ޚަބަރު

ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ! ޑްރޯން ތައް ކޮބާ؟

ދިޔަވަރު
ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެނޭ! ޑްރޯން ތައް ކޮބާ؟

ކ. އަތޮޅު ހުވަފެންފުށި ކައިރީ އޮތް ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ސަރުކާރުން ވަނީ އެތައް މިލިއަނެއް ހޭދަކޮށް ޑްރޯން ތަކެއް ތުރުކީއިން ގަނެފައެވެ. ނަމަވެސް މި ޑްރޯންތައް ސަރުކާރުން ބޭނުން މިކަމަށް ބޭނުން ކުރިކަމެއް އެނގޭކަން ނެތެވެ.

އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ މާލެ ސިޓީ ކައުންސިލްގައި ވަޒީފާގައި އުޅޭ މ. އަސަރީހަދާން، ތަސްލީމް މުހައްމަދު، 43، އެވެ. އޭނާ ގެއްލުނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ.

"އޭނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވޭ،" އިއްޔެ ފުލުހުން ބުންޏެވެ.

އޭނާ ހޯދުމަށް ފުލުހުން ދަނީ ސިފައިންގެ އެހީތެރިކަމާއެކު ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެމްއެންޑީއެފުން މިއަދު ބުނީ ތަސްލީމް ހޯދުމަށް އެ ފިނޮޅުގެ ވަށައިގެން 5000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލް ކޮށްގެން އަދި 3000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑުގެ ޑައިވަރުން ބަލާފައިވާ ކަމަށެވެ.

ނަމަވެސް، އެ މީހާ ގެއްލިފައިވަނީ މޫދަށްކަން ކަށަވަރުނުވާތީ އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑުކުރަނީ ފުލުހުން ކަމަށް ވެސް ސިފައިން ބުންޏެވެ.

މި ނޫހާ ވާހަކަ ދައްކަމުން ތަސްލީމްގެ އާއިލާއިން ބުނީ އޭނާ ގެއްލިގެން އިއްޔެ ފުލުހުންނާއި އެމްއެންޑީއެފްއަށް ވެސް އަންގާފައިވާ ކަމަށެވެ. ދަތުރު ދިޔަ ފިނޮޅަކީ ފުދޭ ވަރަކަށް ބޮޑު ތަނެކެވެ. އެވަގުތު އެތަނުގައި އެހެން ބަޔަކު ވެސް އުޅުނެވެ.