ރާއްޖޭގައި ހުކުރު ޚުޠުބާގައި ފަލަސްތީނަށް ނަސްރު ދެއްވިން އެދި ކުރަމުން އައި ދުއާކުރުން ހުއްޓާލައިފިއެވެ.
އިސްރާއީލުން ފާއިތުވި 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ފަލަސްތީނުގެ ޣައްޒާއަށް ދޭންފެށި އުދުވާނީ ހަމަލާތައް ފެށިފަހުންވެސް ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ޚުޠުބާ ނިންމާލުމުގެ ކުރިން, ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ދުޢާކުރެއެވެ.
އެހެންނަމަވެސް މިއަދުގެ ހުކުރު ޚުޠުބާގައި ފަލަސްތީނަށް ނަސްރު ދެއްވުން އެދި ދުއާ ކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ހުކުރު ޚުޠުބާގައި ފަލަސްތީނަށް ނަސްރު ދެއްވުން އެދި ދުއާކުރުން ހުއްޓާލާފައިވާއިރު, މުއިއްޒުގެ ސަރުކާރުން ދަނީ އިސްރާއީލާ ދޮކޮޅަށް އަޑު އުފުލާ ފަރާތްތައްވެސް ހައްޔަރު ކުރަމުންނެވެ. އެގޮތުން ފާއިތުވި ހަފްތާގައި މުއިއްޒުގެ އަމުރަށް ފުލުހުންވަނީ, ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުގެ އަނބިކަބަލުންވެސް ހިމެނޭހެން, ފަލަސްތީނުގެ ހައްގުގައި, އަދި އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދެ އަންހެން ކަނބަލުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައެވެ. އަދި ފަހުން ކޯޓުން ވަނީ އެ ދެކަނބަލުންގެ ބަންދަށް 3 ދުވަސް ޖަހާފައެވެ.
މި ސަރުކާރުން ދަނީ އިޒްރޭލާއި ދެކޮޅަށް ރާއްޖޭގައި އެއްވެސް ހަރަކާތެއް ހިންގުން މަނާ ކުރަމުންނެވެ. އެގޮތުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލިހަށް ހުށަހެޅި ބިލުގެ މަސައްކަތްވެސް މުއިއްޒުގެ އެންގުމަށް މަޖިލީހުގައިވަނީ ޕާކު ކޮށްފައެެވެ. އަދި ރާއްޖޭގެ އެތައް ރައްޔިތުންނެއްގެ އެދުމާއި ދެކޮޅަށް މުއިއްޒު ގެންދަނީ އިޒްރޭލުގެ ގާތިލުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.
އޭގެ އިތުރުން, ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔެ, އިޒްރޭލުގެ ޓެރަރިސްޓު ހަމަލާއަކުން ޝަހީދުކޮށްލުމުން, އިސްމާއިލް ހަނިއްޔެގެ މައްޗަށް ޢައިބަށް ކަށުނަމާދު ކުރުންވެސް މިސަރުކާރުން ރާއްޖޭގައި މަނާކޮށްފައި ވެއެވެ.
ހަގީގަތުގައިވެސް, ޣައްޒާގެ ރައްޔިތުންގެ އިހުސާސްތަކާއި, އެ ސިޓީގައި ހިންގަމުންދާ ގަތުލުއާންމުތަކަށް ދެލޯ މަރާލުމަށްފަހު, އިސްރާއީލުގެ ގާތިލުން ރާއްޖެއަށް ދޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި, އެމީހުންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން މުއިއްޒުއަށް ކަހާތަން ހިރުވާވެސް ނުލާ ހުރެވެނީ އަގަލެއް ކުލުނެއް ނެތުމުންނެވެ.
ރާއްޖޭގައި ހިންގަމުންދާ އިޒްރާއީލުގެ ފުޑް ޗައިންތަކުން ލިބޭ މަދު ފައިސާކޮޅެއްގެ ދަތިވެތިކަމުގައި އެތަންތަނަށް ފިޔަވަޅު ނާޅާ މުއިއްޒުއަށް ހުރެވެނީ ތިމާއަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް މީހަކަށް ވާތީއެވެ. އަދި އެންމެ ފަހުން މިސަރުކާރުން މިވަނީ ފަލަސްތީނަށް ނަސްރުދިނުމަށް އެދި ރާއްޖޭގެ މިސްކިތްތަކުގައި ދުއާކުރުންވެސް ހުއްޓާލާފައެވެ.
މިއީ މުއިއްޒު ދީނާއި ގައުމަށްވަމުންދާ ބޮޑު ޚިޔާނާތެކެވެ.