ޚަބަރު

ޤައުމުގެ މާލީ ހާލަތު، ރަނގަޅު ކުރާނެ ކަމަށް ބުނެ އިއްޔެ ބަޔާނެއް ނެރުމަށް ފަހު، މިއަދު އިތުރު ނައިބަކު ސަރުކާރުން އައްޔަންކޮށްފި

ދިޔަވަރު
ޤައުމުގެ މާލީ ހާލަތު، ރަނގަޅު ކުރާނެ ކަމަށް ބުނެ އިއްޔެ ބަޔާނެއް ނެރުމަށް ފަހު، މިއަދު އިތުރު ނައިބަކު ސަރުކާރުން އައްޔަންކޮށްފި

މާލީ ތާށިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ހެލްތު މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނުކޮށްފި އެވެ.

ކަން މިހެން އޮއްވާ ފިޗްގެ ރޭޓިން ސީސީ އަށް ދަށް ކުރުމުން، މާލީ ހާލަތު ރަނގަޅު ކުރާނެ ކަމަށް ސަރުކާރުން އިއްޔެ ބަޔާން ނެރެފައި ވެއެވެ. މި ބަޔާން ނެރުމަށް ފަހު، ސަރުކާރުގެ އިތުރުވެފައިވާ ސިޔާސީ މަގާމުތަކަށް އިތުރު ފަރާތެއް އައްޔަން ކުރުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ. ފިޗް ރޭޓިންގ ދަށްވުމުގެ ސަބަބު ތެރޭގައި ސަރުކާރުގެ ޚަރަދު ބޮޑުވުން ހިމެނެއެވެ.

ހެލްތުގެ ނައިބަކަށް އައްޔަނުކުރީ ނަޒްލީން ނަޖީބު، ފީރޯޒްގެ، ގއ. ވިލިނގިލި އެވެ. އޭނާ ނައިބަކަށް އައްޔަނު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާގެ ރައްޓެހިންނާއި އާއިލާ މީހުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ނަޒްލީންއަކީ ގއ. ވިލިނގިލީގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައީސް އެވެ. އޭނާ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ޑޮލަރުގެ ތާށިކަން އިންތިހާއަށް އޮތް ދަނޑިވަޅުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުނުކޮށް، އަދިވެސް އިތުރަށް ސިޔާސީ މުވައްޒަފުން ނަގަމުންދާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާށެވެ. ނަމަވެސް އެ އަދަދު އެއަށް ވުރެ ބޮޑު ތަނުން ވަނީ އިތުރުވެފަ އެވެ. ލަފާކުރެވޭ ގޮތުގައި 2000 އަށް ވުރެ ގިނަ ސިޔާސީ ފަރާތްތަކަށް ސަރުކާރުން މަގާމު ދީފައިވެއެވެ.