައި ނުވާއިރު، ސަލަފުގެ ބައިވެރިން އެކި ސޯޝަލް މީޑިޔާތަކުގައި އެކަމަށް ބާރު އަޅަމުން އޭރު ގެންދިޔައެވެ.
މުއިއްޒުގެ ވެރިކަމުގެ ކޮންމެ ދުވަހަކީ ސަލަފުގެ ދެފުށް ދެގޮތް ކަން ބޭޒާރު ވަމުންދާ ދުވަހެކެވެ. މި މީހުންނަކީ ދީނީ ބަޔަކު ކަމުގައި ހެދި، ސިޔާސީ މަޤުޞަދެއް ހާސިލު ކުރުމަށް، އަމިއްލަ ފައިދާއަށް މުއިއްޒުގެ ލާދީނީ ސަރުކާރަށް ތާއީދު ކުރުމުގައި ތިބި، ބަޔަކު ކަން ނޭނގޭ ބަޔަކު ރާއްޖޭގައި މިހާރު މަދެވެ.
އިބޫގެ ސަރުކާރާއި ދެކޮޅަށް ދެ ޖަލްސާ ބާއްވައި އެތައް ދަރުސެއް ދިން ބަޔަކަށް، އިޒްރޭލާއި ދެކޮޅަށް އެންމެ ދަރުސެއް ނުދެވިގެން އުޅެނީ، ސަލަފަކީ ސިޔާސީ ޖަމާއަތަކަށް ވުމުންނެވެ. އަދި ދީނަކީ އެމީހުން ރައްޔިތުންނަށް އެމީހުން ނުބައި ސޫރަ ރީތި ކުރުމަށް ދައްކާ މަންޒަރަކަށް ވުމުންނެވެ. މާތް ﷲ މިފަދަ ނުބައި މީހުންގެ ފަރާތުން އަޅަމެން މުސްލިމް ރައްޔިތުން ސަލާމަތް ކުރައްވައި، ފަލަސްތީނާއި، ފަލަސްތީނަށް ތާޢީދު ކުރާ މުސްލިމުންނަށް ކާމިޔާބު ދެއްވާންދޭވެ. އަދި ޔަހޫދީންނާއި، އެމީހުން ބައިވެރިން ނިކަމެތި ކުރައްވައި ބަލި ކުރައްވާންދޭވެ. އާމީން.